ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިންޑިއާގެ ސްޓޭޓް ޝިޕިން މިނިސްޓަރު ޝްރީ މަންސުހް އެލް މަންޑަވިޔާ އެވެ.
އެ ރަސްމިއްޔާތުގައި ޓުޓިކޮރިން އަދި ކޮޗިން ބަނދަރު ތަމްސީލް ކުރާ ފަރާތްތަކާއި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި ފޮރިން މިނިސްޓްރީގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިއަދު ފެށި ކާގޯ ފެރީގެ ހިދުމަތާއެކު އިންޑިއާގެ ޓުޓިކޮރިން އަދި ކޮޗިން އާއި ރާއްޖޭގެ ކުޅުދުއްފުށި އަދި މާލެ ބަނދަރު ގުޅުވައިދޭނެ އެވެ.
އެ ހިދުމަތް ފޯރުކޮށްދޭ އުޅަނދު އެމްސީޕީ ލިންޒް އޮޕަރޭޓް ކުރާނީ ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާ އިންނެވެ. އިންޑިއާއިން ފުރައިގެން އެ ބޯޓު ކުޅުދުއްފުއްޓަށް އަންނާނީ މި މަހު 26 ގައެވެ. އޭގެ ފަހުން އެ ބޯޓު މާލޭގައި ބަނދަރު ކުރާނީ މި މަހު 28 ގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޖުމްލަ 380 ޓީއީޔޫ އަދި 3000 މެޓްރިކް ޓަނުގެ ކާގޯ އުފުލޭ އެ ބޯޓުގެ ޓާން އަރައުންޑް ޓައިމަކީ 10-12 ދުވަހެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު ފުރަތަމަ ފަހަރަށް ފެރީ ދަތުރު ފަށަން ނިންމާ އެކަން އިއުލާނު ކުރެއްވީ އެގައުމުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިދިޔަ އަހަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ހިދުމަތް ފެށުމުގެ މަގްސަދަކީ ދެ ގައުމުގެ މެދުގައިވާ ވިޔަފާރީގެ ގުޅުން ބަދަހި ކުރުމެވެ. އެގޮތުން ކޮޗިން މެދުވެރިކޮށް ދިވެހި މަސް ޔޫރަޕަށް ފޮނުވުމަށް ފަސޭހަ ވާނެ ކަމަށް ބެލެވެ އެވެ.
ކޮޗިން ބަނދަރުން މިހާރު ވެސް ހަފްތާއަކު އެއް ފަހަރު 6500 ޓީއީޔޫގެ ކާގޯ އުފުލޭ އުޅަނދެއް ޔޫރަޕަށް ދަތުރު ކުރެ އެވެ. އިންޑިއާ މި ވަގުތު އޮތީ ރާއްޖޭގެ ވިޔަފާރީގެ ޕާޓްނަރުންގެ ތެރެއިން ހަތަރުވަނައިގަ އެވެ.