ads
ސުޕްރީމް ކޯޓު--- ފޮޓޯ: ސީއެންއެމް
ސުޕްރީމް ކޯޓުގެ އާ ގަވައިދު އާންމު ކޮށްފި
ސުޕްރީމް ކޯޓުގެ އާ ގަވައިދު އެ ކޯޓުން އާންމު ކޮށްފި އެވެ.

މި ގަވާއިދަކީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއި، ސުޕްރީމް ކޯޓުން މައްސަލަ ބަލައިގަތުމާއި، ސުޕްރީމް ކޯޓުގައި މައްސަލަ ހިންގުމާއި، މިނޫންވެސް ސުޕްރީމް ކޯޓުގައި ހިންގޭ ޝަރީއަތްތަކާއި، ބޭއްވޭ އަޑުއެހުންތަކާގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ބަޔާންކުރާ ގަވާއިދެވެ. ސުޕްރީމް ކޯޓުން ބުނެފައިވަނީ މި ގަވާއިދަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެންކަމަށެވެ. 

ސުޕްރީމް ކޯޓުގެ އާ ގަވާއިދާއެކު ކުރިން ސުޕްރީމް ކޯޓުން އަމަލުކުރަމުން އައިގޮތްތަކަށް ގިނަ ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ ނިންމުމެއް މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅާ މައްސަލަތަކާއި، ސުޕްރީމް ކޯޓަށް ހުށަހެޅޭ ހައިކޯޓުގެ ފަނޑިޔާރުން އިޖުރާއީ ގޮތުން ނިންމާ ނިންމުންތައް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަކުން ބަލައި އިޖުރާއީގޮތުން ގޮތެއް ކަނޑައެޅުން ފަދަ ބަދަލުތައް ހިމެނެއެވެ.

މީގެއިތުރުން، ކޯޓަށް ހާޒިރުވުމުގެ އަމުރު އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ރައްދުކުރުމާއި، ސުޕްރީމް ކޯޓުގެ ޝަރީއަތްތައް ޓެލެކޮންފަރެންސިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމާގުޅޭ އުސޫލުތަކުގެ އިތުރުން، އާހެކި ހުށަހެޅުމާއި ހެކިންނާއި ހަބީރުން ހާޒިރުކުރުމުގައި އަމަލުކުރާނެގޮތްތައް ބަޔާންކޮށްފައިވެއެވެ. 

މި ގަވާއިދުގެ ދަށުން ވަނީ އާ ފޯމުތަކެއްވެސް ތައާރަފު ކޮށްފައެވެ. މީގެތެރޭގައި ހަމައެކަނި ސުޕްރީމް ކޯޓުން ބެލޭނެކަމަށް ކަނޑައަޅާފައިވާ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމު، ސުޕްރީމް ކޯޓުގެ އަސްލީ އިހްތިސާސް ލިބިގެންވާ ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމު، ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަށް އެދޭ ފޯމު، ސުޕްރީމް ކޯޓުގެ ނިންމުން ނުވަތަ ހުކުމް އަލުން ބަލައިދިނުމަށް އެދި ހުށަހަޅާ ފޯމު، ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މައްސަލައެއް ބާތިލުކުރުމުން އަލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާ ފޯމު، މައްސަލައިގައި ހާޒިރުވާ ފަރާތް ރަށުން ބޭރަށް ފުރައިގެން ދާކަން އަންގާ ފޯމު، އަދި ކޯޓަށް ހުށަހަޅަންޖެހޭ މެޑިކަލް ފޯމު ފަދަ ފޯމްތައް ހިމެނެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް