ads
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމުމަކަށް ގެނައުމާއި ގުޅިގެން 2012 ވަނަ އަހަރު އެމްޑީޕީން ފެށި އިސްސާފުގެ ދަތުރުގެ ތެރެއިން: ފޮޓޯ އެމްޑީޕީ
އެއްވެ އުޅުމުގެ މިނިވަންކަން އަލުން އިއާދަކޮށްދޭންޖެހޭ!
އެއްވެއުޅުމުގެ މިނިވަންކަމަކީ އެމްޑީޕީ އެފުދުމުގެ ކުރިން ވެސް އެ ޕާޓީގެ އިސްވެރިންގެ ގޮތުގައި މިއަދު ތިއްބެވި ބޭފުޅުން އެންމެ ބޮޑަށް ވަކާލާތުކުރަމުން ގެންދިޔަ އެއް ހައްގެވެ.
އެއްވެއުޅުމުގެ މިނިވަންކަމަކީ އެމްޑީޕީ އެފުދުމުގެ ކުރިން ވެސް އެ ޕާޓީގެ އިސްވެރިންގެ ގޮތުގައި މިއަދު ތިއްބެވި ބޭފުޅުން އެންމެ ބޮޑަށް ވަކާލާތުކުރަމުން ގެންދިޔަ އެއް ހައްގެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި ފެހި ގާނޫނު އަސާސީއަށް އަމަލުކުރަން ނުފަށަނީސް ވެސް އެމްޑީޕީއަށް މިއަދު ނިސްބަތްވާ ބޭފުޅުން ވަނީ އެއްވެ އުޅުމުގެ ހައްގު އެކްސަސައިޒް ކޮށްފައެވެ.

މިގޮތުން އޮގަސްޓު 12 އަދި 13 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދު އިސްވެހުންނަވައިގެން ބޭއްވެވި އެއްވުން ނުވަތަ "ކަޅު ހުކުރު" ދުވަހަށް މިއަހަރު ވަނީ 15 އަހަރު ފުރިފައެވެ.

"2004 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 12/13 އަކީ ވަރަށް ގިނަ ބަޔަކު ސިއްސުވާލި ދުވަހެއް. އެދުވަހަކީ ދިވެހި ރައްޔިތުންނަށް ހިތްވަރު ލިބުނު ދުވަސް. އެދުވަހަކީ ދިވެހިރައްޔިތުންނަށް އެރައްޔިތުން ނުކުމެ މިރާއްޖޭގެ ޚުދުމުހުތާރު ވެރިކަން އަނބުރާލެވިދާނެކަމާއި އަދި މިރާއްޖޭއިން އަނިޔާވެރިކަން ނައްތާލެވިދާނެކަން ޤަބޫލު ކުރާންވެސް ފެށުނު ދުވަސް. ދިވެހިރައްޔިތުންގެ ސީދާ ބާރު ދިވެހި ވެރިކަމަށް ފޯރުކުރެވިދާނެކަމަށް ޤަބޫލުކުރާން ފެށި ދުވަސް،" ކަމަށެވެ.

މިއީ 2012 ވަނަ އަހަރު ރައީސް ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި ވިދާޅުވި ވާހަކަފުޅެކެވެ.

އޭގެ ފަހުން ހަތަރު އަހަރު ތެރޭގައި އައު ގާނޫނު އަސާސީ ތަސްދީގު ކުރެވިގެން ދިޔައީ ސަރުކާރަށް ދުރާލައި އެންގުމަކާއި ނުލައި އެއްވެވޭނެކަމުގެ ހައްގު ކަވަރުވެސް ކުރުމާއެކުއެވެ.

އޭގެ ފަހުން ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތަކާއި ތަފާތު ފިކުރުތަކުގެ މީހުން ދިޔައީ މީގެ ކުރިން ދުވަހަކުވެސް ލިބިފައިނުވާ މިންވަރަށް ލިބިފައިވާ އެއްވެ އުޅުމުގެ ހައްގުގެ ބޭނުން ހިފަމުންނެވެ.

އެގޮތުން މިހާރުގެ ހޯމް މިނިސްޓަރުވެސް ހިތްވަރު ދެއްވައިގެން 2012 ވަނަ އަހަރުގެ ފެބުރުއަރީ 7 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށް އެއްވެ އޭރު އޮތް ވެރިކަން ނިމުމަކަށް ގެނައެވެ.

2012 ވަނަ އަހަރު ވެރިކަމާއި ހަވާލުވެ ވަޑައިގެން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައިވެސް މިއަދު ވެރިކަމުގައި އޮތް އެމްޑީޕީން އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ އެއްވެއުޅުމުގެ ހައްގުގެ ބޭނުން ނުހަނުބޮޑަށް ހިފިއެވެ.

2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމިން ވެރިކަމާއި ހަވާލުވެ ވަޑައިގެން ހިންގެވި ތަފާތު 'ޖަރީމާތަކާއި' ދެކޮޅަށް އެއްވެ އުޅުމުގެ ހައްގުގެ ބޭނުން އެމްޑީޕީން ހިފަމުން ގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ކޯލިޝަނުން އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަށް އެއްވެއުޅުމުގެ ގާނޫނަށް އިސްލާހެއް ގެނައެވެ.

އެ އިސް ލާހުގައި ބުނެފައިވަނީ ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. މި އިސްލާހު ތަސްދީގުކުރުމާ އެކު އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށެވެ.

އެ އިސްލާހު އެހެން އޮތް ނަމަވެސް، މިއަދު ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު އިސްވެ ހުންނަވައިގެން ވެސް އެ ގާނޫނަށް ބެއްލެވުމެއް ނެތި އެއްވުންތައް ބޭއްވުމަށް މަސައްކަތްކޮށް އެއްވުންތަކެއް ވެސް ބޭއްވިއެވެ.



އޭރުއެމްޑީޕީން ބުނަމުން ގެންދިޔައީ އެއްވެ އުޅުމުގެ ހައްގު ހަނިކުރީ ގާނޫނު އަސާސީގެ ރޫހާއި ހިލާފަށް ކަމަށެވެ.

އޭނާ ވިދާޅުވިީ ގާނޫނުއަސާސީގައި ރައްޔިތުންނަށް އަސާސީ ހައްގުތަކެއް ލިޔެދީ، އެ ހައްގުތައް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ މާއްދާގައި ވެސް "އަސާސީ ހައްގުތަކާ ބެހޭ އެއްވެސް މާއްދާއެއް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން" ކަމަށް ސާފުކޮށް ލިއެފައިވާ ކަމަށް އެމްޑީޕީން ބުނަމުން ގެންދިޔައެވެ.

"މިއީ އަޣުލަބިއްޔަތުން އެކަން ނުކުރެވޭނެ ކަން އަންގަން ލިއެދީފައި އޮތް މާއްދާއެއް. މި މާއްދާގެ ބޭނުމަކީ އަސާސީ ހައްގުތައް ރައްކާތެރިކުރުން،" ރައީސް ސާލިހު އެމްޑީޕީގެ ޕީޖީ ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން ވިދާޅުވެފައިވެއެވެ.

2018 ވަނަ އަހަރު އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް މުހައްމަދު ސާލިހާއި ވެރިކަން ހަވާލުކުރަން ފެންނަކަމަށް ރައްޔިތުން ނިންމިއެވެ. އަދި އޭގެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 65 ގޮނޑި އެމްޑީޕީއަށް ދޭން ވެސް ރައްޔިތުން ނިންމިއެވެ. މި ނިންމުންތަކާއެކު އެންމެ ބޮޑު އެއް އުންމީދެއް އާވި އެއްކަމަކީ ވެސް އެއްވެ އުޅުމުގެ ހައްގު އަލުން އިއާދަކޮށްދޭނެކަމުގެ އުންމީދެވެ.

އަދުގެ ހާލަތު:

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ގާނޫނަށް ގެނައި އެ އިސްލާހު އުވާލުމަކީ މި ސަރުކާރުގެ ވައުދެކެވެ.

އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތްއިރު، އަދި އެޕާޓީގެ ރައީސަކު ވެރިކަމުގައި ހުންނެވިއިރު ހާއްސަކޮށް އެ ޕާޓީއަށް އެންމެ ބޮޑު ފާޑުކިއުމެއް އަމާޒުވާ އެއް މައްސަލައަކީ އެއްވެއުޅުމުގެ މިނިވަންކަން އިއާދަނުކޮށްދޭ މައްސަލައިގައެވެ.

މި ހައްގު އަލުން އިއާދަކުރުމަށް ސަރުކާރުގެ ފަރާތުން އިސްލާހެއް ހުށަހަޅާފައިވާއިރު، އަދި އެ ހައްގު އަލުން އިއާދަކުރުމަށް ގޮވާލައި އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވެސް ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުރުން މަޖިލީހުގެ ބައެއް މެންބަރުންނަށް އިންޒާރުދީ ބިރު ދައްކަމުންދާ ކަމަށް ބުނެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ ހިޔާލު ހޯދުމަށް ބުދަ ދުވަހު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށްހާޒިރުކުރިއެވެ.

އެ ބައްދަލުވުމުގައި އިމްރާން ހިޔާލު ދެއްވާފައި ވަނީ އެއްވެއުޅުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު އޮތްގޮތައް ބޭއްވުމަށެވެ. އަދި އެއްވެވޭނެ ސަރަހައްދުތައް އިތުރުކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަމަށް ހޯމް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ.

"އެއްކޮށް އުވާނުލައި ރައްޔިތުންނަށް ހިޔާލުފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދެވިދާނެ ކަމަށް ނުވަތަ އިސްލާހެއް ގެނެވިދާނެ ކަމަށް އަޅުގަނޑު ދެކެނީ،" އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަށް ހުށަހަޅާފައިވާ އިސްލާހާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އިމްރާން ވިދާޅުވިއެވެ.

އެއްވެއުޅުމުގެ ހައްގު މުހިންމުވަނީ ކީއްވެ؟

ޑިމޮކްރަސީއެއްގައި ވެރިކަމުގެ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންނާއި ހަމައިންނެވެ. އަދި ގައުމާއި ދައުލަތް ހިނގާނެ އަދި ހިންގާނެ ގޮތް ވެސް ބުނެދެން ތިބި ބަޔަކީ ރައްޔިތުންނެވެ. އެގޮތުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ޑިމޮކްރަސީއެއްގައި އޮވެގެން ނޫނީ ރައްޔިތުން ބޭނުންވާ ގޮތް އަންގައިދެވޭނެ ގޮތެއް ނޯންނާނެއެވެ.

މިގޮތުން ހިޔާލުފާޅުކުރުމުގެ ހައްގު އެކި ޕްލެޓްފޯމްތަކުގައި އޮތް އިރު ފާޅުކުރާ ހިޔާލުތަކުގެ އަޑު ދައުލަތުން އަހަން އުޒުރުވެރިވާ ހާލަތުގައި އެއްވެގެންވެސް ހިޔާލުފާޅުކޮށް ރައްޔިތުންގެ އަޑު ދައުލަތުގެ އިސްވެރިންނަށް އިއްވުމުގެ މިނިވަންކަން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް