ޕީއެސްޖީއާ ޔުނައިޓެޑް، ޗެމްޕިއަންސް ލީގުގައި ވާދަކުރާ މެޗު އޮންނާނީ އަންގާރަ ދުވަހުގެ ރޭގައެވެ. ޔުނައިޓެޑާ އަލަށް ގުޅުނު ކަވާނީވަނީ ސާދަ ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރުމަށް ފަހު އާދިއްތަ ދުވަހު ފުރަތަމަ ފަހަރަށް ޔުނައިޓެޑުގެ ޕްރެކްޓިހުގައި ބައިވެރިވެފައެވެ.
ހޮނިހިރު ދުވަހު ނިއުކާސްލް އަތުން ޔުނައިޓެޑު ބޮޑު ތަފާތަކުން މޮޅުވި މެޗުގައި ކަވާނީ ނުކުޅުނީ އޭނާ ކަރަންޓީނުކޮށްފައި ހުރުމުން ކަމުން، ޗެމްޕިއަންސް ލީގުގައި ޔުނައިޓެޑު ކުޅޭ މެޗުގައި ކަވާނީ ކުޅޭނެ ކަމަށް ބެލެވެއެވެ. ކަވާނީ އެންމެ ފަހުން ކުޅުނު މެޗަކީ ނިމުނު ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕީއެސްޖީއާ ބަޔާން މިއުނިކް ވާދަކުރި މެޗެވެ.