ads
ޗައިނާގެ ރައީސް ޝީ ޖިންޕިން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް--
އެމެރިކާ-ޗައިނާ ފިނި ހަނގުރާމައިގެ ތެރެއަށް ރާއްޖެ: މިސްރާބު ކޮން ދިމާލަކަށް؟
މީސްކޮޅު މަދު އަދި ސައިޒުގެ ގޮތުން ކުޑަ ނަމަވެސް ރާއްޖެއަކީ އެހާރާއި މިހާރު ވެސް ދުނިޔޭގެ ޗާޓުން މުހިއްމު ގައުމެކެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ ބައިނަލްއަގްވާމީ ވިޔަފާރިއަށް ބޭނުންތެރި ހިސާބުގަނޑެއްގައި ރާއްޖެ ގާއިމްވެފައި ވުމެވެ. އާރާއި ބާރު ހުރި ބޮޑެތި ގައުމުތަކުން އެގައުމެއްގެ ފަޅީގައި ރާއްޖެ ބާއްވަން ބޭނުންވަނީ އެހެންވެ އެވެ.

ބޮޑެތި ގައުމުތަކުގެ މެދުގައި އޮންނަ ނުތަނަވަސްކަމުގެ ތެރެއަށް ރާއްޖެއަށް ނޭނގި ނަމަވެސް އޮންނަނީ ކޮންމެވެސް ގޮތަކުން ވަދެވިފަ އެވެ. އެމެރިކާގެ ހާރިޖީ ކަންކަން އެންމެ އިސްކޮށް ބައްލަވާ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ މާދަމާ ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވާއިރު، މިއީ ވެސް "ފިނި ހަނގުރާމައެއްގެ" ނިޝާނަކާ ވަރަށް ވައްތަރު ކަމަށް ޗައިނާއިން ގަބޫލުކުރެ އެވެ.

ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއާން ވިދާޅުވެފައި ވަނީ އެމެރިކާއިން ގެންގުޅެނީ "ފިނި ހަނގުރާމައެއްގެ ވިސްނުން" ކަމަށާއި އެކަމަކު އެ ވިސްނުމާއެކު ކުރަމުންދާ މަސައްކަތުން ކާމިޔާބެއް ނުލިބޭނެ ކަމަށެވެ. އަދި އެމެރިކާއިން އުޅެނީ ގައުމުތަކަށް "ބުލީކޮށް" ވަކި އަތަކަށް ޖެހުމަށް މަޖުބޫރު ކުރުމަށް ކަމަށް ވެސް ނިއުސް ކޮންފެރެންސެއްގައި ވިދާޅުވި އެވެ. 

ޕޮމްޕިއޯގެ ދަތުރުގައި އެންމެ ފުރަތަމަ އިންޑިއާއަށް ވަޑައިގެން މަޝްވަރާތައް ނިންމެވުމަށް ފަހު ދެން ކުރިއަށް ދާނީ ސްރީލަންކާގެ ދަތުރެވެ. އެއަށްފަހު ރާއްޖެ ވަޑައިގެން މަޝްވަރާތައް ކުރެއްވުމަށް ފަހު، މި ދަތުރު ނިންމަވާނީ އިންޑޮނޭޝިއާ އިންނެވެ. މި ސަރަހައްދުގެ މުހިއްމު ތިން ގައުމަށް ޕޮމްޕިއޯ ވަޑައިގަންނަވާއިރު، އެމެރިކާއިން މިހާރު ވެސް ވަނީ އެގައުމުގެ ފަޅިއަށް އެރުމަށް ނުސީދާކޮށް ސްރީލަންކާއަށް ގޮވާލާފަ އެވެ. 

ސްޓޭޓް ޑިޕާޓްމަންޓުގެ ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް ބިޔުރޯގެ ޕްރިންސިޕަލް ޑެޕިއުޓީ އެސިސްޓަންޓް ޑީން ތޮމްޕްސަން ސްރީލަންކާއަށް ގޮވާލައްވާފައި ވަނީ "އުނދަގޫ އެކަމަކު މަޖުބޫރު ނިންމުންތައް" ނިންމައިގެން އިގްތިސާދު ސަލާމަތް ކުރުމަށެވެ. އަދި އެމެރިކާގެ ހުށަހެޅުންތައް މުރާޖައާ ކުރުމަށް ފަހު ދެފުށްފެންނަ، ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީ ހިޔާރު ކުރުމަށް ވެސް ގޮވާލެއްވި އެވެ.

ޕޮމްޕިއޯގެ މި ދަތުރަކީ އެމެރިކާގެ އެތެރޭގެ ސިޔާސީ މާހައުލަށް ވެސް މުހިއްމު ދަތުރެކެވެ. މި ދަތުރު ކުރާ ދަނޑިވަޅަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ވާދަކުރައްވާ އިންތިހާބުގެ އެންމެ ފަހުގެ ކެމްޕޭނުތައް ކުރިއަށްދާ ދަނޑިވަޅެވެ. ނޮވެމްބަރު 3 ގައި އިންތިހާބު އޮންނައިރު، ކެމްޕޭނުގެ އެންމެ ފަހުގެ ބައެއްގެ ގޮތުގައި ޓްރަމްޕްގެ ހާރިޖީ ސިޔާސަތުގެ ވަރުގަދަ ކަން ދައްކާލުމަކީ މި ދަތުރުގެ އެއް ބޭނުމަށް ވުން އެކަށީގެންވެ އެވެ. 

ޗައިނާއާ ދެކޮޅަށް ގެންގުޅޭ ސިޔާސަތު ހަރުކަށި ކުރުމަކީ ޓްރަމްޕް ދެވަނަ ދައުރަކަށް ހިންގާ ކެމްޕޭނުގެ ބޮޑު ބައެކެވެ. ކޮވިޑް-19 މުޅި ދުނިޔެއަށް ފެތުރުނީ ޗައިނާގެ އިހުމާލުން ކަމަށް ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވެފައި ވާއިރު، ޗައިނާއިން ގައުމުތަކުގައި ކުރާ އިންވެސްޓްމަންޓަކީ "ޑެޓް ޑިޕްލޮމަސީ" ނުވަތަ ދަރަނީގެ ދަންތުރައެއްގެ ގޮތުގައި މީގެ ކުރިން ޕޮމްޕިއޯ އާއި އެހެން ބައެއް އޮފިޝަލުން ވެސް ވަނީ ވިދާޅުވެފަ އެވެ. 

އިންޑިއާ އާއި ޗައިނާއަކީ ދެ ހަތުރުންގެ ގޮތުގައި ސިފަވާއިރު، އިންޑިއާއަކީ ޝައްކެއް ނެތް ގޮތުގައި އެމެރިކާގެ ޕާޓްނަރެއްގެ ގޮތުގައި ދެމި އޮންނާނެ ގައުމެކެވެ. ޓްރަމްޕާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ދެމެދު ގާއިމްވެފައިވާ ގާތް ގުޅުމުގެ ސަބަބުން އެ ދެ ގައުމުގެ ގުޅުން ވަނީ މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެތައް ދަރަޖައެއް މައްޗަށް ޖެހިފަ އެވެ. އެހެންކަމުން އިންޑިއާގެ ތާއީދު އެމެރިކާއަށް އޮންނާނެ ކަން ޔަގީނެވެ.

އިންޑިއާގެ ޒަމާންވީ ސިޔާސަތަކީ "ނަން އެލައިންމަންޓް" ނުވަތަ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތު ނަމަވެސް، އިތުރު ހަރުފަތަކަށް އެމެރިކާ އާއެކު އޮތް ގުޅުން ހިނގައްޖެ ކަމަށް އެމެރިކާގެ އޮފިޝަލުން ގަބޫލުކުރެ އެވެ. ދާދި ފަހުން ޑެޕިއުޓީ ސެކެޓްރީ އޮފް ސްޓޭޓް ސްޓީވް ބީގުން ވެސް ވިދާޅުވީ 1990 ގެ އަހަރުތަކުގައި ދެ ގައުމުގެ ގުޅުން ބަދަހި ވާން ފެށި ފަހުން، އެންމެ ރަނގަޅު ހިސާބެއްގައި އޮތީ މިހާރު ކަމަށެވެ.

އިންޑިއާގެ ފުރިހަމަ ޔަގީންކަން އެމެރިކާއަށް އޮތް ނަމަވެސް، ސްރީލަންކާއާ މެދު ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. ލަންކާގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ އެމެރިކާއިން ބޭނުންވާ ހުރިހާ ގޮތެއް އެގައުމުން ނުހަދާނެ ކަމަށެވެ. ލަންކާގެ ހާރިޖީ އިގްތިސާދީ ސިޔާސަތަކީ ގިނަ ގައުމުތަކާ ގުޅިގެން ކުރިއަށްދާ ސިޔާސަތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ސްރީލަންކާގެ ފުރިހަމަ އިތުބާރު އެމެރިކާއަށް ނެތް ކަން މިކަމުން ހާމަވާއިރު، ރާއްޖޭގެ ސިޔާސަތު އޮތް ގޮތަކާ މެދު ވިސްނާލަން ޖެހެ އެވެ. ރާއްޖެއަކީ "އިންޑިއާ ފަސްޓް" ސިޔާސަތު ގެންގުޅޭ ގައުމެކެވެ. ވަކި ހިސާބަކުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އިވެން ފެށީ ޗައިނާގެ "ވިން-ވިން" ޕޮލިސީއަށް ރާއްޖެއިން ތާއީދުކުރި ވާހަކަ އެވެ. 

އެކަމަކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމާއެކު އަނެއްކާވެސް މި ދަނީ "އިންޑިއާ ފަސްޓް" ސިޔާސަތާ ދިމާލަށެވެ. އެފަދަ ސިޔާސަތެއް އޮތް ނަމަވެސް، ފޮރިން މިނިސްޓްރީ އާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަބަދުވެސް ވަރަށް ސާފުކޮށް ވިދާޅުވަމުން ގެންދަވަނީ ބައިނަލްއަގްވާމީ މުޖުތަމައުގައި ގިނަ ގައުމުތަކާއެކު ރާއްޖެއިން ގުޅުން ބަދަހި ކުރަމުން ދާނެ ކަމަށެވެ.

ރާއްޖެއިން ގުޅުންތައް ބަދަހި ކުރަނީ ރައްޔިތުންނަށް ފައިދާތައް ލިބުމަށް މަގު ފަހިވާ އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ބައިވެރިވުން ފުޅާ ކުރެވޭނެ ފަދަ ގޮތްތަކަށް ކަމަށް މިދިޔަ ހަފްތާގައި ފާހަގަކުރި ގައުމީ ދުވަހު ރައީސް ސޯލިހު ދެއްވި ހިތާބުގައި ވެސް ފާހަގަކުރައްވާފައި ވެއެވެ. އަދި ރާއްޖޭގެ ނޫހަކަށް އިއްޔެ ދެއްވި އިންޓަވިއުގައި މިނިސްޓަރު ޝާހިދުގެ ބަސްމަގު ވެސް ހުންނެވީ ހަމަ އެގޮތަށެވެ.

"އަޅުގަނޑުމެންނަކީ ވަކި އެއް ގައުމަކަށް ބަރޯސާވެގެން އެކުވެރިކަން ބަދަހިކުރާ ގައުމެއް ނޫން. އަޅުގަނޑުމެންނަކީ ހުރިހާ ގައުމުތަކަކަށް ހުޅުވާލެވިގެން ހުރިހާ ގައުމުތަކާއެކު ގުޅުން ބަދަހިކުރާ ބައެއް. އެއީ ދިވެހިރާއްޖެއަށް އޮތް އެންމެ ފައިދާ ހުރި ގޮތަކީ،" ސަން އަށް ދެއްވި އިންޓަވިއުގައި ޝާހިދު ވިދާޅުވެފައި ވެއެވެ. 

އެމެރިކާ އާއި ޗައިނާގެ "ފިނި ހަނގުރާމައިގެ" ތެރެއަށް ރާއްޖެ ވަންނަން ޖެހުނު ނަމަވެސް، ރާއްޖޭގެ ވިސްނުން އޮތް ގޮތް ވަރަށް ސާފެވެ. ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖެއަށް ފައިދާ ލިބެން އޮތް ގޮތްތަކަށް ވިސްނައިގެން ގުޅުން ބަދަހި ކުރުމަކީ ރާއްޖޭގެ މުސްތަގްބަލް އެންމެ ތަނަވަސްވާނެ ގޮތް ކަން ޔަގީނެވެ. އަދި އެ މަގުން ރާއްޖެ ކުރިއަށް ދާ މަންޒަރު ފެންނަމުން އެބަ ދެއެވެ. 

60%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
20%
ވަރަށް ސަލާމް
ކޮމެންޓްސް