ads
ފަތުރުވެރިންތަކެއް ރާއްޖޭގައި-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ދުވާލެއްގެ މައްޗަށް 1000 ފަތުރުވެރިން ރާއްޖެ އެބަ އާދޭ: މިނިސްޓަރު މައުސޫމް
ކޮވިޑް-19 އާ ގުޅިގެން ބަންދު ކުރި ބޯޑަރު ހުޅުވާލި ފަހުން ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު 1000 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ އޮކްޓޯބަރު މަހު ފަތުރުވެރިން އަންނަ އަދަދު 1000 އެރުވުމަށް ކުރި މަސައްކަތް ހާސިލްވެއްޖެ ކަމަށެވެ.

"ކުރިން އުންމީދު ކުރީ އޮކްޓޯބަރު މަހު އަންނަ ފަތުރުވެރިންގެ އަދަދު 1000 އަކަށް އަރާނެ ކަމަށް. އެކަންތައް ހާސިލްވެއްޖެ. އޮކްޓޯބަރު މަހާއި ނޮވެމްބަރު މަހު އަދި ޑިސެމްބަރު މަހު އިރާދުކުރެއްވިއްޔާ 100،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ،" މައުސޫމް ވިދާޅުވި އެވެ.

އޭގެ އިތުރުން ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން މިހާރު 12 އެއާލައިނަކުން ރާއްޖެ ދަތުރު ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގެސްޓުހައުސްތަކުގެ ވިޔަފާރި އަލުން ފެށުމަކީ ފާހަގަކުރެވޭ ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.

ގެސްޓުހައުސްތައް އަލުން ހުޅުވާފައި ވަނީ އޮކްޓޯބަރު 15 ގައެވެ. ވަކި މިންގަނޑުތަކަކަށް ފެތޭ ރަށްރަށާއި ގެސްޓުހައުސްތަކަށް ހުއްދަ ދެމުން ދާއިރު، ރަށްރަށަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް ދަނީ މަޑުމަޑުން އިތުރުވަމުންނެވެ.

އިމިގްރޭޝަނުން މިއަދު އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން ބޯޑަރު ހުޅުވި ފަހުން ތިން މަހުގެ ތެރޭގައި 27،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 100،000 ފަތުރުވެރިން ރާއްޖެ ގެނައުމެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް