އުމުރުން ހަތްދިހަ ފަސް އަހަރު ފުރުމާ ގާތްވެފައިވާ މިސްރުގެ އަޒީޒުއްދީން ބަހާދަރުވަނީ އެ އުމުރުގައި ދެ މެޗުގައި ނުވަދިހަ މިނިޓް ކުޅެފައެވެ. މިސްރުގެ ތިންވަނަ ޑިވިޝަންގައި ކުޅޭ މި ކާފައަށް ގިނީސް ވޯލްޑް ރެކޯޑްގެ ލިޔުން ހަވާލުކުރި މެޗު ބެލުމަށް އޭނާއަށް ކާފަ ކިޔާ ހަ ކުދިން ސްޓޭޑިއަމަށް ދިޔަކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބަހާދަރަށް އުމުރުން ހަތްދިހަ ފަސް އަހަރު ފުރޭނީ އަންނަ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހުއެވެ. އުމުރުން އެންމެ ދުވަސްވީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔާގެ ރެކޯޑް ހެދުމަށް ބަހާދަރު އެންމެ ފުރަތަމަ މަސައްކަތް ކުރީ މި އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކެއް މިސްރުގައިވެސް މެދު ކަނޑާލުމުން އޭނާއަށް ރެކޯޑް ނުހެދުނީއެވެ. އޭނާވަނީ މާޗު މަހު ކުޅުނު މެޗުގައި ލަނޑެއްވެސް ޖަހާފައެވެ.
އުމުރުން އެންމެ ދުވަސްވީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔާގެ ރެކޯޑް ކުރިން އޮންނަނީ އުމުރުން ހަތްދިހަ ތިން އަހަރު މީހެއްގެ އަތުގައެވެ. ބަހާދަރު ބުނި ގޮތުގައި އޭނާގެ އުއްމީދަކީ އޭނާ އަތުގައި އޮތް ރެކޯޑް އަދި އެއް ފަހަރު މުގުރާލައި ރެކޯޑް އާ ކުރުމެވެ.