ads
އައިޝަތު މާހީ ބުޝްރީ--
ކެންސަރާ ދެކޮޅަށް މާހީގެ ހަނގުރާމަ، ބޭނުންވަނީ ދުއާ އާއި އެހީ
އެންމެ ފުރަތަމަ ފާހަގަވީ މާހީގެ ލޮލުގެ ބުމަ ކައިރިން ދުޅަވާން ފެށި ތަންކޮޅެކެވެ. އެތަންކޮޅު އަޅައިގަތުމާއެކު ލޭގެ ޓެސްޓުތައް ހެދި އެވެ. ލޭގައި ހެމަގްލޮބިން ނުވަތަ އެޗްބީ މަދުވުން ފިޔަވާ އިތުރު ކަމެއް ފާހަގައެއް ނުވި އެވެ. އޭގެ އެންމެ ތިން ހަފްތާ ފަހުން ލިބުނު ހިތާމަވެރި ހަބަރަކީ މާހީއަށް ލޭގެ ކެންސަރު ޖެހިފައިވާ ކަމުގެ ހަބަރެވެ.

އއ. ބޮޑުފޮޅުދޫއަށް ނިސްބަތްވާ އުމުރުން ދެ އަހަރުގެ އައިޝަތު މާހީ ބުޝްރީއަކީ އޭނާގެ މަންމަ އާއި ބައްޕަގެ ހުރިހާ ސަމާލުކަމެއް ލިބެމުން ދިޔަ ކުއްޖެކެވެ. އެހެންވެ ލޯ ކައިރިން ތަންކޮޅެއް ދުޅަވާން ފެށުމުން ލަސްނުކޮށް އެކަން ޑޮކްޓަރަށް ދެއްކި އެވެ.

"ރަށުން ޓެސްޓު ހަދައިގެން ލޭގެ އެއްވެސް މައްސަލައެއް ނެތޭ ބުނީ. ދެން އއ. ރަސްދޫއިން ޓެސްޓު ކުރިއިރު ހުރިހާ ކަމެއް ނޯމަލް. އެލާޖިކް ވަނީ ކަމަށް ވެދާނެއޭ ބުނީ،" މާހީގެ ބައްޕަ ބުޝްރީ އަހްމަދު ސީއެންއެމަށް ކިޔައިދިނެވެ. 

އޭގެ ފަހުން އދ. މަހިބަދޫގައި ޓެސްޓުތައް ހެދީ އޯގަސްޓް 30 ވަނަ ދުވަހު އެވެ. އެފަހަރުގެ ޓެސްޓުން އެނގުނީ މާހީގެ ލޭގައި އާދަޔާ ހިލާފަށް އެޗްބީ ދަށްވެފައި ހުރި ކަމެވެ. ނަމަވެސް އެކަން ދިމާވާ ސަބަބެއް ނުހޯދުނެވެ. ވަގުތުން އެޑްމިޓުކޮށް، ލޭ އަޅަން ޖެހޭނެ ކަމަށް އެހާ ހިސާބުން ޑޮކްޓަރުން ބުންޏެވެ.

"އަޅުގަނޑުމެން މަހިބަދޫއަށް ދިޔެއީ އެހާ ބޮޑަށް ރެޑީ ވެގެނެއް ނޫން. ރަށަށް ގޮސް ޖެހިގެން އޮތް ދުވަހު ރަސްދޫ ހޮސްޕިޓަލަށް ގޮސް ލޭ އަޅާނެ ކަމަށް ބުނެ ވަރަށް ރިކުއެސްޓު ކުރުމުން ޑޮކްޓަރު ރަސްދޫއަށް ދިޔުމުގެ ފުރުސަތު ދިނުމުން އަޅުގަނޑުމެން އަނެއްކާވެސް އެނބުރި ރަސްދޫއަށް ގޮސް އެޑްމިޓުވެ، ލޭ މަދު ވާހަކަ އާއި ލޭ އަޅަން ބޭނުންވާ ވާހަކަ ބުނުމުން މަހިބަދޫއިން ހެދި ޓެސްޓުތައް ރިޕީޓު ކުރި،" ބުޝްރީ ކިޔައިދިނެވެ. 

މާހީ މާލެ ގެންނަން ޖެހުނީ ލޭ ދަށްވާ ސަބަބު ނޭނގޭތީ އައިޖީއެމްއެޗުގެ ޑޮކްޓަރުގެ ލަފާގެ މަތިންނެވެ. 

"މާލޭގައި ޓެސްޓު ހަދާފައި އެޗްބީ ދަށްވެގެން ލޭ އެޅީ. ލެޔަކުން އެއްވެސް މައްސަލައެއް ނުފެނޭ. ބުނީ ސެލްތަކެއް އެބަ ހުއްޓޭ އިތުރުވެފައި. އަސްލު ރީޒަނެއް ހޯދޭކަށް ނެތޭ،" އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ހުރެގެން ބުޝްރީ ކިޔައިދިނެވެ. 

އެއާއެކު ރާއްޖެއިން ބޭރުގައި ފަރުވާ ކުރުމަށް ޑޮކްޓަރު ދިން ލަފާގެ މަތިން ބުޝްރީ އަވަސްވެގަތީ ދަރިފުޅަށް ބޭނުންވާ ފަރުވާ ދިނުމަށް ފުރާށެވެ. މާހީ އާއި އެއް އެހީތެރިޔަކަށް އާސަންދަ ހަމަޖެހުނު ނަމަވެސް، މާހީއަކީ އަދިވެސް ގާތުން ބޯ ކުއްޖަކަށް ވާތީ މަންމަ ވެސް ގެންދަން ޖެހުނެވެ.

އެހެންކަމުން އެ ތިން މައިން މި ވަގުތު ތިބީ އާއްމުކޮށް ދިވެހިން ކެންސަރަށް ފަރުވާ ކުރުމަށް ގޮސް ހަދާ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ ވޯޑެއްގަ އެވެ. އެތަނުގައި މާހީގެ ބޯން މެރޯ ސާމްޕަލް ނަގައިގެން ހެދި ޓެސްޓުން ލިއުކީމިއާ ނުވަތަ ލޭގެ ކެންސަރުކަން ޔަގީންވެފައި ވަނީ ސެޕްޓެމްބަރު 18 ގައެވެ.

ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބުނާ ގޮތުގައި ރާއްޖޭގައި ކެންސަރު ޖެހިފައި ތިބި މީހުންގެ މީހުންގެ 15 ޕަސަންޓަކީ ކުޑަކުދިންނެވެ. އެކަމާ ގުޅޭ ތަފާސްހިސާބު އެއްކޮށްފައި ނެތުމުން އަސްލު އަދަދު އެއަށްވުރެ މަތިވާނެ ކަމަށް ބެލެވެ އެވެ.

ރާއްޖޭގައި ކެންސަރާ ހަނގުރާމަ ކުރަމުންދާ ކުދިންގެ ތެރޭގައި މާހީ ހިމެނުނުއިރު، މި ބަލި ފަސޭހައިން ދެނެގަތުމަކީ ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން އަދިވެސް ކުރެވެން އޮތް ކަމެއް ނޫނެވެ. އެހެންކަމުން ޝައްކު ކުރެވޭ ކޮންމެ މީހަކު ވެސް ދާން ޖެހެނީ ބޭރުގެ ހޮސްޕިޓަލަކަށެވެ.

އެގޮތަށް ދާ ދިޔުމުގައި ކެންސަރުކަން ޔަގީންވުމުން އެ ހޮސްޕިޓަލެއްގައި ވަގުތުން ފަރުވާ ފަށަން ޖެހެ އެވެ. ބައެއް މީހުން ފަރުވާއަށް އެތައް މަހެއް ވަންދެން މަޑު ކުރަން ޖެހެ އެވެ. ބުޝްރީ ބުނީ މާހީއަށް ފަރުވާ ކުރުމަށް މަދުވެގެން ހަ މަސް މަޑު ކުރަން ޖެހޭނެ ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ.

ދަރިފުޅުގެ ހާލަތާ މެދު މުޅި އާއިލާއިން ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި އިތުރު ބުރަކަމެއް ޖެހިފައި ވަނީ ކޮވިޑުގެ ސަބަބުންނެވެ. މުޅި ގައުމަށް ދިމާވެފައިވާ މާލީ ދަތިކަމުގެ އަސަރު ވަކިވަކި ފަރުދުންނަށް ކުރަމުން ދަނީ ފަތުރުވެރިކަމުގެ ދާއިރާ އާއި ގުޅިފައިވާ އެހެން ދާއިރާތަކުގެ ވަޒީފާތައް ގެއްލި، އާއްމުންގެ އަތްމަތި ދަތިވަމުން ދާތީ އެވެ.

"މި ދަނޑިވަޅުގައި އާއިލާއަށް ވެސް ވަރަށް ދަތި. އަޅުގަނޑުގެ އާއިލާއަކީ މަސްވެރި އާއިލާއެއް. ދެން އުޅެނީ ރިސޯޓުގައި. އާސަންދައިން ކަވާ ކުރަނީ ބޭސް ފަރުވާ އާއި އެހީތެރިޔާގެ ހަރަދު އެކަނި. އެކަމަކު އަސްލު އެހީތެރިޔާގެ ހުރިހާ ހަރަދެއް ވެސް މި ކުރަން ޖެހެނީ އަމިއްލައަށް،" ބުޝްރީ ބުންޏެވެ.

އެހެންކަމުން ބުޝްރީ އެދިފައި ވަނީ މާހީއަށް އެހީތެރިވެވޭނެ ފަރާތްތަކުން ދީލަތި އެހީ އަށެވެ. ފައިސާގެ ގޮތުން އެހީވެދެވެން ނެތް ފަރާތްތަކުން މާހީއަށްޓަކައި ހެޔޮ ދުއާކޮށްދިނުމަކީ ވެސް ވަރަށް ބޮޑު އެހީއެއްގެ ގޮތުގައި ދެކޭނެ ކަމަށް ބުޝްރީ ބުންޏެވެ. 

އިތުރު މައުލޫމާތު: 7932817 ބުޝްރީ އަހްމަދު 

7718181513101 - ރުފިޔާ އެކައުންޓު ނަންބަރު

7730000177454 - ޑޮލަރު އެކައުންޓު ނަންބަރު

ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.

39%
ކަމުގޮސްފި
4%
އަޑުއެހިތާ މިހުރީ
52%
ސަތޭކައަކުން ސުމެއް
6%
ވަރަށް ސަލާމް
ކޮމެންޓްސް