ads
ރައީސް ޔާމީން-- ފޮޓޯ: ސަން އޮންލައިން
ޔާމީން ދައުލަތަށް ދޭންޖެހޭ ފައިސާ ދިން މައުލޫމާތެއް ނުލިބޭ: އަމީރު
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ދައްކާފައިވާ މައުލޫމާތު އަދި ނުލިބޭ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި މިނިސްޓަރު އެގޮތަށް ވިދާޅުވެފައި ވަނީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، ރައީސް ޔާމީން ދައުލަތަށް ދައްކަވަން ޖެހޭ ފައިސާ މިހާރު ދައްކަވައިފިތޯ ސުވާލުކުރުމުންނެވެ. 

ފައިސާ ދެއްކިކަމުގެ މައުލޫމާތު ލިބިފައި ނުވާކަމަށް ވިދާޅުވި ނަމަވެސް އެކަމާއި ގުޅޭ ގޮތުން އިތުރު އެއްޗެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. 

"ފައިސާ ދެއްކިކަމުގެ މައުލޫމާތެއް އަޅުގަނޑުމެންނަކަށް އަދި ލިބިފަކާއެއް ނެތް،" 

މަނީ ލޯންޑްރިންގެ އަމަލެއް ހިންގުމުގެ ކުށް ސާބިތުވެފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، އެ ފައިސާ މަދުވެގެން ހަ މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް އެ ފަރާތަށް އަންގައި، 28 ނޮވެންބަރު 2019 ގައި ހުކުމްކުރި ނަމަވެސް، އެ މުއްދަތުގައި ފައިސާ ދައްކާފައެއް ނުވެ އެވެ.

އެހެންކަމުން ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށް، ރައީސް ޔާމީން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ހޯދުމަށްޓަކައި، އެ މައްސަލައިގެ ހުރިހާ ލިޔެކިޔުންތައް މީރާއަށް ފޮނުވާފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ވަނީ ބުނެފަ އެވެ. 

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 188 ވަނަ މާއްދާގެ (ހ) ގައި، ދައުވާ ލިބޭ މީހާގެ މައްޗަށް ކުށް ސާބިތުވެގެން ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމުގައިވާ އަދަބަކީ ޖޫރިމަނާކުރުން ކަމުގައިވާނަމަ، އެ ހުކުމުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މީރާއަށް އެ މީހަކު އެ ޖޫރިމަނާ ދައްކަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި، އެ މާއްދާގެ (ނ) ގައި، އެ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޖޫރިމަނާ ނުދައްކައިފިނަމަ، ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން އެ ފައިސާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ ފަރާތުން އަމަލުކުރާ އުސޫލުން އެ ފައިސާ ދައުލަތަށް ނަގަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ. 

އޭގެ އިތުރުން އެ ގާނޫނުގެ (ހ) ގެ ދަށުން ޖިނާއީ މައްސަލައެއްގެ އަދަބެއްގެ ގޮތުގައި ދައުވާ ލިބޭ ފަރާތް ޖޫރިމަނާކޮށް ހުކުމްކުރާ މައްސަލަތަކުގައި، އެ ފައިސާ ދައްކަން ކޯޓުން އަމުރުކޮށްފައިވާ މުއްދަތުގައި އެ ފައިސާ ދައްކާފައިނުވާނަމަ، ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގެ 50 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އުސޫލާ އެއްގޮތަށްދައްކަންޖެހޭ ފައިސާ ހޯދާ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމަކީ މީރާގެ މަސްއޫލިއްޔަތެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް