ads
އޮންލައިންކޮށް މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާ---
ސީޑީއާރުއައި ގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފި
ޗާޓާ އޮފް ދަ ކޯލިޝަން ފޯ ޑިޒާސްޓާ ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ (ސީޑީއާރުއައި) ގައި ދިވެހިރާއްޖެއިން ބައިވެރިވުމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވައި، އެ ޗާޓަރުގައި ބައިވެރިވުމަށް ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ އެ ޗާޓަރުގައި ރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ، އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ނިންމަވާފައިވާ ކަމަށެވެ.

އެ ޗާޓަރުގެ މައިގަނޑު މަގްސަދަކީ، އުމްރާނީ ވަސީލަތްތަކަށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރެވޭނެ ފަދަ ގޮތަކަށް އެވަސީލަތްތައް ތަރައްގީކުރުމާއި، މިހާރުވެސް ގާއިމްވެފައި ހުރި ވަސީލަތްތައް އެފަދައިން ބަދަލުކުރުމަށް ބާރުއެޅުމެވެ.

އަދި އެ ޗާޓަރުގެ މަޤްސަދުތަކާއި، ތަސައްވުރާއި، ލަނޑުދަނޑިތައް ފަރުމާކޮށްފައިވަނީ، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާއި، މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ޕެރިސް އެއްބަސްވުމުގައި ހިމެނިފައިވާ ބައެއް ކަންކަމާއި، ސެންޑައި ފްރޭމްވޯކް ފޯ ޑިޒާސްޓާ ރިސްކް ރިޑަކްޝަންގައިވާ ކަންކަމާއި، އ.ދ. ގެ އެޖެންޑާ 2030 ގައިވާ ކަންކަން ހާސިލް ކުރުމަށް ބާރުއެޅޭނެ ފަދަ ގޮތަކަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.
މިއަދު މެންދުރުފަހު އޮންލައިންކޮށް ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ރާއްޖެއިން ބައިވެރިވުމަށް ނިންމި ޗާޓަރަކީ، ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމަށްޓަކައި، މޫސުމާއި ކާރިސާތަކުން އަރައިގަނެ ޤައުމުތަކުގެ އުމްރާނީ ތަރައްޤީގެ ކަންކަން ވަރުގަދަކޮށް ކުރިއެރުވުމަށްޓަކައި، ޤައުމުތަކާއި، އ.ދ ގެ އެޖެންސީތަކާއި، ޕްރޮގްރާމްތަކާއި، މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކުތަކާއި، މާލީ އިންތިޒާމްތަކާއި، ޕްރައިވެޓް ސެންޓަރުގެ އިތުރުން އިލްމީ މަރުކަޒުތައް ހިމެނޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ ޕާޓްނާޝިޕެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެކޯލިޝަންގެ އަމާޒުތަކާ، ޑިޒާސްޓާ ރެޒިލިއެންޓް އިންފްރާސްޓްރަކްޗާ އަށް އިންވެސްޓްކުރުން ފަދަ ދިވެހިރާއްޖެއިން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އިސްކަންދޭ ކަންކަމާ ގުޅިފައިވާތީ، ދިވެހިރާއްޖެއިން ވާނީ މިކޯލިޝަނަށް ތާއީދުކޮށް އދ ގެ 74 ވަނަ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކާފައިވެއެވެ. ރައީސް އޮފީހުން ބުނީ އެޗާޓަރުގެ ތެރެއިން، ކާރިސާތަކާ ކުރިމަތިލުމަށް ގައުމުތަކުގައި ހުރި ޤާބިލްކަން ވަރުގަދަކޮށް، ގައުމުތަކުގެ މެދުގައި މައުލޫމާތާއި ފަންނީ ގާބިލުކަން ބަދަލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް