ޤާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ މި އިސްލާހަކީ ވަރަށް މުހިންމު އިސްލާހެއް ކަމަށެވެ. ނުހައްގު މުއްސަނދި ކަމަކީ ކުށަކަށް ހެދުމަށް ކުރީ ސަރުކާރު އޮތް އިރުވެސް އޭރުގެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މަސައްކަތް ކުރިކަން ފާހަގަކޮށް އަލީ ހުސައިން ވިދާޅުވީ އެބޭފުޅުން ޑްރާފްޓް ކުރި ބިލްވެސް މަޖިލީހަށް ނާންނަ ކަމަށެވެ. އަލީ ހުސައިން ވިދާޅުވީ ނުހައްގު މުއްސަނދިކަން ހޯދުން ހުއްޓުވާ ކޮރަޕްޝަން ހުއްޓުވަން ބޭނުންވާނަމަ މިހާރު ހުށަހަޅާފައިވާ އިސްލާހު ފާސްކުރަންޖެހޭ ކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ ސަރުކާރުގެ މަގާމްތަކުގައި ތިބޭ މީހުން ދެތިން އަހަރެއްގެ ތެރޭގައި ބޮޑެތި ފްލެޓްތަކާއި ވިޔަފާރިތައް ފަށާތަން ފެންނަ ކަމަށެވެ. އަދި އެމީހުނަށް ފައިސާ ލިބުނު ގޮތެއް ވެސް ނޭނގޭކަމަށެވެ. މިހާރު ގާނޫނުއޮތް ގޮތުން އެއްވެސް މީހަކަށް ފައިސާ ލިބުނު ގޮތެއް އެމީހުން ބުނެދޭންނުޖެހޭކަން ފާހަގަކޮށް އަލީ ހުސައިން ވިދާޅުވީ ކިތަންމެ ބައިވަރު ފައިސާއެއް އެމީހެއްގެ އަތުގައި ހުރިކަމުގައި ވީނަމަވެސް އެ ލިބުނު ގޮތެއް އެމީހަކު ބުނެދޭން ނުޖެހޭ ކަމަށެވެ.
މިހާރު ގާނޫނުއޮތް ގޮތުން ސާބިތުކޮށްދިނުން އޮންނަނީ ޕްރޮސިކިއުޓް ކުރާ ފަރާތަށްކަން ފާހަގަކޮށް އަލީ ހުސައިން ވަނީ އާދައިގެ ވަޒީފާއެއް އަދާކުރާ މީހެއްގެ އެކައުންޓަގައި ހައެއްކަ މިލިއަން ރުފިޔާ ހުއްޓާ ފެނުމުން އެއީ އެމީހަކަށް ނުހައްގުން ލިބުނު އެއްޗެއްކަން ޕްރޮސިކިއުޓާ ޖެނެރަލް ސާބިތު ކޮށްދޭނީ ކިހިނަކުންތޯ ސުވާލު އުފައްދަވާފަ އެވެ.
އަލީ ހުސައިން ވިދާޅުވީ މިހާރު ހުށަހަޅާފައިވާ އިސްލާހުގެ ދަށުން އެމީހަކު އަދާކުރާ ވަޒީފާއަކާ ނުގުޅޭ މިންވަރަކަށް އެމީހެއްގެ އަތުގައި ފައިސާ ހުރެއްޖެނަމަ އެއީ ނުހައްގު ފައިސާއެއް ނޫންކަން ސާބިތު ކޮށްދިނުމުގެ ޒިންމާ އެޅެނީ އެމީހެއްގެ ބޮލުގައިކަމަށެވެ.
މީގެ އިތުރުން ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވި މި ހުށަހަޅާފައިވާ އިސްލާހަށްވެސް ބައެއްކަހަލަ ބަދަލުތައް ގެންނަންޖެހޭ ކަމަށެވެ. އެގޮތުން ހަމައެކަނި ސަރުކާރުގެ ނުވަތަ ދައުލަތުގެ ވަޒީފާއެއްގައި ތިބޭ މީހުންގެ ބަދަލުގައި ކޮންމެ މީހެއްގެ މައްޗަށްވެސް މި ހިނގާނެ ގޮތަށް އޮންނަންޖެހޭ ކަމަށް ވިދާޅުވި އެވެ.