ads
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--
ކޮވިޑުން އަރައިގަނެ މުޖުތަމައު ބިނާކުރާއިރު ގުދުރަތީ ނިޒާމަށް ސަމާލުވާންޖެހޭ: ރައީސް ސޯލިހް
ކޮވިޑް-19 އިން އަރައިގަނެ ގައުމުތަކުން އަލުން މަސައްކަތް ކުރާއިރު ގުދުރަތީ ނިޒާމަށް ސަމާލުވާންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިފަދައިން ވިދާޅުވެފައިވަނީ އދ.ގެ ބަޔޯޑައިވަސިޓީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ރައީސް ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން މުޅި ދުނިޔޭގެ ހިންގުން ހުއްޓިފައިވާ ކަމަށާއި، އަދި މިފަދަ ކަންކަމުން އަރައިގަނެ މުޖުތަމައު ބިނާކުރާއިރު ގުދުރަތީ ނިޒާމާއި މެދު ސަމާލުވާންޖެހޭ ކަމަށެވެ. އަދި އެކަމަށް ސަމާލުކަން ނުދީފި ނަމަ މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމަށްވުރެއް ބޮޑު ނުރައްކާތެރިކަމެއް ކުރިމަތިވެދާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ބްލޫ ޕްރޮސްޕިރިޓީ ކޯލިޝަނާއި އެކު ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ރާއްޖޭގެ ކަޑުފަޅުގެ ދިރުންތަކުގެ މައުލޫމާތު އެއްކުރެވި ދިރުންތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އިގްތިސާދު ކުރިއެރުވުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ޕްލާސްޓިކުން ލިބޭ ގެއްލުމުން ރާއްޖެ ވަރަށް ބޮޑަށް ކަންބޮޑުވާކަން ފާހަގަކޮށް ރައީސް ވިދާޅުވީ އަށް މިލިއަން ޓަނުގެ ޕްލާސްޓިކް ކޮންމެ އަހަރަކު ކަނޑަށް އަޅާ ކަމަށެވެ. އަދި ރާއްޖެއިން ބޭނުންކުރާ ޕްލާސްޓިކްގެ އަދަދު 2023 ގެ ނިޔަލަށް ދަށްކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ. ކަނޑަށް އެޅޭ ޕްލާސްޓިކާއި ދެކޮޅަށް މަސައްކަތްކުރާ ގައުމުތަކުގެ ޗެއާ އަކީ ރާއްޖެކަން ފާހަގަކޮށް ރައީސް ވިދާޅުވީ މިކަމަށް އެންމެން ގުޅިގެން މަސައްކަތްކުރެވޭނެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނެއް އެކުލަވާލައްވާ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އެ ޕްލޭންގެ ދަށުން ކަނޑުގެ ދިރުންތައް ދެމެހެއްޓުމަށް މަސައްކަތް ކުރެވޭނެކަން ރައީސް ފާހަގަކުރެއްވި އެވެ. 

ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި އެއް ފަރާއި އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މަސައްކަތް ކުރަމުން އަންނަކަމަށެވެ. 

މީގެ އިތުރުން ރައީސް ވަނީ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަކީ އިންސާނުންގެ ޒިންމާއެއްކަން ފާހަގަކޮށް އެކަން ކުރުމަށް ގައުމުތަކަށް ގޮވާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް