އޮކްޓޫބަރު މަހުގައި ފެށުމަށް ހަމަޖެހިފައިވާ އޭ.އެސް ލެވެލް އިމްތިހާނުތަކަށް ސްކޫލްތައް ތައްޔާރުވެފައިވާ މިންވަރު ބެއްލެއްވުމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވަނީ އޭލެވެލް އަށް ކިޔަވައިދޭ ހުރިހާ ސްކޫލްތަކުގެ ވެރިންނާއި ބައްދަލުކުރައްވާފަ އެވެ.
އޮންލައިންކޮށް ސްކޫލުތަކުގެ ވެރިންނާއި މިނިސްޓަރު ބައްދަލުކުރައްވާފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ ހުރިހާ ސްކޫލްތަކެއް ވެސް ވަނީ އާ އާންމު ހާލަތުގައި އިމްތިހާނުތައް ކުރިއަށް ގެންދިއުމަށް ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
ކޮވިޑާއި ގުޅިގެން ކުރިއެކޭ އެއްގޮތަށް ކިޔެވުން ކުރިއަށް ނުދިޔަ ނަމަވެސް އަންނަ ހަފުތާގެ ތެރޭގައި އޭލެވެލް އިމްތިހާނު ފަށަން ހަމަޖެހިފައިވާއިރު މިނިސްޓްރީ އާއި އެޗްޕީއޭ ގުޅިގެން ވަނީ އިމްތިހާނު ހަދާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގައިޑްލައިްތައް ވެސް ތައްޔާރުކޮށްފަ އެވެ.
ރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އިމްތިހާނުގެ އެންމެ ފަހުގެ ތައްޔާރީތައް ހިއްސާކޮށްފައިވާއިރު ދަރިވަރުން އިމްތިހާނު ހަދާ ހޯލަށް މާސްކް ސެނިޓައިޒާ ހިފައިގެން ދިއުމަށާއި މާސްކް އަޅައިގެން ތިބުމަށް މިނިސްޓްރީން އެދެ އެވެ.