ads
ރައީސް ނަޝީދާއި ޗައިނާ ސަފީރު--
ރާއްޖެ-ޗައިނާ ފްރީ ޓްރޭޑް އެގްރިމަންޓެއް ނެތް: ނަޝީދު
އިޖުރާއަތުތައް ފުރިހަމަކޮށްފައި ނުވާތީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) މިހާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ އެފްޓީއޭ އާ ގުޅޭ ގޮތުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިއަދު މަޖިލިސް ޖަލްސާގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުއާ ސުވާލުކުރެއްވުމުންނެވެ.

ޖާބިރު ސުވާލު ކުރެއްވީ އެފްޓީއޭގެ ދަށުން ދިވެހި މަސްވެރިންނަށް ލިބެން އޮތް މަންފާތައް ހިފަހައްޓާފައި ވަނީ ކީއްވެތޯ އެވެ. ޖަވާބުގައި އަމީރު ވިދާޅުވީ އެފްޓީއޭ އާ ގުޅޭ ގާނޫނުތައް ހަދާފައި ނުވާތީ އެއްބަސްވުން ނުހިނގާ ކަމަށެވެ.

އެފްޓީއޭ އާ ގުޅޭ ގާނޫނުތައް ހެދުމަކީ "މި މަޖިލީހުގެ ޒިންމާއެއް" ކަމަށް އަމީރު ވިދާޅުވި އެވެ. 

އަމީރު ވާހަކަދައްކަވާ ނިމުމުން ޖަލްސާގެ ރިޔާސަތުގައި އިންނެވި ނަޝީދު ވިދާޅުވީ އެފްޓީއޭއަށް އަމަލު ކުރެވޭނީ އިޖުރާއަތުތައް ފުރިހަމަވުމުން ކަމަށް އޭގައި ބުނާ ކަމަށެވެ. 

ނަޝީދު ވިދާޅުވީ އެއްބަސްވުމުގެ 165 ވަނަ މާއްދާގައި ބުނެފައި ވަނީ އެއްބަސްވުމަށް އަމަލުކުރަން ފަށާނީ އެއްބަސްވުމާ ގުޅޭ ގޮތުން އެތެރޭގައި ކުރަން ޖެހޭ ކަންތައްތައް ނިންމާ އެކަން އަންގާތާ 30 ދުވަހުގެ ތެރޭގައި ކަމަށެވެ. އެކަންކަން ފުރިހަމަކޮށްފައި ނުވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެހެންވީމާ ދިވެހިރާއްޖެ އާއި ޗައިިނާއާ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއް ނެތް،" އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އެ މާއްދާގައި ބުނެފައި ވަނީ އެތެރޭގެ އިންތިޒާމުތައް ހަމަޖެއްސުމަށް ފަހު އެކަން އަންގާތާ 30 ދުވަހުގެ ތެރޭގައި ނުވަތަ ކަންކަން ފުރިހަމަ ކުރުމަށް ދެ ގައުމުން އެއްބަސްވާ ތާރީހެއްގައި އެއްބަސްވުން ތަންފީޒު ކުރަން ފަށާނެ ކަމަށެވެ. އެކަމަކު ވަކި މުއްދަތެއްގެ ތެރޭގައި އެކަންކަން ނުކޮށްފި ނަމަ އެއްބަސްވުން އުވޭނެ ވާހަކައެއް ނެތެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ސޮއިކުރެއްވި އެފްޓީއޭ ނެތް ކަމަށް ނަޝީދު ވިދާޅުވީ ކީއްވެގެންތޯ ޖާބިރު ސުވާލު ކުރެއްވުމުން އެމަނިކުފާނު ވިދާޅުވީ އޭގައި ސޮއިކުރީ، އަމަލު ކުރަން ފެށުމުގެ ކުރިން އެތައް ކަމެއް ކުރަން ޖެހޭ ގޮތަށް ކަމަށެވެ.

"... ރައީސް ޔާމީން ކުޑަކޮށް ވެސް މިކަން ކުރިއަށް ގެންދަވަން އެދިވަޑައިނުގަންނަވާ ހުންނެވީތީވެ، އެއް މަސްދުވަހެއް ނޫން ދެ މަސްދުވަހެއް ނޫން އެތައް މަހެއް ވީއިރު ގައި ވެސް އަޅައެއް ނުލި،" ނަޝީދު ވިދާޅުވި އެވެ.

އެފްޓީއޭ ނެތް ކަމަށް ނަޝީދު ވިދާޅުވުމުން ޖާބިރު ވަނީ ރުޅި އިސްކުރައްވާ މަޖިލިސް ޖަލްސާ ދޫކުރައްވާ ތަޅުމުން ނިކުމެވަޑައިގެންފަ އެވެ. ނަމަވެސް ނަޝީދު އެދިވަޑައިގަތުމުން ފަހުން ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް