ޖަލުގައި ހުންނެވި ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަބްދުލްގަފޫރު ގެއަށް ބަދަލުކުރެއްވުމުން ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ ހެއްކަށް ނުފޫޒް ފޯރުވުން ނުވަތަ އަދީބު ފިލުމުގެ ބިރުވެސް ނެތީތޯ ސުވާލުކުރައްވާފަ އެވެ.
ޖަމީލް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އަނިޔާކުރަން އަދީބު ހަތިޔާރަކަށް ބޭނުންކުރުމުގެ އެއަށްވުރެ ބޮޑު ދަލީލެއް ނެތް ކަމަށާއި ސަރުކާރު ކިލަނބު ވެފައިވާ ވަރު އެކަމުން ފެންނަ ކަމަށެވެ.
ބަލި ހާލަތުގެ ހުރި ގޮތުން، ކޯޓުގެ ހުއްދައާއެކު ގެއަށް އަދީބު ބަދަލުކޮށްފައި ވާއިރު ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި އޮތް އިބްތިދާއި އަޑުއެހުމުގައި އަދީބު މައްސަލަތަކަށް އިއުތިރާފްވުމުން އަވަސް ނިޔާގެ ދަށުން މައްސަލަ ކުރިއަށް ގެންދަން ނިންމާ ގާޒީ މައްސަލަ ކުރިއަށް ގެންދިއުމަށް އިއުތިރާޒެއް އޮތްތޯ ސުވާލުކުރުމުން އަދީބުގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވަނީ ދައުލަތާއި އެކު މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށާއި، އެހެންކަމުން ގާނޫނުގައި ބުނެފައިވާ ފަސް ދުވަހުގެ ތެރޭގައި ޝަރީއަތް ބޭއްވުމަށް އެދޭ ކަމަށް ބުނެފަ އެވެ.
އަންނަ ހޯމަ ދުވަހު އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ގާޒީ ނިންމަވާފައި ވާތީ އަދީބު ބަންދުގައި ބަހައްޓައި ދިނުމަށް ދައުލަތުން އެދުމުން އަދީބުގެ ވަކީލް ވަނީ ބަންދުގައި ބެހެއްޓުމާއި މެދު އިއުތިރާޒެއް ނުކުރާ ކަމަށް ބުނެފަ އެވެ. އެހެންކަމުން ގާޒީ އޭރު ވަނީ މައްސަލަ ނިމެންދެން އަދީބު ބަންދުގައި ބެހެއްޓުމަށް ނިންމާފަ އެވެ. އެހެންނަމަވެސް މިހާރު އަދީބު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.