ads
މިނިސްޓަރު އަބްދުﷲ ޝާހިދު-- ފޮޓޯ: ފޮރިން މިނިސްޓްރީ
ކޮވިޑްގެ ބަލިމަޑުކަމުގައި އދ. ގެ މުހިއްމުކަން އިހުސާސްވޭ: ޝާހިދު
ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދުނިޔެއަށް ބަލިމަޑުކަމެއް ކުރިމަތިވެފައިވާ ދަނޑުވަޅުގައި އ.ދ. ގެ މުހިންމުކަން އިތުރަށް އިހްސާސްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވެފައި ވަނީ އ.ދ. ގެ 75 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ދެއްވި މެސެޖުގަ އެވެ. 

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ އަބަދުވެސް އ.ދ. ގެ ޗާޓަރުގައިވާ އަސާސްތައް ދެމެހެއްޓުމަށް ގޮވާލާ، ބައިނަލްއަގުވާމީ ސުލްހަޔާއި، އިގްތިސޯދީ ކުރިއެރުމަށާއި ދެމެހެއްޓެނިވި ތަރައްގީއަށް ގޮވާލާ ގައުމެއް ކަމަށާއި އެގޮތުން 1965 ވަނަ އަހަރު އ.ދ. ގެ މެމްބަރުކަން ދިވެހިރާއްޖެއަށް ލިބުމާއެކު، އޭގެ 55 އަހަރުފަހުން، މިއަދުވެސް ދިވެހިރާއްޖެ ދެމިއޮތީ، އ.ދ. ގެ ތެދުވެރި އަދި އިހްލާސްތެރި ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ނިސްބަތުން ކިތައްމެ ކުޑަ ގައުމެއްކަމުގައި ވިޔަސް، އ.ދ. ގައި ދިވެހިރާއްޖެއިން ދައްކުވައިދެނީ، ބައިނަލްއަގްވާމީ ފެންވަރެއްގައި އެހެނިހެން ގައުމުތަކާއި އެއްހަމައަކަށް ފައިތިލަ ސާބިތުކޮށްގެން ކުރިއަށް ދެވިދާނެކަން ކަމަށެވެ. މިހާތަނަށް އ.ދ. ގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކަންތައްތަކަކީ، ކުޑަ ގައުމުތަކަކީ އ.ދ. ގެ މުހިންމު ބައިވެރިންތަކެއްކަން ދައްކުވައިދިނުމުގެ އިތުރުން، 21 ވަނަ ގަރުނުގައި ތައާރަފުވެގެން އަންނަ އާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ އިސް މޭސްތިރިއެއްގެ ދައުރު އަދާކުރެވިދާނެ ކަމުގެ ހެއްކެއް ކަމަށް މިނިސްޓަރު ވިދާޅުވެ އެވެ.

"މިއަދާ ހަމައަށް، 75 އަހަރު ވަންދެން އ.ދ. ދެމިއޮތީ ބަވަނަވުމާއި މަލްޓިލެޓްރަލިޒްމް އަށް މަގުއަލިކޮށް، އެއްގަލަކަށް އަރުވައިދޭ އަލިގަދަ ދަންމަރަކަށް. މިއަދު ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް އަޅުގަނޑުމެން ކުރިމަތިލަމުންދާއިރު، އ.ދ. ގެ ހަގީގީ ރޫހުގައި ތިބެ، ފަހި މުސްތަގްބަލަކަށް ކުރިއަށް ދިޔުމަށްޓަކައި އަޅުގަނޑުމެންގެ ޔަގީންކަން މި ޖަމުއިއްޔާގައި އެބައޮތް،"

މިނިސްޓަރު ވިދާޅުވީ ބައިނަލްއަގްވާމީ ގިނަ ގޮންޖެހުންތަކެއް ހުއްޓަސް، އެންމެން ގުޅުވައިދީ، އެކަކު އަނެކަކަށް އިހްތިރާމާއި ގަދަރާއެކު އެންމެން އެދޭ މުސްތަގްބަލަށް ވާސިލްވުމަށް އ.ދ. އިން މަސައްކަތްކުރާ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް