މިއަދު ކުޅުދުފުއްޓާއި ކޮޗިންއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަމުންދަނީ ރާއްޖެ ލާމަރުކަޒީކޮށް ހިދުމަތްތައް އެކި ސަރަހައްދުތަކަށް ބަހާލާއި ތަރައްގީކުރުން ކަމަށެވެ.
އެގޮތުން ހުޅުވާލާ ކޮންމެ ދޮރަކީ އިގްތިސޯދަށް އަންނަ ދިރުމެއްކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ އެއް ތަނެއްގައި ހުންނަ މުދާ އަނެއް ތަނަކަށް ގެނައުމަކީ ހަގީގީ ގެނުވާކަމެއް ކަމަށެވެ. އަދި މިއަދު ފެށިގެން ދިޔަ ފެރީގެ ހިދުމަތާއެކު ފަހިވެގެންދާ އެންމެ ބޮޑު ކަމަކީ މާލެއަށް ބަރޯސާވެ ތަރައްގީކަންތައް ކުރަމުން އައި އައުމަށް ނިމުމެއް ގެނައުން ކަމަށެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ބޭރުގެ ގައުމަކުން ރާއްޖޭގެ އުތުރުގެ ބަނދަރަށް ސީދާ މުދާ ގެނެސް އެ މުދާ މުޅި އުތުރަށް ފެތުރިގެންދާނެ މަގު ފަހިކޮށްދެވުމުން ފަހުރުވެރިވާ ކަމަށެވެ.
އަދި އުތުރުގެ އެއާޕޯޓްތަކާއި ގުޅިގެން މިނިސްޓަރު ވަނީ ނަމެއްގައި ބައިނަލްއަގްވާމީ ޖެހުމުން މި ސަރުކާރަށް ނުފުދޭ ކަމަށާއި މި ސަރުކާރުން ބޭނުންވަނީ ބައިނަލްއަގްވާމީ އެއާޕޯޓެއްގެ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރަައްގީކޮށް އެތަނަށް ބޭރުގެ ބޮޑެތި ބޯޓުތައް ޖެއްސޭނެ މަގު ފަހިކުރުން ކަމަށެވެ.
އިދިކޮޅަށް އަމާޒުކުރައްވާ ޝާހިދު އިތުރަށް ވިދާޅުވީ ސަރުކާރުން ހިންގަމުން އަންނަ އެފަދަ މަޝްރޫއުތަކާއި ގުޅިގެން ފިތުނަ ވެސް ފަތުރަން މަސައްކަތް ކުރާނެ ކަމަށާއި އެކަމަކު އެކަމަށް ސަމާލުކަން ނުދޭނެ ކަމަށެވެ. އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މުޅި ވިސްނުންފުޅަކީ ރައްޔިތުންނަށް ފައިދާވާ ކަންކަން ކޮށްދެއްވުންކަން ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ މިއަދު ކާގޯ ފެރީގެ ހިދުމަތް ފަށާއި އެޅިގެންދިޔަ ބިންގަލަކީ ބޮޑުތިލަދުންމަތި ވަރަށް ބޮޑަށް ތަރައްގީވެ ކުރިއަރައިގެންދާނެ ކަމެއް ކަމަށެވެ.