ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމުން އެތަނަށް ވަދެނިކުމެ އުޅުން ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
އެހެންނަމަވެސް އެތަނުން ކޮވިޑަށް ޕޮޒިޓިވްވި ކުދިން ރަނގަޅުވެ، މޮނިޓަރިންގެ ހާލަތުންވަނީ މިއަދު ނަގާފައެވެ. ޖެންޑާ މިނިސްޓްރީން ބުނީ އެތަނުން ޓެސްޓްކުރި ހުރިހާ ކުދިންގެ ނަތީޖާވެސް މިހާރު ނެގެޓިވްވެފައިވާ ކަމަށެވެ.
ހިޔާއިން ދެކުއްޖަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ އަށް ވަނަ ދުވަހު އެކުދިންގެ ގައިން ބަލީގެ އަލާމާތް ފެނިގެން ޓެސްޓް ކުރުމުންނެވެ. އެޔަށްފަހު އެޗްޕީއޭ އަދި އެޗްއީއޯސީގެ އިރުޝާދުގެ ދަށުން އެ ދެ ކުދިން ވަކި ފެސިލިޓީއަކަށް ވަނީ ގެންގޮސްފައެވެ. ކުޑަކުދިންގެ ހިޔާއަކީ ގިނަ އަދަދެއްގެ ކުދިން އެކުގައި ދިރިއުޅޭ ތަނަކަށް ވާތީ ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޗްޕީއޭ އަދި އެޗްއޯއީސީއިން ދީފައިވާ އިރުޝާދާއި އެއްގޮތަށް ތަނުގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އޭގެ އިތުރުން ހުޅުމާލޭގައި ހުންނަ ފިޔަވަތިން ވެސް ވަނީ ގިނަ އަދަދެއްގެ ކުދިން ޕޮޒިޓިވްވެފައެވެ. އެޗްޕީއޭއިން އެންމެ ފަހުން ހާމަކުރި މައުލޫމާތައް ބަލާއިރު ފިޔަވަތީން ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 36 ގައެވެ. އެޗްޕީއޭ އިން ބުނީ ފިޔަވަތިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އެތަނުގައި މަސައްކަތްކުރަމުން އަންނަ 18 މުވައްޒަފަކާއި 18 ކުއްޖެއް ކަމަށެވެ. އަދި އެތަނުން ޕޮޒިޓިވްވި މީހުންނާއި ކޮންޓެކްޓްވި މީހުންގެ އަދަދު 72 ގައި އުޅޭއިރު އެމީހުން ތިބީ ކަރަންޓީނުގަ އެވެ. އެއީ 19 މުވައްޒަފަކާއި 53 ކުދިންނެވެ.
ހިޔާ އާއި ފިޔަވައްޗަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓަމުން އަންނަ ދެ މަރުކަޒެވެ.