ads
ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރި 277 ދަރިވަރުން ހުވާ ކުރުމަށް އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން——-
277 ދަރިވަރަކު ގާނޫނީ ވަކީލުކަމުގެ ހުވާ ކޮށްފި
ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރި 277 ދަރިވަރަކު ގާނޫނީ ވަކީލުކަމުގެ ހުވާ ކޮށްފި އެވެ.
Advertisement

ގާނޫނީ ފަންނަށް ގެނެވުނު ފުރަތަމަ އިސްލާހާއި ގުޅިގެން ފަރުމާކުރެވުނު ހާއްސަ ލައިސެންސިން ޕްރޮގްރާމް ކާމިޔާބު ކުރި ފަރާތްތަކަށް ހުވާ ލަައިދުނުމަށާއި ހުއްދަ ދޫކުރުމަށް އިއްޔެ އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ޖުމުލަ ހަ ބެޗެއްގެ 277 ކުއްޖަކު ގާނޫނީ ވަކީލުކަމުގެ ހުވާކޮށްފައެވެ. 

އޮންލައިންކޮށް ބޭއްވި އެ ރަސްމިއްޔާތެއްގައި އެ ވަކީލުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. އެ ރަސްމިއްޔާތުގައި އުއްތަަމަ ފަޑިޔާރު އަހްމަދު މުއުތަސިމް އަދްނާންއާއި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދުގެ އިތުރުން ބާ ކައުންސިލްގެ މެންބަރު ޑރ. މުހައްމަދު މުނައްވަރު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. 

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުއްތަަމަ ފަޑިޔާރު މުއުތަސިމް އަދްނާން ވިދާޅުވީ އެންމެ ބޮޑަށް ހަނދާން ކުރަންޖެހޭ އެއްކަމަކީ ގާނޫނީ ވަކީލުންގެ ފަންނަކީ ވަރަށް މުހިންމު ފަންނެއްކަން ކަމަށެވެ. ރާއްޖޭގައި ގިނަ މީހުންނަކީ ވަރަށް ވަރަށް ފުޅާ ދާއިރާއެއްގައި ހިޔާލުފާޅުކުރާ ބަޔަކަށް ވާއިރު ގާނޫނީ ވަކީލުންގެ ގޮތުގައި އެއްޗެއް ބުނާއިރު ވަކީލެއްގެ ކިބައިގައި ހުންނަ އަހްލާގާއި ހަރުދަނާކަމާއި އަދި ފަންނުވެރިކަމާއި އިލްމީ ގާބިލްކަމަށް ސަމާލުކަން ދޭންޖެހޭ ކަމަށް މުއުތަސިމް ވިދާޅުވިއެވެ. އަދި ތަޖްރިބާއަކީ ނުވަތަ އިލްމީ ގާބިލް ކަަމަކީ ހުއްޓޭ އެއްޗެއް ނޫންކަމަށާއި ފަންނުގައި މަސައްކަތް ކުރާހާ ދުވަހަކު އިލްމީ ގާބިލްކަން ނުވަތަ މައުލޫމާތު މުއްސަނދިކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ.

އަދި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ ގާނޫނީ ވަކީލުންގެ ފަންނަށް ނިކުންނައިރު ކޮންމެ ވަކީލެއްގެ އަމާޒަކީ މުވައްކިލަށް ކާމިޔާބު ހޯދައި ދިނުން ކަމުގައި ވީނަމަވެސް ވަކީލުންގެ އަސާސީ ދައުރަކީ އަދުލު އިންސާފް ގާއިމް ކުރުމަށް އެހީތެރެވެދިނުންކަން ހަނދާން ކުރަންޖެހޭނެކަމަށެވެ. 

"މުވައްކިލަށް ކާމިޔާބު ހޯދަދިނުމަކީ ހަވާލުކުރާ މަސައްކަތް ކޮންމެ ގޮތެއް ހަދައިގެންވެސް ކާމިޔާބު ކުރުމެއް ނޫން. ކާމިޔާބު ހޯދަންޖެހޭނީ ގާނޫނީ ތަރަހައިގެ ތެރެއިން ގާނޫނީ ހަމަތަކުގެ މަތިން. ތިމާގެ މުވައްކިލަކީ ރައްޓެއްސަކަށްވިޔަށް ނުވަތަ ދައުލަތުގެ މުއައްސަސާއަކަށްވިޔަސް ވަކީލުން ކަން ކުރަންޖެހޭނީ ހަމަ މިހަމައިގެ މަތިން،" ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވިއެވެ.

މުވައްކިލު މައްސަލަ ކާމިޔާބު ކުރަން ބޭނުންވަނީ ގާނޫނީ ތަރަަހައިން ބޭރުން ކަމަށް ވާނަމަ އެކަމުގައި އޮންނަ ރަނގަޅުގޮތް ބުނެދީ އެކަން ހުއްޓުވުމުގެ ބާރު ނުވަތަ ހިތްވަރު ކޮންމެ ވަކީލެއްގެ ގައިގައިވެސް ހުންނަން ވާނެކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގައި ވަނީ ބާ ކައުންސިލްގެ މެންބަރު ޑރ. މުހައްމަދު މުނައްވަރުވެސް ވާހަަކަ ދައްކަވާފަ އެވެ. ގާނޫނީ ފަންނުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މުނައްވަރުގެ ވާހަކައިގައި ވަނީ ގާނޫނީ ފަންނުގައި މަސައްކަތްކުރާ މީހުން އާއްމު ދިރިއުޅުމުގައި ވެސް އަހްލާގީ މިންގަނޑުތައް ހިފެހެއްޓުމުގެ މުހިންމުކަމާއި ފަންނުގެ އިލްމީ ގާބިލުކަން އިތުރު ކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

އިއްޔެ ހުވާ ކުރެވުނު ގާނޫނީ ވަކީލުންނަށް ދޫކުރި ހުއްދައަކީ ގާނޫނީ ފަންނަށް ގެންނަ ފުރަތަމަ އިސްލާހްގެ ދަށުން ދޫކުރެވޭ ވަގުތީ ހުއްދައެކެވެ. އެ ހުއްދަ ދެމި އޮންނާނީ ބާ ކައުންސިލުން އެންމެ އަވަހަށް އިންތިޒާމްކުރާ ބާ ކައުންސިލް އިމްތިހާނަކާއި ހަމައަށެވެ. އަދި އެ ހުއްދަ ދާއިމީ ވާނީ ބާ ކައުންސިލް އިމްތިހާނުން ފާސްވުމުންނެވެ. 

ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް ބާ ކައުންސިލުންވަނީ އާއްމުކޮށް އެއް އަހަރު ދުވަހުން ނިމްމާލެވޭ ލީގަލް ޓްރޭނިން ޕްރޮގްރާމް އެއްމަސްދުވަހަށް ބަދަލުކޮށްފައެވެ. އެއާއެކު ވަކީލުކަން ކިޔަވަން ބޭނުންވެ ފުރުސަތުތައް ލިބުން ދަތިވެފައިވާ އެތައް ލޯ ގްރެޖްއޭޓުންނަކަށް ހާއްސަ ފުރުސަތެއް ފަހިގެންވަނީ ގޮސްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް