މިމަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިން މުދާ ހިފައިގެން ފުރި އެ ކާގޯ ފެރީ އެ ރަށަށް ބަނދަރުކޮށްފައި ވަނީ މިއަދު ހެނދުނު 6:30 ހާއިރެވެ.
ކާގޯއާއެކު އައި އެ ފެރީއަކީ އެއް ފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ފެރީއެކެވެ. އެގޮތުން ފުރަތަމަ ދަތުރުގައި ވަނީ 500 ޓަނުގެ ސިމެންތި އާއި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ގެނެސްފަ އެވެ.
އެ ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގްއެވެ. އެގޮތުން ކޮންމެ މަހަކު ތިން ދަތުރުކުރަން ހަމަޖެހިފައިވާ އެ ފެރީއަކީ ބޮޑު ފެރީއެއް ކަމުން ކުޅުދުއްފުށީ ޕޯޓުގައި ބަނދަރެއް ނުކުރެވެ އެވެ. އެހެންކަމުން، ކުޅުދުއްފުށީ ބޭރުގައި ބާއްވައިގެން މުދާ ބާލަނީ ބޮޑެތި ދޯނިތައް ބޭނުންކޮށްގެންނެވެ.
ކުޅުދުފުއްޓަށް މުދާ ހުސްކުރުމަށް ފަހު ދެން އެ ފެރީ މިސްރާބު ޖަހާނީ މާލޭ ޕޯޓަށެވެ.
ކޮޗިން އިން ރާއްޖެ އައި ފުރަތަމަ ފެރީ ކުޅުދުއްފުށީގައި ބަނދަރުކުރުން ފާހަގަކުރުމަށް މިއަދު 11:00 ގައި ރަސްމިއްޔާތެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
ޓްރާންސްޕޯޓް މިިނިސްޓްރީން ބުނެފައިވާގޮތުގައި އެ ފެރީ ކޮޗިން އިން މާލެ އަށް ކުރާ ކޮންމެ ދަތުރަކަށް 10- 12 ދުވަސް ނަގާނެ އެވެ.