މި މައްސަލަ އޮޑިޓަ ޖެނެރަލް ބެއްލެވުމުން އަދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބެލުމުން ބޮޑެތި މައްސަލަތަކެއް ހުރިކަން ވަނީ ފާހަގަކޮށްފަ އެވެ. ހިޔާނާތާއި ކޮރަޕްޝަން މިމައްސަލައިގައި އެކުލެވޭކަމަށް އޭސީސީން ތުހުމަތުކުރެ އެވެ. ހިޔާނާތެއް ކޮރަޕްޝަނެއް ވާނަމަ، އެ ކަމުން މަންފާވި ބަޔަކުވެސް މީގެތެރޭގައި ތިބެންޖެހޭނެ ކަން ޔަގީނެވެ.
ރާއްޖެއަށް ގެނައުމަށް ދުބާއީގެ ކުންފުންޏާ ހަވާލުކުރި 75 ވެންޓިލޭޓަރަށް ބޭނުންވާ 90 އިންސައްތަ ފައިސާއަށްވާ، 30.9 މިލިއަން ރުފިޔާ އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ޕޭމަންޓް ގެރެންޓީއަކާ ނުލާ ދައްކާފައިވާއިރު އެންމެ ބޮޑު ސުވާލެއް އުފެދެނީ ވެންޓިލޭޓަރު ނުލިބޭ ހާލަތުގައި އެ ފައިސާ ހޯދިދާނެކަމާއި މެދު އެވެ.
ރާއްޖޭގައި މިފަހުން ހިނގި އެންމެބޮޑު ހިޔާނާތުގެ މައްސަލަކަމަށްވާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތަށް ބޮޑެތި އަދަދުތަކުން ގެއްލުން ވެފައިވާއިރު އަދިވެސް އެ ފައިސާ އަނބުރާ ހޯދުމަށް މިވަނީ ނުކުޅެދިފަ އެވެ. އަދި އެފައިސާ އެތައް ބައެއްގެ އެކައުންޓްތަކަށް ވަދެފައިވާކަން މިކަމުގައި އަދީބާއި ދެކޮޅަށް ކުރިއަށްގެންދިޔަ ޝަރީއަތުން އެނގެން އެބައޮތެވެ
އެހެންވީއިރު ވެންޓިލޭޓަރު މައްސަލައިގައި ދުބާއީ ކުންފުންޏަށް ދެއްކި 30.9 މިލިއަން ރުފިޔާ ދިވެހިންގެ ތެރެއިން އެއްވެސް ބަޔަކަށް ލިބިފައިވޭތޯ މިއީ އުފެދޭ ސުވާލެކެވެ. އަދި ތަހުގީގީ މަރުހަލާގައި މިފައިސާ ދުބާއީ ކުންފުންޏަށް ވަނުމަށް ފަހު ދިވެހި އެއްވެސް ބަޔަކަށް ލިބިފައިވޭތޯ އިދާރާތަކުން ބަލަންޖެހެ އެވެ.
މިފަދައިން ތަހުގީގު ކުރިއަށްދޭތޯ އޭސީސީއާ ސީއެންއެމްއިން ސުވާލު ކުރުމުން އެ މުއައްސަސާއިން ބުނެފައިވަނީ ތަހުގީގުތަކާއި ގުޅޭ އެފަދަ މައުލޫމާތު ހާމަނުކުރާ ކަމަށެވެ.
ވެންޓިލޭޓަރު ގަތުމަށް އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ދެއްކި 30.9 މިލިއަން ރުފިޔާ އަމިއްލަ ފަރާތެއްގެ އެކައުންޓަށް ޖަމާކުރުމަށް އުޅުނު ކަމުގެ ތުހުމަތު ވެސް އޮޑިޓަ ޖެނެރަލްގެ އޮފީހުން ހެލްތް މިނިސްޓްރީއަށް ކޮށްފައިވެ އެވެ. އެގޮތުން އޮގަސްޓް 18 ވަނަ ދުވަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން އޮޑިޓް އޮފީހުގެ ޑިރެކްޓަރު އިބްރާހީމް ފަޒީލު ވިދާޅުވީ 75 ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާ ޖެނަރަލް ޓްރޭޑިންއަށް އެޑްވާންސްގެ ގޮތުގައި ދައްކަންޖެހޭ 30.9 މިލިއަން ރުފިޔާ އަމިއްލަ މީހެއްގެ ބޭންކު އެކައުންޓަށް ޖަމާކުރަން ހެލްތު މިނިސްޓްރީން މަސައްކަތް ކުރިކަމަށެވެ.
އެޑްވާންސް ފައިސާ އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކުރަން ހެލްތު މިނިސްޓްރީން މަސައްކަތް ކޮށްފައިވާކަން އެ ލިޔެކިޔުންތަކުން އެނގެން އެބަހުރި ކަމަށް ފަޒީލު ވިދާޅުވިއެވެ. އަދި އެ ފައިސާ އެ އެކައުންޓަށް ޖަމާ ނުކުރެވުނީ އެކަން ފިނޭންސް މިނިސްޓްރީން ރިޖެކްޓު ކުރުމުން ކަމަށްވެސް ފަޒީލް ވިދާޅުވިއެވެ.
މިކަން މިގޮތަށް އޮތުމުން، އަދި ރައްޔިތުންގެ ނޭވާހޮޅިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގުމަށް މަސައްކަތް ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭއިރު މި 30.9 މިލިއަން ރުފިޔާ ދިވެހިންގެ ތެރެއިން އެއްވެސް ބަޔަކަށް ލިބިފައިވޭތޯ ބަލައި އެ ފައިސާ އަނބުރާ ހޯދުމަކީ މިކަމުން ރައްޔިތުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުރެވެން އޮތް ހަމައެކަނި މަސައްކަތެވެ. އަދި އެފަދަ ފަރާތެއް ހުރި ނަމަ، އެފަރާތެއްގެ މައްޗަށް ތަހުގީގު ހިންގާ ހައްގު އަދަބު ދެވެންޖެހެ އެވެ. މިފަދަ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރުކުރެވޭނީ މިމަގުން މަސައްކަތް ކޮށްގެންނެވެ.