
މިރޭގެ މެޗަށް މި ދެ ޓީމު ނުކުންނައިރު، މި ދެ ޓީމު އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް މީގެ ކުރިން ކުޅެފައިވަނީ 2018-2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ރައުންޑް އޮފް ސިކްސްޓީންގައެވެ. އެ ފަހަރު ކުޅުނު ދެ މެޗުގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދީ ޔުނައިޓެޑެވެ.
އެ ފަހަރުގެ ފުރަތަމަ މެޗު ޔުނައިޓެޑުގެ ދަނޑުގައި ކުޅެ ދެ ލަނޑު ސުން ލަނޑުން ޔުނައިޓެޑް ބަލިވިނަމަވެސް ދެވަނަ މެޗު ފްރާންސްގައި ކުޅެ ތިން ލަނޑު އެއް ލަނޑުން މޮޅުވެ، އަވޭ ގޯލްސް ރޫލުން ޔުނައިޓެޑްވަނީ ޕީއެސްޖީގެ މައްޗަށް ކުރި ހޯދާފައެވެ. އެ ނޫނީ މި ދެ ޓީމުގެ ރަސްމީ ކުރިމަތިލުމެއް ނެތެވެ.
އަނެއްކޮޅުން ޕީއެސްޖީއަށް ބަލާއިރު، ނޭމާ މިރޭގެ މެޗަށް ފިޓްވާނެ ކަމަށް ޕީއެސްޖީއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މި ދެ ޓީމުން ދެ ޓީމުގެ ލޯކަލް މުބާރާތްތަކުގައި އެންމެ ފަހުން ކުޅެފައިވާ ތިން މެޗަށް ބަލާލާއިރު، ޕީއެސްޖީން އެ ޓީމު އެންމެ ފަހުން ކުޅުނު ތިން މެޗުވެސްވަނީ ކާމިޔާބުކޮށްފައެވެ. ޔުނައިޓެޑު އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު އެއް މެޗުންވަނީ ބަލިވެފައެވެ.
އެންމެ ފަހުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވި ޕީއެސްޖީއާ މެންޗެސްޓާ ޔުނައިޓެޑުގެ މެޗު ކުޅޭނީ ފްރާންސްގައެވެ. ކޮރޯނާ ވައިރަހާއި ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ކުޅިބަލަން މީހުން ދަނޑަށް ނުވައްދާ ކުޅޭތީ މިރޭގެ މެޗުވެސް ކުޅޭނީ ހުސް ސްޓޭޑިއަމްގައެވެ. މެޗު ފަށާނީ ރާއްޖޭ ގަޑިން، އަންގާރަ ދުވަހުގެ ރޭ ބާރަ ޖަހާއިރުއެވެ.