މީޑިއާ ކައުންސިލްގެ މެމްބަރުންނާ ރައީސް ބައްދަލުކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
މީޑިއާގެ މިނިވަންކަން ހިފެހެއްޓެމުން މިސްރާބު ޖަހާނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް: ރައީސް އޮފީސް
Share
މީޑިއާގެ މިނިވަންކަން ހިފެހެއްޓުމުން މިސްރާބު ޖަހާނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
Advertisement

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ މައުލޫމާތު ދިނުމަށް ރައީސް އޮފީހުން ކުރިއަށްގެންދާ އެޕިސޯޑްތަކުގެ ތެރެއިން ދެވަނަ އެޕިސޯޑްގައި ވަނީ ކުރީގެ މަޖިލީހުން ފާސްކޮށް މިހާރު އުފާލާފައިވާ "އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އުވާލާފައިވާ ސަބަބުތަކާއި ގުޅޭގޮތުން މައުލޫމާތު ދީފައެވެ. 

އެގޮތުން ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ އެ ގާނޫނަކީ އަބުރު ރައްކާތެރި ކޮށްދިނުމުގެ ނަމުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން މަނާކުރި ގާނޫނެއްކަމަށެވެ. އަފީފް ވިދާޅުވީ އޭރު އަބުރުގެ ގާނޫނުގެ ނަމުގައި މީޑިއާގެ މިނިވަންކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނިގުޅައިގަތް ކަމަށެވެ. 

"ސަރުކާރު ހިތާނުވާ ވާހަކައެއް ދައްކާ ހަމަ ކޮންމެ މީހަކު ހިފާހައްޔަރުކުރުމުގެ މަގު މިގާނޫނުން [އުވާލާފައިވާ އަބުރުގެ ގާނޫނުން] މި ކޮށާދިނީ."

މިހާރު އުވާލާފައިވާ އަބުރުގެ ގާނޫނުގައި މީޑިއާތަކާއި ނޫސްވެރިންނަށް ވަރަށް ބޮޑު ޖުރިމަނާ ތަކެއް ކަނޑައަޅާފައިވާކަން ފާހަގަކޮށް އަފީފް ވިދާޅުވީ އެގާނޫނު އޮތްގޮތުން ޖުރިމަނާކުރާ މީހަކަށް އެ ނިންމުން ހިފައިގެން ފަނޑިޔާރެއްގެ ކުރިމައްޗަށް ދިއުމުގެ ހައްގުވެސް ނެތް ކަމަށެވެ. 

ތަހުޒީބްވެފައިވާ މުޖުތަމައުތަކުގައި އަބުރާ ބެހުމުގެ ކަންކަމަކީ މަދަނީ ކަންކަމުގެ ގޮތުގައި އޮންނަ ކަމެއްކަން ފާހަގަކޮށް އަފީފް ވިދާޅުވީ މިގާނޫނުގައި އަބުރާ ބެހުމުގެ ކަންކަން ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާ މީހުުން ޖަލަށްލުމަށް މަގުފަހި ކޮށްދިން ކަމަށެވެ. 

އަފީފް ވިދާޅުވީ އަބުރުގެ ގާނޫނުގެ ނަމުގައި މި ގާނޫނު ވުޖޫދަަށް ގެނެސް ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާ މީހުންގެ ދޫބަންދުކޮށްލި ކަމަށެވެ. އަބުރުގެ ގާނޫނުގައި އޮތް މިންވަރަށް ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމުން މަގުފަހިވެގެންދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށްކަމަށް އަފީފް ވިދާޅުވި އެވެ. 

"އެކިއެކި ނަންނަމުގައި މިނިވަން މީޑިއާގެ ދައުރު ހަނިކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓީމާ މިވާގޮތަކީ ވެރިން ޖަވާބުދާރީ ކުރުމަށް އޮންނަ މަގު ބަންދުވަނީ. އެހާ ހިސާބުން ދައުލަތް މިސްރާބުޖަހަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް."

އަފީފް ވިދާޅުވީ އަބުރުގެ ގާނޫނުގެ ނަމުގައި އުފަންކޮށްފައި އޮތް ގާނޫނު އުވާލަން ޖެހުނީ އެ ގާނޫނަކީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ދިއުމަށް ކުރަހާފައި އޮތް މަގުޗާޓެއް ކަމަށް ފެނުމުން ކަމަށެވެ. އަދި މި ގާނޫނު އިވާލީ ރައްޔިތުންގެ ބާރު ކަށަވަރު ކޮށްދިނުމަށް ކަމަށް އަފީފް ވިދާޅުވި އެވެ. 

"އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު" އުވާލާފައިވާ ސަބަބުތަކާއި ގުޅޭގޮތުން ރައީސް އޮފީހުން މައުލޫމާތު ދީފައިވާއިރު، ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ދައުރުގައި ފޮނުވުމަށް ނިންމާފައިވާ "އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލު"އާ ގުޅިގެން ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެކަންބޮޑުވުންތަކަށް ޖަވާބުދެމުން ބަންޑާރަނައިބުގެ އޮފީހުން ބުނެފައިވަނީ އެބިލަކީ މިހާރުވެސް ރާއްޖޭގައި އަމަލުކުރަމުން އަންނަ "އަބުރާބެހުމުގެ ސަބަބުން ބަދަލު ނަގައިދިނުމުގެ ގަވައިދު"އަށް ގާނޫނީ ބާރުވެރިކަން ދިނުމުގެ ގޮތުން ހުށަހަޅާ ބިލެއްކަމަށެވެ. އަދި މިބިލުގައި އަބުރުގެ ކަންކަން އޮންނާނީ މަދަނީ ކަންކަމުގެ ގޮތުގައި ކަމަށް އޭޖީ އޮފީހުން މައުލޫމާތުދީފައިވެ އެވެ. އަދި މީގެ އިތުރުން ބުނެފައިވަނީ ހުށަހަޅާ ބިލަކީ މީޑިއާތަކާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހުށަހަޅާ ބިލެއް ނޫންކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް