ތިން ފުލުހަކަށް އިންޒާރުދިންކަމުގެ ކުށް ސާބިތުވެ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ އުމުރުން 20 އަހަރުގެ ހދ. ކުޅުދުއްފުށީ، މަންޒިލް، މުހައްމަދު އިބްރާހިމް ވަހީދުގެ މައްޗަށެވެ.
ދައުލަތުން އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރީކޮޅު، ތިން ފުލުހެއްގެ ފޮޓޯ އާންމުކޮށް އެ ތިން ފުލުހުން މަރަންވީ ކަމަށް ބުނެފައިވާ މައްސަލައާ ގުޅިގެންނެވެ.
މި ދައުވާ ޝަރީއަތުން ބެލުމަށްފަހު ކޮށްފައިވާ ހުކުމުގައި ވަނީ، ތަހުގީގު މަރުހަލާ އާއި ޝަރީއަތުގެ މަރުހަލާގައި ވެސް ދައުވާ ލިބޭ ފަރާތް ކަމުގައިވާ މުހައްމަދު ވަހީދު އިބްރާހިމް ކުށަށް އިއުތިރާފު ވެފައިވާކަން އެނގެން އޮތުމުން، ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން އިންޒާރުދިނުމުގެ ކުށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ އިންޒާރު ދިނުމާއި ބިރުދެއްކުމުގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، އެ ގާނޫނުގެ މައްޗަށް ރިއާޔަތްކޮށް އޭނާ ހަ މަހަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.