ads
ތިހުރީ ބަނޑުހައިވެފައިތަ؟ ނޫނީ ފޫހިވެފައިތަ؟
ހަގީގަތުގައި ވެސް ބަނޑުހައިވެގެން ކެއުމާއި ފޫހިވެގެން ބަނޑުހައިވާ ގޮތްތަކެއް ވުމަކީ މުޅިން ތަފާތު ދެކަމެކެވެ.

މީހަކު ބަނޑުހައިވެފައި ހުންނަނަމަ އެމީހަކުގެ ގައިގައި ވަރެއް ނުހުންނާނެ އެވެ. އަދި ކާން ބޭނުންވާނީ ގަޔަށް ވަރުޖެހޭ ޒާތެއްގެ ކޮންމެވެސް އެއްޗެކެވެ. އެކަމަކު ފޫހިވެފައި ހުރެއްޖެނަމަ ނުވަތަ ދެރަވެފައި ހުންނަައިރު ވެސް މީހުން ކައި ހަދަ އެވެ. އެގޮތަށް ދިމާވަނީ މީހާ ބަނޑުހައިވެފައި ހުންނަ ކަހަލަ ގޮތްތަކެއް ވާތީ އެވެ. އެކަމަކު ހަގީގަތުގައި އެއީ ބަނޑުހައިވުމެއް ނޫނެވެ.

ސައިކޮލެޖިކަލް ހަންގާއެއްގައި މީހަކު ކައި ހިތްވި ނަމަވެސް އެމީހާގެ ހަށިގަނޑުގައި އޭނާއަށް ކައި އެއްޗެއް ބޭނުންވާ ކަހަލަ އެއްވެސް ކަމެއް ދިމައެއް ނުވާނެ އެވެ. އެގޮތަށް ދިމާވާއިރު ވަކި ކަހަލަ އެއްޗެއް ކާން ބޭނުންވެ އެ ފަދަ އެއްޗެއް ކެއުމުން ނޫން ގޮތަކަށް ބަނޑުފުރުން އިހުސާސެއް ނުކުރެވެ އެވެ.

އެކަމަކު ފިޒިކަލް ހަންގާއެއްނަމަ ކޮންމެ ކަހަލަ ކާނާއެއް ކެޔަސް އެމީހަކަށް ހިތްހަމަޖެހުން ލިބޭނެ އެވެ.

ސިއްހީ މާހިރުންގެ އިރުޝާދާއެކު ލިޔުންތައް ލިޔާ ހެލްތުލައިންގައިވާ ގޮތުންނަމަ ފޫހިވެފައި ހުންނަ ވަގުތާއި ސްޓްރެސްވެފައި ހުންނަ ވަގުތުގައި މީހުން ކައި ހަދަނީ ކޮންމެހެން ބަނޑުހައިވެގެނެއް ނޫނެވެ. އެފަދަ ދަނޑިވަޅުތަކުގައި މީހާގެ ވިސްނުން އެހެން ކަމަކަށް ގެންދިއުމަށް ވެސް މީހުން ހައިދަ އެވެ. އެފަދަ މީހުންނަށް އެއީ ހިތްހަމަޖެހުން ލިބޭ ކަމެކެވެ.  

އޭގެ އިތުރުން ބައެއް ފަހަރު ކައިރީގައި އުޅޭ މީހުން، ކާތީ ވެސް ކެވޭ ގޮތް ވެ އެވެ. އެއީ ކޮންމެހެނުން ތިމާ ބަނޑުހައިވެފައި ހުންނާތީވާ ގޮތެއް ނޫނެވެ. އެކަމަކު ކައިރީގައި ތިބޭ މީހުން ކާތީ ކެތްނުވެގެން ކާހިތްވަނީ އެވެ. 

އަދި ރަނގަޅަށް ނިދި ލިބުމަކީ ވެސް ކެއުމުގެ ވައްޓަފާޅިއަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި އެންމެ ރަނގަޅަށް ނިދި ނުލިބޭނަމަ ބޮޑެތި މީހުން ކެލޮރިސް ގިނައިން ހުންނަ ބާވަތްތަކާއި ތައްޔާރީކާނާގެ ބާވަތްތައް ކާހިތްވެ އެވެ. އަދި އެކަމުގެ ސަބަބުން މީހާގެ ބަރުދަން އިތުރުވެ އެވެ.

ބަނޑުހައިވެފައި ހުރިކަން ދެނެގަންނާނީ ކިހިނެއް؟

ބަނޑުހައިވެފައި ހުންނަނަމަ އެމީހަކު މުޅި ދުވަހު މަސައްކަތް ކުރާ ވަރަށް ހަކަތަ ބަހައްޓަން ޖެހޭނެ އެވެ. އެހެންކަމުން ހަކަތަ ބޭނުންވާކަން ހަށިގަނޑަށް އެނގުމާއެކު ރަނގަޅު ފައިދާ ހުރި ކެއުމެއް ކެއުން ވަރަށް މުހިއްމެވެ. 

ބައެއް ފަހަރު ބަރުދަން ލުއިކުރުމަށް މީހުން ނުކައި ނުތިބެ އެވެ. އޭގެ ބަދަލުގައި ދުވާލެއްގެ މައްޗަށް އެއް ފަހަރު ކާއިރު އެ ކާވަގުތު މާގިނައިން ކެވެ އެވެ. އަދި ހެލްތުލައިންގައި ބުނާ ގޮތުންނަމަ ކެއުމަށް ފަހު މާގިނަ އިރުތަކެއް ނުވެ ބަނޑުހައިވާނަމަ އެއީ ކޮންމެހެނުން ބަނޑުހައިވެގެން ކާހިތްވުމެއް ނޫނެވެ. އެވަގުތު ކެއުމުގެ ބަދަލުގައި ރަނގަޅުވާނީ ފެންތައްޓަކުން ފަރުޖައްސާލުމެވެ. 

ވަރަށް ބޮޑަށް ބަނޑުހައިވެއްޖެނަމަ ބަނޑުގައި އެއްވެސް އެއްޗެއް ނެތް އިހުސާސްއާއި ބަނޑު ކުކުރުން ފަދަ ކަންކަން ވެސް ދިމާވާނެ އެވެ. އަދި ބަނޑުހައިވެފައި ހުންނަ ވަގުތު މީހާގެ އަނގަ ހިކުން ފަދަ ކަންކަން ދިމާވެ ފެން ބޯން ބޭނުންވާނެ އެވެ. 

ތިހުރީ ހަގީގަތުގައި ވެސް ބަނޑުހައިވެފައިތޯ ޔަގީންކުރަން ބޭނުންނަމަ ފެންތައްޓެއް ބޯލެވިދާނެ އެވެ. އަދި ފެން ބުއިމުން ވެސް ބަނޑުހައިވާނަމަ ގޮސް ކާންވީ އެވެ. އޭގެ މާނައަކީ ހަގީގަތުގައި ވެސް ތިހުރީ ބަނޑުހައިވެފައި ކަމެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް