
މިއަދު ފާހަގަ ކުރަމުންދާ ރާއްޖޭގެ 77 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ހަފްލާއެއްގައި ވީޑިއޯ މެދުވެރިކޮށް ދެއްވި ހިތާބެއްގައި އިމްރާން ވިދާޅުވީ، މަސްތުވާތަކެއްޗާއި ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ގެވެށި އަނިޔާ އާއި ހަރުކަށި އިސްލާމީ ފިކުރުގެ ސަބަބުން ރާއްޖޭގެ ގައުމިއްޔަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
"ވަރަށް ގިނަ ފަހަރަށް އަޅުގަނޑުމެންގެ ތެރޭގައި ފޮރުވިފައިވާ ދުޝްމަނުން އަޅުގަނޑުމެންގެ ވިސްނުމުގެ ރާޑަަރަށް ގެއްލިގެންދޭ،" އިމްރާން ވިދާޅުވި އެވެ.
"އަޅުގަނޑުގެ ނަޒަރުގައި ދިވެހި ގައުމިއްޔަތަށް މި ޒަމާނުގައި ދިމާވެފައިވާ ބޮޑެތި ބައެއް ގޮންޖެހުންތަކަކީ ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީިގެ ވަބާ. އަޅުގަނޑުމެންގެ މައުސޫމު ކުނޑަކުދިންނަށާއި އަންހެނުންނަށް ގޭތެރޭގެ ވެށީގައި އަދި މެޖުތަމައުގައި ދިމާވަމުންއަންނަ އަނިޔާއާއި ގޯނާ އަދި ފުރުއްސާރަ. އިސްލާމް ދީނުގެ ސައްހަ އަގީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެބޭ ޒުވާނުން އަޅުގަނޑުމެންގެ ތެރޭގައި އިތުރުވަމުން ދިޔުން [މިއީ ގައުމިއްޔަތަށް މިއަދު ދިމާވެފައިވާ ބޮޑެތި ގޮންޖެހުން]".
މިނިސްޓަރު ފާހަގަ ކުރެއްވި ގޮންޖެހުންތައް ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ ރާއްޖޭގެ އިގްތިސާދު އާރާސްތުކޮށް، "ދިވެހިންނަށް ހައްގުވާ ދިރިއުޅުން" ހޯއްދައިދެއްވުމަށް ކަމަށް ހޯމް މިނިސްޓަރު ވިދާޅުވ އެވެ.
އޭގެ އިތުރުން އެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ މީގެ ކުރިން ގައުމިއްޔަތަށް ބުރޫއަރާފައިވާ ކޮންމެ ފަހަރަކު ދިވެހި ކާބަފައިން ގައުމު ނުރައްކަލުން ހިމާޔަތްކޮށްފައި ކަމަށެވެ.
ކާބަފައިން ކުރި މަސައްކަތްތަކުގެ ސަބަބުން ގައުމިއްޔަތުގެ ސިފަތައް، ދިވެހިވަންތަކަމާއެކު މިއަދާ ހަމައަށް ވެސް ދިވެހިންނަށް ވާރުތަވެފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.