ads
ނޫސްވެރިންގެ އެއްވުމެއްގެ ތެރެއިން-- ފޮޓޯ: ވޮއިސް
ދިޔަރެސްގެ ނޫސްވެރިންނަށް ބިރު ދެއްކި މައްސަލަ ބެލުމަށް އެމްޖޭއޭއިން ގޮވާލައިފި
ދިޔަރެސް ނޫހުގެ ދެ ނޫސްވެރިޔަކަށް ބިރު ދެއްކި ކަމަށް ބުނާ މައްސަލަ އަވަހަށް ތަހުގީގު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ފުލުހުންނަށް ގޮވާލައިފި އެވެ.

އަހްމަދު އަޒާން އަދި ނާހިލް އަހްމަދުއާ މަގުމަތިން ފުރައްސާރަކޮށް ބިރު ދެއްކީ ރޭގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ކަމަށް އެމީހުން ތުހުމަތު ކުރެ އެވެ.

އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި އެމްޖޭއޭއިން ވަނީ އެ އަމަލު ކުށްވެރިކޮށް، ވީ އެންމެ އަވަހަކަށް އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލާފަ އެވެ.

"އިންސާފު ގާއިމްކުރުން ލަސްވެގެންދިއުމަކީ ނޫސްވެރިންގެ މަސައްކަތަށް އޮތް ހުރަހެއް،" އެ ޖަމިއްޔާއިން ބުންޏެވެ.

އޭގެ އިތުރުން ނޫސްވެރިންނަށް ދިމާވާ ހުރިހާ މައްސަލައެއް އެ ޖަމިއްޔާއަށް ރިޕޯޓު ކުރުމަށް ވެސް އެމްޖޭއޭގެ ބަޔާނުގައި އެދިފައި ވެއެވެ.

އެމްޖޭއޭގެ އިތުރުން މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ވަނީ މި މައްސަލަ އަވަހަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ގޮވާލާފަ އެވެ.

"މިއީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ. މި ބާވަތުގެ ކަންކަމަކީ އާދައިގެ ކަންކަމުގެ ގޮތުގައި މި ކައުންސިލުން ނުދެކެމެވެ،" އެ ކައުންސިލުން ނެރުނު ބަޔާނުގައި ވެއެވެ.

ދިޔަރެސް ނޫހުގެ ނޫސްވެރިންނަށް އަލްހާން އާއި އިތުރު މީހަކު ފުރައްސާރަ ކުރީ ރޭ ސައިކަލުގައި ދަތުރު ކުރަނިކޮށް މަގުމަތިން ދިމާވެގެންނެވެ. އަޒާންގެ ފަރާތުން އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް