ads
ފަތުރުވެރިން ކަނޑު އަޑީގައި. ފޮޓޯ: ހުރަވަޅި
ދުނިޔޭގެ ރެކޯޑެއް ރާއްޖޭގައި ހަދަން ނިންމައިފި
ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކުރެވިގެން ދުނިޔޭގެ ރެކޯޑް އިވެންޓެއް ދިވެހިރާއްޖޭގައި ބާއްވަން ނިންމައިފި އެވެ.
Advertisement

އެ އިވެންޓް ރާއްޖޭގައި ބޭއްވުމަށްޓަކައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީ އާއި، ދުނިޔޭގެ ތަފާތު ތިން ރެކޯޑެއް ގާއިމުކުރަން މަސައްކަތްކުރާ އިންޑިއާގެ ކޮންކާ ލޭންޑް އެއާ ވޯޓާ ގްލޯބަލް އެޑްވެންޗާސް އެލްއެލްޕީ، ކްލޯ ޖަމިއްޔާ އާއި ދެމެދު ވަނީ މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

އެ އިވެންޓްގެ މަގްސަދަކީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަކީވެސް ގާބިލު ބައެއްކަން ދުނިޔެއަށް ދައްކުވައިދިނުމާއި، އަބަދު އެކަހެރި ކުރެވިފައި ތިބެން ޖެހޭ ބައެއް ނޫންކަން ސާބިތުކޮށްދިނުން ކަމަށް އެމްއައިޓީޑީސީ ގެ ނޫސްބަޔާނާއި ހަވާލާދީ އެ ކުންފުނިން ބުނެފައިވެ އެވެ.

އަދި އެ އިވެންޓުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ މުއްސަނދިކަމާއި ގުދުރަތީ ރީތިކަން ދުނިޔެއަށް ދައްކާލެވި، ރާއްޖެއަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ޗުއްޓީ ހޭދަކޮށްލަން ހިތްގައިމު މާހައުލެއްގެ ގޮތުގައި ދުނިޔޭގެ ގިނަ ބަޔަކަށް ފެނިގެންދާނެ ކަމަށްވެސް އެމްއައިޓީޑީސީ އިން ވަނީ ބުނެފައެވެ.

މި އިވެންޓްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެން ދާނެ ކަމަށާއި، ކްލޯ އިން ހިންގާ މި އިވެންޓްގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމާއި މެދު ގިނަ ބަޔަކު ދެކޭގޮތް ބަދަލުވެ، ދުނިޔޭގެ ކުރިމަތީގައި ފަތުރުވެރިކަމުގެ ސިނާއަތަށް ގަދަރު ލިބިގެން ދާނެ ކަމަށް އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވެ އެވެ. 

ކްލޯ ޖަމިއްޔާ އިން ވަނީ މި އިވެންޓް ކުރިއަށް ގެންދިއުމަށްޓަކައި ސަރުކާރުގެ ފަރާތްތަކާއި، އަދި ޖަމިއްޔާތަކާއި އެކު މި އިވެންޓާއި ގުޅޭ ގޮތުން ވަކިވަކިން މަޝްވަރާކޮށްފައެވެ. އެގޮތުން ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ މި ހާއްސަ އިވެންޓްގެ ސްކޫބާ ޑައިވިން ސެގްމެންޓް ރާއްޖޭގައި ބާއްވަން ނިންމާފައިވާތީ އެކަމަށް ޝުކުރު އަދާކުރައްވައި، އިވެންޓަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭނެކަމަށް ވިދާޅުވިއެވެ.

ކްލޯ އިން ވަނީ ތަފާތު ތިން ދުނިޔޭގެ ރެކޯޑެއް ހަދަން ނިންމާފައެވެ. އެގޮތުން ފަރުބަދަ މައްޗަށް އެރުން އިންޑިއާގައި ކުރިއަށް ދާއިރު، ސްކައިޑައިވްކުރުން ދުބާއީގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސްކޫބާ އިވެންޓް ރާއްޖޭގައި ކުރިއަށް ގެންދާއިރު، މި އިވެންޓް ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗް މަހު ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް