ދުވާފަރު ކައުންސިލުން ބުނީ ލޭންޑުޔޫސް ޕްލޭންގައިވާ ކުލީ ބިންތައް ރާއްޖޭގެ ގާނޫނުތަކާއި ހިލާފްނުވާ މަސައްކަތްތައް ކުރުމަށް 12 މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށްޓަކައި ބިޑް ޑޮކިޔުމަންޓު ވިއްކުމަށް އެ އިދާރާއިން ކަނޑައަޅަފައިވާ ކަމަށެވެ.
އެގޮތުން ބިޑް ޑޮކިއުމަންޓެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 750.00 ރުފިޔާއަށް ކަމަށާއި ކޮންމެ ބިޑް ޑޮކިޔުމަންޓަކުން އެދެވޭނީ އެއް ބިމަށް ކަމަށް ކައުންސިލުން ބުނެއެވެ.
ދުވާފަރު ކައުންސިލުން ބުނީ އެ އިދާރާއިން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކުލީ ބިންތަކަށް ކުރިމަތިލެވޭނީ ރ. ދުވާފަރު (ރ. ކަނދޮޅުދޫގެ ރަޖިސްޓްރީގައިވާ) 18 އަހަރުން މަތީގެ ރަށްވެހިންނަށާއި ދިވެހިރާއްޖޭގައި ރ. ދުވާފަރު ރަށްވެއްސެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށާއި، ކޯޕަރޭޓިވްސްތަކަށާއި، ޕާޓްނާޝިޕްތަކަށާއި އަދި އެފަދަ ވިޔަފާރިއެއްކުރުމަށް އަމިއްލަ ފަރުދުންގެ ވިޔަފާރިއެއް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. އަދި މީގެ ކުރިން އެ އިދާރާއިން ދޫކުރެވިފައިވާ އެއްވެސް ކުލީބިމެއް ނަގާފައިވާ ފަރާތަކަށް ކުލީބިމަށް ކުރިމަތިލުމުގެ ފުރުސަތު ނުދެވޭނެކަމަށްވެސް ކައުންސިލުން ބުނެއެވެ.
ދުވާފަރު ކައުންސިލުން ބުނީ އަމިއްލަ ފަރާތެއްވިޔަސް، ކުންފުންޏަކުންވިޔަސް، ޕާޓްނާޝިޕަކުން ވިޔަސް، އަދި ވިޔަފާރިއެއް ކުރުމަށް ލޯކަލް އިންވެސްޓްމަންޓެއް ރަޖިސްޓްރީކޮށްފައިވާ ފަރާތެއްވިޔަސް އެފަރާތަކަށް ބިޑް ކާމިޔާބުކޮށް އެގްރީމެންޓް ކުރެވޭނީ އެއް ބިމަށް ކަަމަށާއި ނަމަވެސް އެފަރާތަކުން ބޭނުންވާ ބިންތަކަށް ބިޑް ޑޮކިޔުމަންޓް ގަނެގެން ބިޑް ހުށަހެޅުމުގެ ފުރުސަތު އޮތް ކަމަށްވެސް އެ ކައުންސިލުން ބުނެއެެވެ.
ދުވާފަރު ކައުންސިލުން ބުނީ ކުލީ ބިންތައް ހިފަން ބޭނުންވާ ފަރާތްތަކަށް 15 އޮކްޓޫބަރުގެ ނިޔަލަށް ބިޑް ޑޮކިއުމަންޓް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
އަދި ބިޑް ޑޮކިއުމަންޓް ގަނެފައިވާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ޕްރީ-ބިޑް ބައްދަލުވުން 19 އޮކްޓޫބަރު ވާ ހޯމަ ދުވަހުގެ 13:00 ގައި އޮންނާނެކަމަށް ވެސް ކައުންސިލުން މައުލޫމާތު ދެއެވެ.