މިއަދު ވަނީ އެމްއެމްޕީއާރުސީގެ މައްސަލަ ގޮސްފައިވާ ހިސާބެއް ސާފުކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެސެޓް ރިކަވަރީ ކޮމިޝަން ކޮމިޓީއަށް ހާޒިރުކޮށްފަ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އައްސަދު އެ ތަހުގީގު ލަސްވެފައިވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވިދާޅުވެފައި ވަނީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކުރެއްވި ސުވާލެއްގަ އެވެ. އެގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތް ލަސްވާން ދިމާވާ ސަބަބަކީ އޭސީސީ ކަމަށް ބުނެ އެތަނަށް އިނގިލި ދިއްކުރުން އިންސާފުވެރިތޯ ކުރެވުނު ސުވާލަށް އައްސަދު ވިދާޅުވީ އެތަހުގީގު ލަސްވެއްޖެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އައްސަދު ވިދާޅުވީ އެފަދަ މައްސަލަތަކުގެ ތަހުގީގަކީ އެންމެ ދުވަހަކުން ނިންމާލެވޭނެ ތަހުގީގެއް ނޫންކަން ރާއްޖެއިން ބޭރުގައި ހިނގައި އެފަދަ ތަހުގީގުތަކަށް ބަލާލުމުން ސާފުވާނެ ކަމަށެވެ.
އައްސަދު ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އިން މަންފާ ލިބުނު މީހުންގެ މައްސަލަތަކުގެ އެކަަށީގެންވާ ތަހުގީގެއް ފެށިފައި ވަނީ ކޮވިޑާއި ގުޅިގެން އައި ލޮކްޑައުނަށް ފަހުގަ އެވެ. އެގޮތުން ލޮކްޑައުން ހުޅުވާލުމާއެކު އެކަމުގެ މައުލޫމާތުތައް ހޯދަން ބޭންކުތަކަށް ފޮނުވާފައިވާނެ ކަމަށެވެ.
އޭގެ އިތުރުން އައްސަދު ވިދާޅުވީ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް އެންމެ ފުރިހަމައަށް އެއްނުކޮށް މައްސަލަތަކުގައި ދައުވާކޮށްދޭން ޕީޖީއަށް ފޮނުވި ނަމަވެސް އަނބުރާ ފޮނުވާލާނެ ކަމަށެވެ. އަދި އެގޮތަށް އެކަންވާން ބޭނުން ނުވާ ކަމަށެވެ.
އަދި އެސެޓް ރިކަވަރީ ކޮމިޝަނުގައި މަސައްކަތްކުރަމުންދަނީ އޭސީސީގެ އެންމެ ހަތް އިންވެސްޓިގޭޓަރުންކަމުން އެކަމުގައި ހުރި ދަތިތައް ވެސް ފާހަގަކުރެއްވި އެވެ.
އައްސަދު ވިދާޅުވީ ވަރަށް އަވަހަށް އެ މައްސަލައިގައި ހިމެނޭ 20 މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވާނެ ކަމަށެވެ. ނަމަވެސް ފޮނުވާނީ ސީދާ ވަކި ކޮންއިރަަކުކަން ހާމައެއް ނުކުރައްވަ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުން ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި ދައުލަތަށް ފަޅުތައް ހިމަނައިގެން ލިބެން ޖެހޭ ފައިސާގެ އަދަދު ކަނޑައަޅާނަމަ، ހަތަރު ބިލިއަނަށް ވުރެ މައްޗަށް އަރައިގެންދާއިރު އަދި އެފައިސާގެ ތެރެއިން ލިބިފައި ވަނީ 1.1 މިލިއަން ރުފިޔާ އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި 37 ރަށަކާއި 12 ފަޅެއް ހިމެނެ އެވެ.