ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު--
މި ވަގުތު ކޮވިޑަށް ބޭސް ފަރުވާއެއް ނެތް، އޮތީ ތަފާސްހިސާބުގެ ފަރުވާ: ނަޝީދު
ކޮވިޑް-19 ބަލިމަޑިކަމުން އަރައިގަންނަމުން ދަނީ "ސްޓެޓިސްޓިކަލް ފަރުވާ" ގެ އެހީގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

ދުނިޔޭގެ ތަފާސްހިސާބު ދުވަސް ފާހަގަކުރުމަށް ޕްލޭނިން މިނިސްޓްރީން މިއަދު ހެނދުނު ބޭއްވި ޖަލްސާގެ ޝަރަފުވެރި މެހެމާނުގެ ގޮތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވަނީ ތަފާސްހިސާބުގެ މުހިއްމު ކަމަށް އަލިއަޅުއްވާލައްވާފަ އެވެ.

އެގޮތުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ތެރޭގައި ވެސް ތަފާސްހިސާބުގެ މުހިއްމުކަން ފާހަގަވާ ކަމަށާއި، މި ބަލިން އަރައިގަންނަމުން ދަނީ އެއްވެސް ބޭސް ފަރުވާއެއް ނެތި ކަމަށް ނަޝީދު ވިދާޅުވި އެވެ. 

"ބޭސްވެރިކަމުގެ ހަކީމީ ފަރުވާއެއްވެސް މިއަކަށް އޮތީއެއް ނޫން. މިކަމަށް އޮތީ ސްޓެޓިސްޓިކަލް ފަރުވާއެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ފާހަގަކުރައްވާފައި އެ ވަނީ އެއްވެސް ފަރުވާއެއް އަދި ވެކްސިނެއް ހޯދިފައި ނުވާ ކޮވިޑުން ރައްކާތެރިވުމަށް ކޮންޓެކްޓް ޓްރޭސިން ހެދުމާއި، ގައިދުރުކަން ބެހެއްޓުން ފަދަ ފިޔަވަޅުތައް އަޅަމުންދާ ވާހަކަ އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ތަފާސްހިސާބާ ބެހޭ ބިލެއް މި ވަގުތު އެބަ އޮތް ކަމަށާއި، އެ ބިލް ގާނޫނަކަށް ވެގެން އައުމުން ތަފާސްހިސާބާ ގުޅުން ހުރި މިނިވަން މުއައްސަސާއެއް އުފެދިގެން ދާނެ ކަމަށެވެ.

އޭގެ އިތުރުން ނަޝީދު ވަނީ ދުނިޔެ އާއި ރާއްޖޭގައި ތަފާސްހިސާބު ފެށިގެން އައި ގޮތުގެ ތާރީހު ހިއްސާ ކުރައްވާފަ އެވެ. 

އެމަނިކުފާނު ވިދާޅުވީ ތަފާސްހިސާބަކީ އިސްލާމީ ރަން ޒަމާނުގައި ކުރިއަރައިގެން އައި އިލްމެއް ކަމަށާއި ރާއްޖޭގައި ވެސް ތަފާސްހިސާބުގެ އިލްމު ބޭނުން ކުރާތާ އެތައް ހާސް އަހަރެއް ވެފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ތަފާސްހިސާބުގެ ޕޮކެޓްފޮތް 2020، ދިވެހިރާއްޖޭގެ ތަފާސްހިސާބު އެޓްލަސް 2020 އަދި އެސްޑީޖީ ޑޭޓާ އަޕްޑޭޓް 2020 ނެރެދެއްވީ ނަޝީދު އެވެ.

ކޮންމެ ފަސް އަހަރަކު އެއް އަހަރު ފާހަގަކުރުމަށް އދ. އިން ކަނޑައަޅާފައިވާ މި ދުވަހުގެ މި އަހަރުގެ ޝިއާރަކީ "އިތުބާރު ހުރި ތަފާސްހިސާބުން ދުނިޔެ ގުޅާލުން" މިއެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް