ads
ތިން މަހުގެ މެދުކެނޑުމަކަށް ފަހު ބޯޑަރު ހުޅުވުމުން ރާއްޖެއަށް މިއަދު ފަތުރުވެރިން އައުން- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ފަތުރުވެރިން އައި އަދަދު 61 އިންސައްތަ އިތުރުވެއްޖެ!
ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވިފަހުން މިދިޔަ މަހު ރާއްޖެއައި ފަތުރުވެރިންގެ އަދަދު 61 އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވިފަހުން ފުރަތަމަ ދެ މަހުގެ ތެރޭގައި ޖުމުލަ 13،516 ފަތުރުވެރިން ރާއްޖެއައިސްފައިވާ ކަމަށެވެ. 

ބޯޑަރު ހުޅުވުނު ދެވަނަ މަހު ފަތުރުވެރިން ރާއްޖެއައި އަދަދު 61 އިންސައްތަ އިތުރުވެފައިވާކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތުދެ އެވެ. 

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ސެޕްޓެމްބަރު މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 4458 ފަތުރުވެރިން ރާއްޖެވަނީ އައިސްފައެވެ. އެ މުއްދަތުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއައިސްފައި ވަނީ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. އެދުވަހު 486 ފަތުރުވެރިން ރާއްޖެއައިސްފައިވެ އެވެ. 

ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި އެކު މިހާރު ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެ އަންނަން ޖެހެނީ ކޮވިޑް-19 އަށް ނެގެޓިވް ޕީސީއާރް ޓެސްޓަކާއި އެކު އެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވަނީ އަމާޒަކީ 2021 ވަނަ އަހަރު އެއް މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުން ކަމަށެވެ. 

ކޮވިޑާ ގުޅިގެން މުޅި ދުނިޔޭގެ އިގްތިސޯދު ހީނަރުވެފައި ވާއިރު، އެންމެ ބޮޑު އަސަރެއް ކުރަމުން ދަނީ ރާއްޖެ ފަދަ ޓޫރިޒަމަށް ބަރޯސާވެފައިވާ ކުދި ޖަޒީރާ ގައުމުތަކަށެވެ. މި އަހަރު ރާއްޖޭގެ އާމްދަނީ 30 ބިލިއަން ރުފިޔާގެ ގޮތުގައި ކުރިން ލަފާ ކުރި ނަމަވެސް، އެންމެ ރަނގަޅު ހާލަތުގައި ވެސް އާމްދަނީ ދެން ހުންނާނީ 15 ބިލިއަން ރުފިޔާގައި ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް