ads
އޭސީސީގެ މެމްބަރުން މީގެ ކުރިން މަޖިލީހަށް ހާޒިރުކުރުން-- ފޮޓޯ: މަޖިލިސް
ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރަން ޕީޖީއަށް ފޮނުވީ އެކަށީގެންވާ ހެކި ހުރުމުން: އެސީސީ
ވެންޓިލޭޓަރު ހޯދުމާއި ގުޅޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގު ކުރުމަށްފަހު، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކޮށްފައިވާކަމަށް ބުނެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ހިމެނިވަޑައިގަންނަވާ ގޮތުން 11 ފަރާތެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވީ ދައުވާ ކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުރުމުން ކަމަށް އޭސީސީން ބުނެފިއެވެ.

ކޮވިޑް-19އާއި ގުޅިގެން ބޭނުންވާ 75 ވެންޓިލޭޓަރު ގެނައުމަށް ދުބާއީގެ ކުންފުންޏަކާއި ހާވާލުކުރުމުގައި، މާލިއްޔަތު ގާނޫނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަގައި، ދައުވާ ކުރަން ފޮނުވި މީހުންގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ނެތުމުން ޕީޖީން ވަނީ އެމައްސަލާގައި ދައުވާ ނުކުރަން ނިންމާފައެވެ. 

ޕީޖީގެ މި ނިންމުމާއިއެކު އެސީސީން މައްސަލަ ތަހުގީގު ކުރުމުގައި އިހުމާލުވެފައިވާކަމަށް ތުހުމަތުކޮށް އޭސީސީގެ މެމްބަރުން ވަކިކުރުމަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން އަންނަނީ ބުނަމުންނެވެ.

މިކަންކަމާއި ގުޅިިގެން އޭސީސީން ދިފާއުގައި ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ވެންޓިލޭޓަރު މައްސަލާގައި ދައުވާކުރަން ޕީޖީއަށް ފޮނުވީ އެކަށީގެންވާވަރަށް ހެކި ހުރެގެން ކަމަށެވެ. އަދި ޕީޖީ އޮފީހުން ނިންމާފައިވާ ނިންމުމުގައި ފާހަގަކޮށްފައިވާ ކަންކަން މުރާޖާ ކުރަމުންދާ ކަމަށެވެ. 

އޭސީސް ނެރުނު ބަޔާނުގައި ވަނީ، ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރިއިރު އަމަލުކުރަމުން ދިޔަ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.03 މާއްދާގައި، ދައުލަތުގެ އޮފީހަކުން ނުވަތަ ދައުލަތުގެ އޮފީސްތަކަށާއި މުއައްސަސާތަކަށް ތަކެތި ގަތުމާއި ހިދުމަތް ހޯދުމާއި މަސައްކަތްތައް ކުރުވުމުގައި، އެ ގަވާއިދަށް އަމަލުކުރުން ލާޒިމުނުވާ ހާލަތްތައް ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމަށާއި ދައުލަތުގެ މުހިއްމު މަސްލަހަތެއް ހިފެހެއްޓުމަށާއި ދައުލަތަށް ނުވަތަ ރައްޔިތުންނަށް ދުރުރާސްތާގައި ލިބިދާނެ ގެއްލުމެއް ކުޑަކުރުމަށްޓަކައި ނުވަތަ ދުރުރާސްތާގައި ލިބިދާނެ ފައިދާއެއް އިތުރުކުރުމަށްޓަކައި އެ ފަހަރަކު ބޭނުންވާ މިންވަރަށް ފިނޭންސް މިނިސްޓަރު އަންގާގޮތެއްގެ މަތިން، ދައުލަތުގެ ފައިސާ ހަރަދު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. 

އަދި ކޮވިޑާއި ގުޅިގެން ހޯދަންޖެހޭ ތަކެތީގެ އަގު 2.5 މިލިއަނަށްވުރެ ބޮޑުވާތީ، އެތަކެތި ހޯދޭނީ ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކަމަށްވާތީ، 2.5 މިލިއަން ރުފިޔާއަށްވުރެ އަގު ބޮޑުވާ މަސައްކަތްތަކާއި ހޯދަންޖެހޭ ޑޮކިއުމެންޓްތައް ޓެންޑާ ބޯޑަށް ހުށަހަޅަން ނުޖެހޭގޮތަށް ހެލްތުގެ ބިޑު ކޮމިޓީން ނިންމައިގެން ކުރިއަށް ގެންދިއުމުގެ ހާއްސަ ހުއްދައަކަށް ފިނޭންސްގައި އެދުމުން ބިޑު ކޮމިޓީ މެދުވެރިކޮށް އެ މަސައްކަތާއި ތަކެތި ހޯދުމުގެ ކަންކަން ކުރިއަށްގެންދިއުން އެންމެ ރަނގަޅުކަމުގައި އަންގާ ހުއްދަ ދީފައިވާ ކަމަށާ އަދި އެ މުއްދަތު އިތުރުކުރުމަށްއެދި ހުށަހެޅުމުން އެކަންވެސް ކޮށްދީފައިވާ ކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ. 

އަދި ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ސިންގަލް ސޯސް ޕްރޮކިއުމެންޓް އުސޫލުން ހަވާލުކުރުމުގެ ހުއްދައަކަށް ހެލްތުން ފިނޭންސްގައި އެދުމުން، އެއުސޫލުން ވެންޓިލޭޓަރުތައް ހޯއްދުމުގައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ބިޑު ކޮމިޓީއަށް ހުށަހަޅައިގެން އެއާމެދު ގޮތެއް ނިންމަވައިގެން ކުރިއަށްގެންދިއުމަށްވެސް ފިނޭންސުން ހުއްދަ ދީފައިވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައިވެއެވެ.

ނަމަވެސް ވެންޓިލޭޓަރުތައް ހޯދުމަށް ދުބާއީ ކުންފުންޏަށް ދިނުމުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.34 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަލަން ޖެހޭ ކަމަށް އެ މާއްދާގައި ބަޔާންކުރާ، ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭނެ ހުނަރާއި ގާބިލުކަމާއި ފެންވަރާއި ވަސީލަތްތައް ހުރިތޯ ވަޒަންކުރުމުގެ ގޮތުން ބަލަންޖެހޭ ކަންކަން ބަލާފައިނުވާ ކަމަށް ތަހުގީގުން ހާމަވާކަމަށް އޭސީސީގެ ބަޔާނުގައި ވެއެވެ. 

އަދި ބެކް ޑޭޓްކޮށް އެއްބަސްވުމުގައި ސޮއިކުރިއިރު އަދި އޭގެ ފަހުންވެސް އެކަމާ ގުޅޭގޮތުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ދަށުން ފިނޭންސްގެ ހުއްދައެއް ހޯދާފައިނުވާކަން ތަހުގީގަށް ހޯދާފައިވާ ހޯދުންތަކުން އެނގޭ ކަމަށް އޭސީސީންބުނެއެވެ. 

އަދި އޭސީސީގެ ބަޔާނުގައި ވަނީ، ވެންޓިލޭޓަރު ގެނައުމަށް ފިނޭންސުން ދީފައިވާ ހުއްދަތަކަކީ ވަކިވަކި ކަންކަމާ ގުޅިގެން ދީފައިވާ ހުއްދަތަކެއް ކަމަށާ، އަދި އެއިން އެއްވެސް ހުއްދައަކީ މުޅި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަމަލުކުރުން ލާޒިމް ނުވާގޮތަށް ދީފައިވާ ހުއްދަތަކެއް ނޫން ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް