
ރައީސްގެ މެސެޖުގައި އެމަނިކުފާނުވަނީ، ސީޝެލްސް އާއި ރައްޖެއަކީ، އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ދެގައުމު ކަމަށާއި، އެހެންކަމުން ދެގައުމުން ވެސް އަހައްމިއްޔަތުކަންދޭ އެއްގޮތް ކަންތައްތަކުގެ މައްޗަށް އަލިއަޅުވައްލައްވާފަ އެވެ.
އެގޮތުން ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމާއި، ގުދުރަތީ ކާރިސާތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ކުރާ މަސައްކަތްތައް، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަގްވާމީ މައިދާނުގައި ދެ ގައުމުން ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރަމުންގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ.
އަލަށް އިންތިހާބުވެވަޑައިގެންނެވި ރައީސްގެ ޒައާމަތުގައިވެސް ދެ ގައުމުން ގުޅިގެން މިގޮތުގައި މަސައްކަތްކުރާނެކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.