ނޫކުލައިގެ ބޮޑު ފީފާއެއް ނުވަތަ ޑްރަމެއް ހިފައިގެން ނޫސްވެރިންނާ ބައްދަލުކޮށް ރާކީ ބުނެފައިވަނީ، މީޑިއާގެ ފޮޓޯގްރާފަރުންނަށް ޖާޔާ އިހުތިރާމް ނުކުރާނަމަ އެ ފީފާއަށް ލައިގެން ޖާޔާ ގެންދާނެ ކަމަށެވެ. މިއީ މީގެ ކުރިން ބޮލީވުޑްގެ އެއްވެސް ތަރިޔަކު ޖާޔާއާ ދިމާލަށް ބުނެފައިނުވާ ފަދަ ތަފާތު ވާހަކައެކެވެ.
މި ކަމެއް ހިނގާފައިވަނީ ފޮޓޯ ނަގާ ނޫސްވެރިން ނުވަތަ ޕަޕަރާޒީން ލައިގެން ތިބޭ ހެދުމަށް ޖާޔާ ބަޗަން މަލާމާތްކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށެވެ. ނޫސްވެރިންގެ ދިފާއުގައި ވާހަކަ ދައްކަމުން ރާކީ ބުނީ، އެމީހުންނަކީ މުއްސަނދިން ނޫން ކަމަށާއި އެމީހުން ލައިގެން ތިބޭނީ ލިބޭ ފެންވަރުގެ ހެދުން ކަމަށެވެ. އަދި ނިކަމެތިންނާ ދިމާލަށް އެއްޗެހި ކިޔާނަމަ، ޖާޔާ އެ ފީފާއަށް ލައިގެން މުމްބާއީގެ އެހެން ސަރަހައްދަކަށް ގެންދާނެ ކަމަށް މަޖާ ގޮތަކަށް ނަމަވެސް ރާކީ ވަނީ ބުނެފައެވެ.
ޖަޔާ ބަޗަން ލާނެކަމަށް ބުނެ ރާކީ ގެންގުޅުނު ފީފާ
ރާކީ ސާވަންތު އިތުރަށް ބުނި ގޮތުގައި ޖާޔާ ބަޗަން "ސައިޒަށް" ގެންނަން އެނގޭނީ ހަމައެކަނި އޭނާއަށެވެ.
ޖާޔާގެ ރުޅިގަނޑު މައިތިރިކުރަން "މަންމަ ރާކީ" އައިސްފައިވާ ކަމަށާއި، ދެން ފަހަރަކުން ނޫސްވެރިންނަށް އުނދަގޫވާ ގޮތަށް އުޅެފިނަމަ ރާކީގެ ފަރާތުން ފަރުވާ ލިބޭނެ ކަމަށް އޭނާ ބުންޏެވެ. މި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވުމާ އެކު ގިނަ ބަޔަކު އަންނަނީ ޖާޔާ ބަޗަންގެ ކިބުރުވެރިކަމަށް ރައްދު ދިނުމުން ރާކީއަށް ތައީދުކުރަމުންނެވެ.