ads
ހދ. ކުޅުދުއްފުށި-- ފޮޓޯ: ކޭއޯ
ކުޅުދުއްފުށީ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ހދ. ކުޅުދުއްފުށީ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެރަށު ކައުންސިލުން އެދިއްޖެ އެވެ.

ކުޅުދުއްފުށި ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ކުޅުދުއްފުށީގައި ކޮވިޑް-19 ރޯގާގެ ބިރުވެރިކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި ރައްކާތެރިވުމުގެ ގޮތުން އެޅެން ހުރި ހުރިހާ ފިޔަވަޅުތައް އެޅުމަށާއި ސިއްހީ މާހިރުންގެ ލަފަޔާއި އިރުޝާދަށް ފުރިހަމައަށް ބޯލެނބުމަށް ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ. 

ކައުންސިލުން ބަނީ ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ބޭރަށް ނުނިކުތުމަށާއި ބޭރަށް ނުކުންނަނަމަ މާސްކު އަޅައި ގައިދުރުކަން ބެހެއްޓުމަށް ވެސް އިލްތިމާސްކޮށްފަ އެވެ. އަދި މިސްކިތަށް ދިއުމުގައި އިސްލާމިކް މިނިސްޓްރީގެ އެންގުންތަކަށް ބޯލެނބުމުގެ ގޮތުން، މާސްކު އެޅުމާއި، މުސައްލައެއް ހިފައިގެން މިސްކިތަށް ދިއުމަށާއި، ގެއިން ވުޟޫ ކޮށްގެން ދިއުމުގެ އިތުރުން، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ޖަމާއަތުގައި ބައިވެރި ނުވުމާއި، ބަލީގެ އަލާމާތެއް ހުރިނަމަ ޖަމާއަތަށް ނުދިއުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. 

އޭގެ އިތުރުން ވިޔަފާރި ކުރުމަށް ފިހާރަތަކަށް ދިއުމުގެ ބަދަލުގައި އޮންލައިންކޮށް މުދަލަށް އޯޑަރު ކުރުމަށްވެސް ކައުންސިލުން ވަނީ އެދިފަ އެވެ. 

ރޭގެ ވަގުތެއްގައި ކުޅުދުއްފުށި މޮނިޓަރިންގެ ހާލަތަށް ގެނައިއިރު އެރަށް މީގެ ކުރިން ވެސް ދެތިން ފަހަރެއްގެ މަތިން މޮނިޓަރިންއަށް ގެނަ އެވެ. އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުން އަންނަ ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހަކު ޕޮޒިޓިވްވެ، އެ އަތޮޅުގެ އެކި ރަށްތަކުން އެ ކްލާސްޓާ ގުޅިގެން މީހުން ޕޮޒިޓިވްވެފައިވެ އެވެ. 

އެ ރަށު ފުލުހުންގެ ކްލަސްޓާއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު މިވަނީ 16 އަށް އަރާފަ އެވެ. އެހެންނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެ ސަރަހައްދުގައި ފުލުހުންގެ ހިދުމަތް ދެމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް