ads
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް-- ފޮޓޯ: ރައީސް އޮފީސް
ޖޭޕީގެ ސްލޮޓް އެމްޑީޕީއަށް! ދެން ވާނީ ކިހިނެއް؟
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވީ ކޯލިޝަނެއްގެ ތެރެއިންނެވެ. ހަތަރު ޕާޓީ އެކުލެވިގެންވާ މި ކޯލިޝަނަކީ ރާއްޖޭގެ މާޒީއަށް ބަލާލާއިރު އެންމެ ގިނަ ދުވަސްވީ އެއް ކޯލިޝަނެވެ. އެކުގައި ބުރަ މަސައްކަތްކޮށް ގައިން އެތައް ދަލެއް އޮހޮރުވައިގެން ވެރިކަމަށް އަޔަސް މާޒީގައި ފެނިގެންދިޔައީ އަހަރެއް ނުވަނީސް އެއްކަލަ ކޯލިޝަން ފަނިވެ، ސަރުކާރު ވައްޓާލުމަށް ގަދައަޅާ މަސައްކަތް ކުރި މަންޒަރެވެ. މިފަހަރު ވެސް ކަންވާނީ އެގޮތަށް ކަމަށް އެތައް ބަޔަކަށް ހީވިޔަސް، ސަރުކާރަށް ދެ އަހަރުވާން ގާތްވެފައިވާއިރު އަދިވެސް ކޯލިޝަން ދެމި އެބަ އޮތެވެ. ރައީސް ސޯލިހު މިވަނީ ކޯލިޝަން ސަރުކާރެއް ހިންގޭނެކަން ދައްކުވައިދީފަ އެވެ.

ރައީސް ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެން އެކި މިނިސްޓްރީތަކަށް ބޭފުޅުން އައްޔަންކުރައްވާފައި ވަނީ ކޯލިޝަނުގެ ތެރެއިންނެވެ. އެގޮތުން ސަރުކާރު ހިންގަމުން އަންނަ މައި ޕާޓީގެ ސްލޮޓްތަކުގައި ހަ ބޭފުޅަކު ވަޒީރުކަމަށް އައްޔަން ކުރެއްވިއިރު އަދާލާތު ޕާޓީގެ ސްލޮޓްގައި ތިން ބޭފުޅަކު ވަޒީރު ކަމާއި ހަވާލުވެވަޑައިގަތެވެ. އަދި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ސްލޮޓުގައި ހަތަރު ބޭފުޅަކު ވަޒީރު ކަމަށް އައްޔަންކުރެވިގެންދިޔައިރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްލޮޓްގައި ފަސް ބޭފުޅަކު އައްޔަން ކުރެވުނެވެ. 

އެކަމަކު ފާއިތުވެދިޔަ ދެ އަހަރު ހިނގާދިޔަ އެކި ކަންކަމާއި ހުރެ، އޭގެ ތެރެއިން ބައެއް ބޭފުޅުން އިސްތިއުފާ ދެއްވުމައި ވަކިކުރެއްވުމުގެ ސަބަބުން ޕާޓީތަކުގެ ސްލޮޓްތަކަށް ބަދަލުތަކެއް ވެސް މިވަނީ އައިސްފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިމަތިވި ފިއްތުންތަކާއެކު ޖެންޑާ މިނިސްޓަރުގެ މަގާމުގައި އަދާލަތު ޕާޓީގެ ސްލޮޓެއްގައި ހުންނެވި ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވުމާއެކު އެމަގާމަށް ވަނީ ޑރ. އައިޝަތު މުހައްމަދު ދީދީ އައްޔަންކުރައްވާފަ އެވެ. އެ މަގާމަށް ޑރ. އައިޝަތު މުހައްމަދު ދީދީ އައްޔަންކުރެވިގެންދިޔައީ އެމްއާރުއެމްގެ ސްލޮޓެއްގައި ކަމަށް އަޑުއިވުނަސް އެއީ އެމްޑީޕީގެ ސްލޮޓެއް ކަމަށް ވެސް ބުނެ އެވެ. އެހެންކަމުން، ޖެންޑާ މިނިސްޓަރުގެ ސްލޮޓަކީ ކޮން ޕާޓީއެއްކަން ސާފެއް ނުވެ އެވެ. 

އޭގެ ފަހުން، ސިއްހީ ހާލަތުގެ ހުރި ގޮތުގެ ސަބަބުން ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި އައިމިނަތު އާތިފާ ވެސް މަގާމުން އިސްތިއުފާ ދެއްވި އެވެ. އާތިފާ މަގާމުގައި ހުންނެވީ އެމްއާރުއެމްގެ ސްލޮޓެއްގަ އެވެ. އެކަމަކު އާތިފާ މަގާމުން އިސްތިއުފާ ދެއްވުމާއެކު ރައީސް ސޯލިހު ވަނީ ހައުސިން މިނިސްޓްރީ އުވާލާއި، ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ އެއްކޮށްލާފަ އެވެ. މިހެންކަމުން، އެމްއާރުއެމްގެ އެ ސްލޮޓް ހުސްވި އެވެ. 

މިފަހުން ހުސްވެފައި މިވަނީ ޖޭޕީގެ ދެ ސްލޮޓެކެވެ. މިދިޔަ ޖުލައި މަހުގެ ތެރޭގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވި ރައީސް ސޯލިހު ވަނީ އަލީ ވަހީދު، މަގާމުން ވަކިކުރައްވާފަ އެވެ. އަދި ޖޭޕީގެ ސްލޮޓެއްގައި ހުންނެވި އަލީ ވަހީދު މަގާމުން ވަކި ކުރެއްވުމާއެކު ވެސް ފެނިގެންދިޔައީ ޖޭޕީއަށް ނިސްބަތްވާ ބޭފުޅަކަށް އެ މަގާމު ހަވާލުކުރެއްވި މަންޒަރެވެ. މިހެންކަމުން، އެކަމުގައި މާބޮޑު އަރާރުންތަކެއް ފެނިގެނެއް ނުދެ އެވެ. 

އެކަމަކު މިފަހަރު ކަންމިވީ މުޅިން އެހެން ގޮތަކަށެވެ. ޖޭޕީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގައި ހުންނަވަނިކޮށް ކޮރަޕްޝަނުގެ ތުހުމަތުތަކެއް ކުރެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު އެމަގާމަށް އިއްޔެ އައްޔަންކުރެވިގެންދިޔައީ އެމްޑީޕީގެ އިސް ބޭފުޅެއް ކަމަށްވާ އަހުމަދު ނަސީމް (ކެރަފާ ނަސީމް) އެވެ. މިނިސްޓަރުކަމުން އަމީން އިސްތިއުފާ ދެއްވުމުން ޖޭޕީން ވަނީ އެމަގާމަށް ދެން އައްޔަންކުރެއްވުމަށް ފެންނަ އެޕާޓީގެ ބޭފުޅުންތަކެއްގެ ނަން ވެސް ފޮނުވާފަ އެވެ. އެކަމަކު އެ ސްލޮޓް ޖޭޕީއަށް ގެއްލި އެމްޑީޕީއަށް ލިބުމާއެކު އެންމެ ގިނަ ބަޔަކު ކުރިމަތިކުރަމުންދާ ސުވާލަކީ ޖޭޕީއަށް ދެން ވާނީ ކިހިނެއްތޯ އެވެ. 

މީގެ ކުރިއަށް ބަލާއިރު މިގޮތަށް މިނިސްޓަރަކު މަގާމުން އިސްތިއުފާ ދެއްވުމާއެކު އެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ދެތިން ހަފްތާ ނަގަ އެވެ. އެކަމަކު ކުރިން ފޮރިން މިނިސްޓަރުކަން ކުރެއްވި ކެރަފާ ނަސީމަށް މަގާމު ހަވާލުކުރުމަށް ނަގާފައި ވަނީ އެންމެ 72 ގަޑިއިރެއްހާއިރެވެ. އެ ނިންމެވުމާއެކު އެމްޑީޕީއަށް ތާއީދު ކުރާ ފަރާތްތަކުން ރައީސް ސޯލިހަށް ތައުރީފް ކުރައްވަމުން ގެންދެވި އެވެ. އަދި ޖޭޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން "ކޯލިޝަން؟؟" އާއި މެދު ސުވާލު އުފައްދަމުންދެއެވެ.

ސަރުކާރު ކޯލިޝަން ގުޅުމަށް ރެކޯޑެއް ލިބުނަސް، މިބޭފުޅުން ވައުދުވި ގޮތަށް ކަންތައް ކުރިއަކަށް ނުދެ އެވެ. މަހަކު އެއް ފަހަރު ކޯލިޝަން ލީޑަރުން ބައްދަލުކުރާނެ ކަމަށް ވިދާޅުވި ނަމަވެސް އެގޮތަށް އެކަމެއް ކުރިއަކަށް ނުދެ އެވެ. މާބޮޑަށް ބިޒީވެ ހަތަރު ލީޑަރުންނާއެކު މަޝްވަރާގެ މޭޒަށް އިށީންދެލާނެ ވަގުތު ނުވެ، އެ ބައްދަލުވުން ކުރިއަށް ނުދާނާ މިހާރު އެތަށް މަހެއް ފާއިތުވެއްޖެ އެވެ. އެކަމަކު ހަތަރު ލީޑަރުންނާއެކު ރައީސް ސޯލިހު މަޝްވަރާއަށް ނީށީންނެވި ނަމަވެސް ވަކިވަކި ލީޑަރުންނާއި އަންނަނީ ބައްދަލުކުރައްވަމުންނެވެ. އެގޮތުން މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މުހައްމަދު ނަޝީދު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ ވެސް ދޭތެރެއަކުން ބައްދަލުކުރައްވަ އެވެ. އަދި އެމްއާރުއެމްގެ ލީޑަރު ރައީސް މައުމޫން އަބްދުލްގައްޔޫމްއާއެކު ރައީސް ސޯލިހު ދޭތެރެ ދޭތެރެއިން މަޝްވަރާގެ ބައްދަލުވުންތައް ކުރިއަށް ގެންދަވަ އެވެ. އެކަމަކު މިފަދަ ގޮތަކަށް ވެސް ބައްދަލުވުމަކުން ފެނިގެން ނުދަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.

your imageކޯލިޝަން ލީޑަރުންގެ ބައްދަލުވުމެއް--

ގާސިމަށް ބަލާއިރު ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ ޖޭޕީ އޮތީ ކޯލިޝަން ސަރުކާރާއެކު ކަމަށެވެ. އެކަމަކު އެ ގުޅުން ދަމަހައްޓަން ގާސިމްގެ ފަރާތުން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެންދާ މަންޒަރު ހަގީގަތުގައި ވެސް ފެނޭތޯ މިއީ އުފެދޭ ސުވާލެކެވެ. ކޯލިޝަނުގައި އޮތް އެންމެ ބޮޑު ދެ ޕާޓީ، އެމްޑީޕީ އަދި ޖޭޕީގެ އަރާނުން ދޭތެރެއަކުން ސޯޝަލް މީޑިއާގައި ފެންމަތިވެގެންދެ އެވެ. ދެ ޕާޓީއަށް ވަރުގަދަ ބަހުގެ ހަމަލާތައް ދެވިގެންދެ އެވެ. ގާސިމް ހިތްހަމަޖެހިވަޑައިނުގެން 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް އިދިކޮޅު ޕީޕީއެމްއާއެކު ނުރަސްމީ ސިފައެއްގައި މަސައްކަތް ވެސް ކުރެއްވި އަޑެއް ފެތުރުނެވެ. އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅުންތަކެއް ޖޭޕީއާ ގުޅިވަޑައިގެން ޖޭޕީ ޕްރޮމޯޓް ކުރުމުގެ ޖަލްސާތަކެއްވެސް ފެނިގެން ދިޔައެވެ. ރަށުތެރޭގައި އޭރު ކިޔާ އަޑުއިވުނީ 2023 އަށް ތައްޔާރުވަނީ ކަމަށެވެ. އެ މަސައްކަތަށް ފަހު ވެސް ތަކުރާރުކޮށް ވިދާޅުވީ ޖޭޕީ އޮތީ ސަރުކާރާއެކު ކަމަށެވެ. ފެންނަ މަންޒަރުތަކާއެކު ކުރެވޭ ސުވާލަކީ މި ކޯލިޝަން ދަމަހައްޓަން ގާސިމްގެ ފަރާތުން ހަމަ ހަގީގަތުގައި ވެސް އެއްބާރުލުންލިބޭތޯ އެވެ؟

ކޮންމެއަކަސް، މިހާރު އެންމެން ކުރިމަތިކުރާ އެންމެ ބޮޑު ސުވާލަކީ ޖޭޕީގެ ސްލޮޓް، އެމްޑީޕީއަށް ދިނުން ކޯލިޝަނަށް ދެންވާނީ ކިހިނެއްތޯ އެވެ؟ އެ ފިޔަވަޅަކީ ކޯލިޝަން ގުޅުން، ހިތިވެ، ކޯލިޝަން ރޫޅުމުގެ ފުރަތަމަ މަރުހަލާއަށް ވެދާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. 

50%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް