މާލޭގެ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި އަނަސް ހުއްޓާ ގުރޫޕަކުން ހަމަލާދީ އޭނާ މަރާލީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރެ އެވެ. އެ މައްސަލާގައި ދައުލަތުން ވަނީ ހަތް މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ.
ދައުވާ ލިބޭ މީހުންގެ ތެރެއިން ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ސާޒާއި، ލ. ގަން، ނަންނާރިގެ ޖުނައިހު އަބްދުﷲ އާއި، ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާގެ އިތުރުން ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ މައްޗަށް ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އޭގެ އިތުރުން މ. ލޮނުމިދިލިގެ އަފްރާހު އަބްދުލްރަހްމާނާއި، މ. ދިމިޝްގު އުސްމާން ޝަރީފްގެ އިތުރުން ޅ. ކުރެންދޫ އަސަރުމާގެ އަހްމަދު ޒަޔާނުގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފަ އެވެ.
ގިނަ ދުވަސްތަކަކަށް ފަހު މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ އޭޑީކޭ ހޮސްޕިޓަލްގެ އޮޕަރޭޝަން ޑޮކްޓަރު، ޑރ. އިބްރާހިމް މޫމިންގެ ހެކިބަސް ނަގާފަ އެވެ.
ޑޮކްޓަރު ވިދާޅުވީ އޭނާ އަނަސްއަށް ފަރުވާ ދޭން ފެށިއިރު، އޭޑީކޭގެ އެމެޖެންސީ ރޫމުގައި ތިބި ނަރުހުންނާއި އެހެން ޑޮކްޓަރުން ވެސް އެޓެންޑުކޮށްފައިވާ ކަމަށާއި އޭރުވެސް އަނަސްގެ އެއްވެސް ހަރަކާތް ކުރުމެއް އަދި ހަށިގަނޑުގައި ވިންދު ވެސް ނެތް ކަމަށެވެ.
އަނަސްގެ ކަރާއި މޭ މައްޗަށް ފުން ޒަހަމްތަކެއް ދީފައި ހުރި ކަމަށާއި އެގޮތުން 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ހުރި ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ. އޭގެ ސަބަބުން ހަށިގަނޑުން ލޭ ހުސްވެ، ފުއްޕާމެއަށް ވެސް އަސަރު ކުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މި މައްސަލައިގެ ދައުވާ ލިބޭ ހަތް މީހުންގެ ތެރެއިން ޖުނައިހު އަބްދުﷲ މިއަދުގެ އަޑުއެހުމުގައި ވަނީ ބޭސް ފަރުވާ ކުރުމުގެ ފުރުސަތު އޭނާއަށް ނުލިބޭ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ. މީގެ ކުރީގެ އަޑުއެހުމެއްގައި ވެސް އޭނާ ވަނީ ލޯ ފުސްވާ މައްސަލަ ދިމާވާ ކަމަށް ބުނެފަ އެވެ.
ގާޒީ މުހައްމަދު ސަމީރު ދައުލަތަށް އެންގެވީ އޭނާއަށް ބޭސް ފަރުވާ ނުލިބޭ ކަމަށް ބުނާ މައްސަލަ ބެލުމަށެވެ. މިއަދުގެ އަޑުއެހުން ނިންމާލީ އޮކްޓޯބަރު 5 ގައި މި މައްސަލައިގެ އިތުރު އަޑުއެހުމެއް އޮންނާނެ ކަން އިއުލާނު ކުރެއްވުމަށް ފަހު އެވެ.