ads
ފޮޓޯ: މީސްމީޑިއާ
ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދު އާއްމުކޮށްފި
"ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދު" ފިޝަރިޒް މިނިސްޓްރީން އާއްމުކޮށްފި އެވެ.
Advertisement

މިއަދު އާއްމުކުރި "ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމާ ބެހޭ ގަވާއިދު" ގެ މަގުސަދަކީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކުރެވޭ، ކަނޑުގެ ދިރުންތަކުގެ ދިރާސާތަކާއި، މަސްވެރިކަމާއި މަސްވެރިކަމާ ގުޅުންހުރި ދިރާސާތައް، ކަނޑައެޅޭ ނިޒާމެއްގެ ތެރެއިން ބެލެހެއްޓުމާއި، ދުނިޔޭގެ ކަނޑުތަކުގެ ގާނޫނު އާއި، ރާއްޖޭގެ ގާނޫނުއަސާސީއާއި، ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކުގެ ތަރަހައިގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ދިރާސާ ކުރުމަށް މަގު ފަހިކޮށްދިނުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

އާއްމުކޮށްފައިވާ ގަވާއިދުގައި ބުނާގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި، އެކަމާއިގުޅޭ އެއްވެސް ދިރާސާއެއް ކުރުމުގެ ކުރިން، އެކަމަށް ކަނޑައަޅައިފައިވާ ފޯމު ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށް، ހުއްދަ ހޯދަންވާނެއެވެ.

އަދި ދިރާސާކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމާއާއިއެކު، ދިރާސާ ކުރުމަށް ދައުލަތުގެ އެހެން އިދާރާއަކުން ހުއްދައެއް ނަގަންޖެހޭ ނަމަ، އެ ހުއްދައާއި ދިރާސާއަށް ޒިންމާވާ ފަރާތުގެ ތަފުސީލާއި ދިރާސާކުރާ ޓީމުގައި ހިމެނޭ ފަރާތްތަކުގެ ވަނަވަރު އަދި ދިރާސާކުރާ ޓީމުގައި ރާއްޖެއިން ބޭރުގެ ފަރާތެއް ހިމެނޭ ނަމަ، އެ ފަރާތުގެ ޕާސްޕޯޓުގެ ކޮޕީ ހިމަނަންވާނެކަމަށް ބުނެފައިވެއެވެ.

 ގަވާއިދުގެ ދަށުން ދިރާސާ ކުރުމަށް ބޭނުންވާ ފަރާތްތަކުން، އެކަން ފަށާ ތާރީހުގެ މަދުވެގެން ދެ މަސްދުވަހުގެ ކުރިން، ދިރާސާ ކުރުމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަންވާނެކަމަށާއި ދިރާސާ ކުރުމުގެ ހުއްދަ ދޫކުރެވޭ ފަރާތަކީ ހުށަހަޅާ ދިރާސާ ކުރުމުގެ ގާބިލުކަން ހުރި ފަރާތެއް ކަމުގައި މިނިސްޓްރީގެ ފަރާތުން ޔަގީން ކުރަން ވާނެކަމަށް އެ ގަވާއިދުގައި ވެއެވެ. 

އެ ފަރާތެއްގެ ގާބިލުކަން ބެލުމުގައި، ބަލަނީ ކަމާ ގުޅޭ ތަމްރީނާއި ތައުލީމު ހުރި މިންވަރަށާއި ކުރުމަށް ހުށަހަޅާ ދިރާސާ ނުވަތަ އެފަދަ އެހެން ދިރާސާތަކާ ގުޅޭގޮތުން ޝާއިއުކޮށްފައިވާ ސައިންޓިފިކް ރިޕޯޓްތަކަށާއި ދިރާސާ ކުރުމަށް ހުށަހަޅާ ޓީމުގައި ބައިވެރިވާ ފަރާތްތަކުގެ ވަނަވަރާއި، އެ ފަރާތްތަކުން ކޮށްފައިވާ ސައިންޓިފިކް ދިރާސާތައް އަދި ހުށަހަޅާ ދިރާސާ ކުރުމަށް ބޭނުންވާނެ ވަސީލަތްތަކާއި، އެ ވަސީލަތްތައް ހުރި މިންވަރަށެވެ.

ގަވާއިދުގެ ދަށުން ދޫކުރާ ދިރާސާކުރުމަށް ހުއްދަ ދޫކުރަންވާނީ، އިދާރީ ފީގެ ގޮތުގައި 1،500 ނެގުމަށްފަހުގައި ކަމަށް ގަވާއިދުގައިވެއެވެ. އެހެންނަމަވެސް އިދާރީ ފީ ނެގުމާ ނުލައި، ރާއްޖޭގެ ކޮލެޖެއްގައި ނުވަތަ ޔުނިވާސިޓީއެއްގައި ހިންގާ ކޯހެއްގެ މުގައްރަރުގެ ބައެއްގެ ގޮތުގައި ހިންގާ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރާ ދަރިވަރުންނަށާއި އެހެން ގައުމެއްގެ ކޮލެޖެއްގައި ނުވަތަ ޔުނިވާސިޓީއެއްގައި ހިންގާ ކޯހެއްގެ މުގައްރަރުގެ ބައެއްގެ ގޮތުގައި ހިންގާ ދިރާސާއެއް ނުވަތަ ތަހުލީލެއް ކުރާ ދިވެހި ދަރިވަރުންނަށް ދިރާސާކުރުމަށް ހުއްދަ ދޫކުރެވިދާނެކަމަށް ގަވާއިދުގައި ބުނެއެވެ. 

ގަވާއިދުގެ ދަށުން ދިރާސާ ކުރުމުގެ ހުއްދަ ދެވޭނީ، އެންމެ ދިގުވެގެން އެއް އަހަރުދުވަހުގެ މުއްދަތަށެވެ. ނަމަވެސް، ދިރާސާކުރުމަށް ދީފައިވާ އެއް އަހަރުދުވަހުގެ މުއްދަތު ހަމަވުމަށްފަހު، އެ ދިރާސާ އިތުރަށް ކުރިޔަށް ގެންދިއުމަށް ބޭނުންވާ ނަމަ، ހުއްދައަށް އެދި ހުށަހަޅާ ތަކެއްޗާއެކު، ދިރާސާ ކުރުމަށް ލިބިފައިވާ ހުއްދައިގެ މުއްދަތު ހަމަވުމުގެ އެއް މަސްދުވަހުގެ ކުރިން، ހުއްދަ އާކުރުމަށް ހުށަހެޅިދާނެއެވެ.

އެ ގަވާއިދުގައި ބުނާ ގޮތުން ބިދޭސީ އަމިއްލަ ފަރުދަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިރާސާ ކުރުމުގެ ހުއްދަ ދެވޭނީ، އެ ފަރާތަކާއެކު ޔުނިވާސިޓީއަކުން، ނުވަތަ ކޮލެޖަކުން، ނުވަތަ ރިސާޗް ލެބަކުން، ނުވަތަ އެނޫންވެސް އެފަދަ އެހެން ތައުލީމީ މަރުކަޒަކުން، ނުވަތަ އެފަދަ މަސައްކަތެއްގައި ހަރަކާތްތަރިވާ ޖަމުއިއްޔާ ނުވަތަ ޖަމާއަތަކުން އެ ދިރާސާއެއް ކުރުމަށް ހުއްދައެއް، ނުވަތަ އެއްބަސްވުމެއް އޮވެގެންނެވެ. މިނިސްޓްރީއާ ނުވަތަ ދައުލަތުގެ އެހެން އިދާރާއަކާއެކު ރަސްމީގޮތުން ވެވޭ އެއްބަސްވުމެއްގެ ދަށުން ދިރާސާ ކުރުމުގެ ހަރަކާތެއް ހިންގާ ބިދޭސީ ޖަމުއިއްޔާއެއް ނުވަތަ ޖަމާއަތެއް ފިޔަވައި އެނޫން އެހެން ބިދޭސީ ޖަމުއިއްޔާއަކުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަނޑާއި ކަނޑުގެ ގުދުރަތީ ވަސީލަތްތަކުގެ ނުވަތަ ދިރުންތަކުގެ ދިރާސާ ކުރުމުގައި ހަރަކާތްތެރި ވާންވާނީ، ރާއްޖޭގެ ގާނޫނުތަކުގައިވާ ގޮތުގެ މަތިން ރާއްޖޭގައި އެ ޖަމުއިއްޔާއެއް ރަޖިސްޓަރީކޮށްގެން ކަމަށް ބުނެފައިވެއެވެ.

ދިރާސާކޮށް ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ ރިޕޯޓު، މިނިސްޓްރީއަށް ދޭން ޖެހޭނެކަމަށާއި ދޫކޮށްފައިވާ ހުއްދައިގެ ދަށުން ނެގުމަށް ހުއްދަ ދޭ ބާވަތްތައް ފިޔަވައި އެހެން ތަކެތި ނެގުމަކީ މަނާ ކަމެއް ކަމަށް ގައިވާއިދު ބުނެއެވެ. އަދި ހުއްދައިގައި ބަޔާންކޮށްފައިވާ އަދަދަށްވުރެ އިތުރަށް ސާމްޕަލް ނެގުމަކީ މަނާ ކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް