ads
ރައީސް ޔާމީން އަދި އަދުރޭ
ރައީސް ޔާމީންއަކީ ކުށެއްނެތް މައުސޫމް ބޭފުޅެއް: އަދުރޭ
ކުރީގެ ރައީސް ޔާމީންއަކީ ކުށެއްނެތް މައުސޫމް ބޭފުޅެއް ކަމަށާއި ދިވެހި ގައުމުގެ ކޮންމެ ރައްޔިތެއްގެ ހިތުގެ އެދުމަކީ ރައީސް ޔާމީން މިނިވަންވުންކަމަށް ޕީއެންސީގެ ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީންގެ ރަނިން މޭޓްގެ ގޮތުގައި ވާދަކުރެއްވި ޕީޕީއެމް ކައުންސިލް މެމްބަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އެޑްވައިޒަރު ކަމުގެ މަގާމަށް އައްޔަން ކުރުމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުރަހީމް  ވިދާޅުވީ މިހާރު މިއޮތް ސަރުކާރުގެ އަނިޔާވެރިކަމުގެ ސަބަބުން އެއްވެސް ކުށެއްނެތް ބޭފުޅަކު ނުހައްގުން ޖަލުގައި ހުންނަވާތާ މާދަމާއަށް 300 ދުވަސް ހަމަވާނެކަމަށާއި މިއަދު ގައުމު މިހާލަތައް އައިއިރު ދިވެހި ގައުމުގެ ކޮންމެ ރައްޔިތެއްގެ ހިތުގެ އެދުމަކީ ރައީސް ޔާމީން މިނިވަންވުން ކަމަށެވެ. 

އަބްދުރަހީމް ވިދަޅުވީ ރައީސް ޔާމީން އަކީ ކުށެއްނެތް މައުސޫމް ބޭފުޅެއް ކަމަށާއި ދިވެހި ގައުމަށް އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ކަމަށެވެ. އަދި އެފަދަ ބޭފުޅަކު 300 އެތަށް ދުވަހެއް ވަންދެން ނުހައްގުން ޖަލުގައި ހޭދަކުރައްވަން ޖެހި ވަޑައިގަތުން އެއީ މުސްތަގުބަލުގައި ރައްޔިތުން މާއާފުކުރާނެ ކަމެއް ނޫންކަމަށެވެ.

"ރައީސް ޔާމީން އަކީ ކުށެއްނެތް މައުސޫމް ބޭފުޅެއް. ދިވެހި ގައުމަށް އަގު ނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއް ދިވެހި ރާއްޖޭގެ ދިގު ތާރީހުގައި މިގައުމުގެ ވެރިކަން ކުރެއްވި އެއްވެސް ބޭފުޅަކު ގައުމާއި ރައްޔިތުންގެ ހައްގުގައި ނުކުރައްވާ ވަރުގެ ގިނަގުނަ ހިދުމަތްތައް ކޮށްދެއްވި އަގުހުރި ގައުމީ ލީޑަރެއް. ދިވެހި ރައްޔިތުން ދެކެ އިންތިހާއަށް ލޯބިވެވަޑައިގަންނަވާ ގައުމީ ޒައީމެއް. އެފަދަ ބޭފުޅަކު 300 އެތަށް ދުވަހެއް ވަންދެން ނުހައްގުން ޖަލުގައި ހޭދަކުރައްވަން ޖެހި ވަޑައިގަތުން އެއީ މުސްތަގު ބޮލުގައި ރައްޔިތުން މާއާފުކުރާނެ ކަމެއް ނޫން. މިއަދު ގައުމުގެ މިހާލަތައް އައިއިރު ދިވެހި ގައުމުގެ ކޮންމެ ރައްޔިތެއްގެ ހިތުގެ އެދުމަކީ ރައީސް ޔާމީން މިނިވަންވުން. އަޅުގަނޑުމެން ކުރާ ގައުމީ މަސައްކަތް އަޅުގަނޑުމެންނަށް ކާމިޔާބް ކުރެވެން އިތީ ރައީސް ޔާމީން މިނިވަން ކޮށްގެން . ދިވެހި ގައުމު ދިވެހިންގެ ގައުމެއްގެ ގޮތުގައި ސަލާމަތް ކުރެވެން އިތީ ހުންގާނުގައި ރައީސް ޔާމީން އަމަލީ ގޮތުން ހިއްޕަވަގެން . މިއަދު ވެސް ރައީސް ޔާމީން ހުންނެވީ އަޅުގަނޑުމެންގެ ގައުމީ ނަވުގެ ހުންގާނުގަ. އެހެންނަމަވެސް އެއީ ރޫހީ ގޮތުން އަމަލީ ގޮތުން އެމަނިކުފާނު އަލުގަނޑުމެންނާއި ބައިވެރިވެ ވަޑައިގަތުން އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އުއްމީދު ނުކުރާހާއަވަހަށް ކާމިޔާބު ވެގެންދާނެ ކަމެއް. " އަބްދުރަހީމް ވިދާޅުވިއެވެ

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުރީހްމް ވިދާޅުވީ މިއަދަކީ އަނެއްކާވެސް ޕާޓީގެ މަސައްކަތައް އިތުރު ކުރިއެރުމެއް ލިބިގެންދިޔަ ދުވަހެއްކަމަށާއި ގައުމު މިއޮތް ހާލަތުގައި ޑރ. ޝަަހީމް ފަދަ ބޭފުޅަކު އިސްސަފުގައި މަސައްކަތްކުރެއްވުމަށް ނިކުމެވަޑައިގެންނެވުމަކީ ޕާޓީގެ މަސައްކަތައް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

މިއަދު އެޑްވައިޒްރު ކަމުގެ މަގާމަށް ޑރ. ޝަހީމް އައްޔަން ކުރެވިގެން ދިއުމަކީވެސް ތާރީހީ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ދެ އަހަރުކުރިން ކުރީގެ ރައީސް ޔާމީން ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަ ފުޅުގެ މަތިން ވަރަށް ބޮޑަށް ހަދާން ވާކަަމަށާއި މިއަދު އެ ތަގުރީރު އަޑުއަހާލުމުން އިގިގެންދަނީ ރައީސް ޔާމީންގެ ދުރު ވިސްނިވަޑައިގަތުމާއި އެމަނިކުފާނުގެ ހިތުގައި އޮތް ގައުމީ ލޯބިކަމަށެވެ. އެދުވަހު އެމަނިކުފާނު ދިވެހި ރައްޔިތުންނަށް ކުރެއްވި ވަސީޔަތާއި ކުރެއްވި އިލްތިމާސް އާއި އެދުވަހު އެ ތަގުރީރުގަ އެމަނިކުފާނު ވިދާޅުވި ކަންތައްތައް އަކުރުން އަކުރަށް ފިލިން ފިއްޔަށް ދިމާވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއަދަު މިހާލަތުގައި އެ ތަގްރީރު އަޑުއަހާލީމަ ރައީސް ޔާމީން ހިތުގައި އޮތް ލޯތްބާއި އަދި ގައުމާއި ދޭތެރޭގައި ރައީސް ޔާމީން ގެންގުޅުއްވި ވިސްނުންފުޅާއި ހަމައެޔާއިއެކު އެމަނިކުފާނުގެ ދުރުމީއަށް މިއަދުގެ ހާލަތު ފެނިވަޑައިގެންގޮތް އަޅުގަނޑުމެންގެހިތަށް ތަސައްވަރުވެގެން އެބަދެ. ގައުމަަށް ވެގެން ހިގާދާނެ ގޮތްތަކެއް އެމަނިކުފާނު ދެންނެވީ. އެކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތަކަށް އިލްތިމާސްތަކެއް ކުރައްވަމުންގެންދެވީ. އަދި އެކަމަށް ފާރަވެރިވުމަށް ދިވެހި ރައްޔިތުންނަށް ކުރެއްވި ވަސީޔަތް މިއަދު އަޅުގަނޑުމެން ހަދާނަށް އަންނަނީ . އެދުވަހުގެ އެތަގުރީރު އޭރު އަޅުގަނޑުމެން އަޑުއަހަން ތިބިއިރު ދިވެހި ރައްޔިތުންނަަކަށް މިއަދުގެ ހާލަތު ތަސައްވުރެއް ނުކުރެވޭނެ. އެކަމަކު އޭރުވެސް ރައީސް ޔާމީންނަށް މިގައުމު މިއަދާއި ހަމަޔަށް އަންނައިރު އޮންނާނެ ގޮތް އެއޮތީ ތަސައްްވުރު ކުރެވިފައޭ. އެހެން އެތަސައްވަރު ކުރެވުނީ ރައީސް ޔާމީންގެ ވިސްނުންފުޅާއި އެމަނިކުފާނުގެ މަސައްކަތްފުޅާއި އެމަނިކުފާނު ގެންގުޅުއްވި ސިޔާސަތާއި އެމަނިކުފާނަށް ރަނގަޅަށް އެގިވަޑައިގެން ހުންނަވާ އަދި ދެން ގައުމާއި ހަވާލުވެވަޑައިގެންނެވި ބޭފުޅުންގެ ސިޔާސަތެއް ނެތްކަމާއި އެބޭފުޅުންގެ ގާބިލް ކަމެއް ނެތްކަން ރައީސް ޔާމީން އަށް ރަނގަޅަށް ވިސްނިވަޑައިގަންނަވާތީ . އަދި މިއަދު ވެރިކަމުގައި މިތިއބެވި ބޭފުޅުންގެ ހިތްޕުޅުގައި މި ގައުމާއި ދޭތެރޭގައި ލޯތްބެއް ނެތްކަން ރައީސް ޔާމީންއަށް ގަބޫލް ކުރެއްވޭތީ . ދިވެހި ރައްޔިތުންނަށް ވުރެ އެމީހުންގެ އެދުން ކުރިއަށް ނެރޭނެކަން އޭރުވެސް ރައީސް ޔާމީންއަށް އިގޭތީ. " އަބްދުރަހީމް ވިދާޅުވިއެވެ.

މިއަދު މިއޮތީ ރައީސް ޔާމީންގެ ލަފާފުޅާއިއެކު ގައުމު ސަލާމަތް ކުރުމުގެ މަސައްކަތައް ނިކުންނަން ޖެހިފަކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ގައުމުގައި އުފަން ކުރުވި ގައުމީ ރޫހު މިއަދު ނެތިގެން ހިގައްޖެ ކަމަށް އަބްދުރަހީމް ވިދާޅުވިއެވެ.

ދެ ޕާޓީން ކުަރަމުން ގެންދާ މަސައްކަތަކީ ސިޔާސީ މަސައްކަތެއް ނޫންކަމަށާއި ގައުމު މިއަދު އޮތީ ސިޔާސީ މަސައްކަތެއް ކުރެވޭ ފަދަ ހާލަތެއްގައި ނޫންކަމަށް އަބްދުރަހީމް ވިދާޅުވިއެވެ. މިއަދު ރައްޔިތުން ނިކުންނަން ޖެހެނީ ގައުމީ އަދި ދީނީ ޖިހާދަކަށްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދީނާއި ގައުމަށްޓަކައި މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ބޭފުޅުންވެސް ގުޅެން އޮތް އެންމެ ރަނގަޅު ޕަޓީ އަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމް އަދި ޕީއެންސީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް