ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތެއްގައި އެމެރިކާ ސަފީރު އެލެއިލާ ޓެޕްލިޓްޒް ރަމްޒީ ގޮތުން ހަދިޔާ ކުރެއްވި ވެންޓިލޭޓަރުތަކާ ހަވާލުވެ ވަޑައިގެންނެވީ ލަންކާ ސަފީރު އުމަރު އަބްދުލް ރައްޒާގެވެ.
އެމެރިކާ ސަރުކާރުގެ ފަރާތުން ހަދިޔާ ކުރި ވެންޓިލޭޓަރުތައް ފެސިލިޓޭޓް ކޮށްފައި ވަނީ ޔޫއެސް އެއިޑުންނެވެ. ރާއްޖޭގެ 20 އަތޮޅަށް މި ވެންޓިލޭޓަރުތައް ބަހާނީ ހެލްތު މިނިސްޓްރީގެ ފަރާތުންނެވެ.
އެ ތަކެތި ހަދިޔާ ކުރުމުގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ސިއްހީ ނިޒާމުގެ ކެޕޭސިޓީ ފުޅާކޮށް، ތައްޔާރީ ހާލަތެއްގައި ތިބުމަށް އެހީވުން ކަމުގައި އެމެރިކާއިން ބުނެ އެވެ.
އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ އެމެރިކާއަކީ ރާއްޖޭގެ ގާތް، ބަރޯސާވެވޭ ގައުމެއް ކަމަށާއި ވަކިން ހާއްސަކޮށް ގޮންޖެހުންތަކާ ދިމާވާ ހާލަތްތަކުގައި އެމެރިކާގެ އެހީ އަބަދުވެސް ލިބޭ ކަމަށެވެ.
ސަފީރު ޓެޕްލިޓްޒް ވިދާޅުވީ އެމެރިކާގެ އެހީތެރިކަން އަބަދުވެސް ރާއްޖެއަށް ލިބޭނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެން ދާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ވެންޓިލޭޓަރުތަކުގެ ސަބަބުން ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމާއެކު ހޮސްޕިޓަލުތަކުގެ އައިސީޔޫ ކެޕޭސިޓީ ފުޅާވެގެން ދާނެ ކަމަށާއި، ބަލިމަޑުކަމަށް ފަހު ވެސް އެހެން ބަލިތަކުގެ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރުތަކުގެ ބޭނުން ހިފޭނެ ކަމަށެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެމެރިކާއިން މިހާތަނަށް ހަތަރު މިލިއަން ޑޮލަރުގެ އެހީ ވަނީ ފޯރުކޮށްދީފަ އެވެ.
އޭގެ ތެރޭގައި ދެ މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި ގިނަ އަދަދެއްގެ ޕީޕީއީ އާއި ޕީސީއާރް މެޝިން އަދި އެހެން ސިއްހީ އިކުއިޕްމަންޓް ހަދިޔާކުރުން ހިމެނެ އެވެ.