ads
ޑޮލަރުގެ މައްސަލައިގެ ހައްލަކީ ކޮބާ؟
ރާއްޖޭގެ އިގްތިސާދު ބައްޓަންވެފައި މިވަނީ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެގެންނެވެ. ފަތުރުވެރިކަމުން ލިބޭ އާމްދަނީއިން ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމެއް އެކަށީގެންވާ މިންވަރެއް ކޮންމެ އަހަރަކުވެސް ލިބިގެންދެއެވެ. މީގެ ތެރެއިން ޓޫރިޒަމް ޖީއެސްޓީ އަދި ބިމު ކުލި ލިބިގެންދަނީ ސީދާ ޑޮލަރުންނެވެ. މި ޑޮލަރު މީރާއަށް ބަލައިގަތުމަށް ފަހު، މާރުކުރެވެނީ އެމްއެމްއޭ އަށެވެ. އެމްއެމްއޭ އިން ސަރުކާރުގެ އެކައުންޓަށް ރުފިޔާ ޖަމާކޮށްދިނުމުން، ކޮންމެ މަހަކަވެސް ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި ބޮޑު އަދަދެއް ލިބިގެންދެއެވެ.

ސަރުކާރުގެ މުވައްޒިފުންނަށް ލިބޭ މުސާރައިން ދިރިއުޅުމުގެ ހަރަދުތައް ކުރަމުންދާއިރު، މިފައިސާ ލިބިގެން ދަނީ ވިޔަފާރިތަކަށެވެ. ވިޔަފާރިވެރިންނަށް ރުފިޔާއިން ލިބޭ ވިކުރާއިން، މުދާ އެތެރެކުރުމަށްޓަކައި ޑޮލަރު ގަންނަންޖެހެއެވެ. ބޭންކުތައް މެދުވެރިކޮށް ޓީޓީ ހެދުމަށް ނުވަތަ އެލްސީ ހުޅުވައިގެން މުދާ އެތެރެކުރުމަށް ބޭންކުތަކުން ބައެއް ފަހަރު ޑޮލަރު ފޯރުކޮށްދެއެވެ. ބޭންކުތަކުން މި ޑޮލަރު ގަންނަނީ އެމްއެމްއޭ އިން ނުވަތަ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުންނެވެ.

ރާއްޖެއަށް އަހަރެއްގެ މައްޗަށް ފަތުރުވެރިކަމުގެ ސިނާއަތުން ތިން ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބެއެވެ. މީގެ ތެރެއިން ވަރަށް ބޮޑު ބައެއް އަނެއްކާ ގައުމުން ބޭރުވެގެންދެއެވެ. އެއީ މުވައްޒިފުންގެ މުސާރައަށް ކުރާ ހޭދައިގެ ބޮޑުބައެއް ކުރެވެނީ ބޭރު މީހުންނަށް ކަމުގައިވާތީއެވެ. ތަފާސް ހިސާބުގެ މައި އިދާރާއިން މިއަހަރުތެރޭގައި ނެރެފައިވާ ރިޕޯޓަކުން އެގޭ ގޮތުގައި 2019 ވަނަ އަހަރު ރާއްޖޭގެ ހުރިހާ ރިސޯޓްތަކުގައި ޖުމްލަ 23،622 ބިދޭސީ މުވައްޒިފުން މަސައްކަތް ކުރަމުން ގެންދިޔައެވެ. މީގެ ތެރޭގައި ވަރަށް ބޮޑެތި މުސާރަ ލިބޭ ސީނިއަ މުވައްޒިފުންވެސް ހިމެނެއެވެ. މިހެންކަމުން، ފަތުރުވެރިކަމުން ގައުމަށް ލިބޭ އާމްދަނީގެ ވަރަށް ބޮޑު ބައެއް އެދަނީ ސީދާ ގައުމުން ބޭރުވެގެންނެވެ.

މީގެ އިތުރުން، ރިސޯޓްތައް ހިންގުމަށް ބޭނުންވާ ކަރަންޓު އުފެއްދުމަށް އެތެރެކުރެވޭ ތެލާއި، މަރާމާތަށް އެތެރެކުރެވޭ އާލާތްތަކާއި، އަދި ކެއުމަށް ބޭނުންކުރެވޭ ހުރިހާ ބާވަތެއް ކަހަލަ ގޮތަކަށް މިޖެހެނީ އިމްޕޯޓްކުރާށެވެ. 

ރިސޯޓްތަކަށް ބޭނުންވާ އިމްޕޯޓްތަކަށް އެކަނިވެސް މަހެއްގެ މައްޗަށް 100 މިލިއަން ޑޮލަރު ގައުމުން ބޭރުވެގެންދާކަމަށް އަންދާޒާ ކުރެވެއެވެ. އެއީ އަހަރަކަށް 1.4 ބިލިއަން ޑޮލަރެވެ. ލިބޭ ޖުމްލަ އާމްދަނީގެ ދެބައިކުޅަ އެއްބައި މިހާރުވެސް އެއޮތީ ބޭރަށް ގޮސްފައެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ތެރެއިން ވަރަށް ގިނަ ރަށްތައް މިހާރު ހިންގަމުންދަނީ ބޭރުގެ ބްރޭންޑުތަކާއި ކުންފުނިތަކުންނެވެ. އަދި ބައެއް ރަށްރަށުގެ ހެޑް ލީސް އަދި ސަބްލީސްވެސް ބޭރު ކުންފުނިތަކުގެ އަތްމަތީގައި އެބައޮތެވެ. މިހެންކަމުން ރިސޯޓުން ލިބޭ ފައިދާ (އަރަނި) ވެސް ދަނީ ހަމަ ގައުމުން ބޭރުވެގެންނެވެ.

މިހާތަނަށް މި ލިސްޓުކޮށްލެވުނީ ހަމައެކަނި ފަތުރުވެރިކަމުގެ ސިނާއަތުގެ ތެރެއިން ބޭރުވެގެންދާ ފައިސާއެވެ. މީގެ އިތުރުން، ދިވެހި ރައްޔިތުންގެ ކަރަންޓާއި ފެން އުފެއްދުމަށް އެތެރެކުރެވޭ ތެލުގެ ހަރަދާއި، އޮޑިދޯނިފަހަރާއި، ކަނޑު އުޅަނދުތަކާއި، އެއްގަމު އުޅަނދުތަކަށް ބޭނުންވާ ތެލުގެ ހަރަދާއި، އަދި ކެއުން ބުއިމާއި، އަންނައުނާއި، އިމާރާތް ކުރުމަށް އެތެރެކުރެވޭ ސާމާނާއި، ބޭހާއި، އެހެނިހެން މުދަލެއް އެތެރެކުރުމަށް ކޮންމެ މަހަކު ގާތްގަޑަކަށް 140 މިލިއަން ޑޮލަރު ގައުމުން ބޭރުވެގެންދެއެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ސިނާއަތުން ބޭރުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިން އެތައް މިލިއަން ޑޮލަރެއް ކޮންމެ އަހަރަކު އެމީހުންގެ ގައުމަށް ފޮނުވައެވެ.

ކޮވިޑުގެ ހާލަތުގެ ކުރިން ދިވެހިން ބޭރު ގައުމުތަކަށް ބޭސް ފަރުވާއަށާއި، ޗުއްޓީއަށް، އަދި ތައުލީމް ހާސިލްކުރުމަށް ކުރާ ދަތުރުތަކަށްވެސް ގިނަ އަދަދެއްގެ ފައިސާ ގައުމުން ބޭރުވެގެންދެއެވެ. އުމްރާ އަށާއި ހައްޖު ދަތުރުތަކާއި ދިމާކޮށް ޑޮލަރުގެ ޑިމާންޑު އިތުރުވެ، ގައުމުން ގިނަ އަދަދެއްގެ ފައިސާ ބޭރުވެގެންދެއެވެ.

ކޮންމެއަކަސް، ފަތުރުވެރިކަމުންނާއި މަހުގެ ބާވަތްތައް އެކްސްޕޯޓްކޮށްގެން ގައުމަށް ލިބޭ އާމްދަނީ އެއްކޮށް ހުސްވެގެންދަނީ މިދެންނެވި އެކި ގޮތްގޮތުން ގައުމުން ބޭރުވެގެންނެވެ. މިހެންކަމާއިއެކު، ޑޮލަރުގެ އެކްސްޗޭންޖް ރޭޓް އެއްހަމައެއްގައި ހިފެހެއްޓުމަށްޓަކައި، ދެކަމެއް ފުރިހަމަވާންޖެހެއެވެ.

އެއްކަމަކީ ދައުރުވާ ރުފިޔާގެ މިންވަރު އިތުރުނުވެ ހިފެހެއްޓުމެވެ. އަނެއްކަމަކީ ލޯނުގެ ގޮތުގައި ނުވަތަ ހިލޭ އެހީގެ ގޮތުގައި ޑޮލަރު ގައުމަށް އެތެރެވަމުން ދިއުމެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ކަން ހިނގަމުން ދިޔައީ މިފަދައިންނެވެ. ކޮންމެ އަހަރަކުވެސް ގައުމަށް އާމްދަނީގެ ގޮތުގައި ލިބޭ ޑޮލަރަށްވުރެ ހަރަދުގެ ގޮތުގައި ބޭރުވެގެންދާ ޑޮލަރުގެ އަދަދު އިތުރެވެ. އެހެން ނަމަވެސް ހިލޭ އެހީއާއި ލޯނުގެ ގޮތުގައި ކޮންމެ އަހަރަކުވެސް ޑޮލަރު ލިބެއެވެ. ސަރުކާރުން ކޮންމެ އަހަރަކު އެތައް މިލިއަން ޑޮލަރެއް ލޯނުގެ ގޮތުގައި ހޯދާއިރު، ޕްރައިވެޓް ސެކްޓަރުންވެސް ބޭރުން ލޯނުތައް ނަގައެވެ. އެކި އެކި ރިސޯޓް އިންވެސްޓްމަންޓްތަކާއި، އެހެނިހެން ވިޔަފާރިތަކަށް ދިވެހި ވިޔަފާރިވެރިން ބޭރުގެ ބޭންކުތަކުން ލޯނު ނަގައެވެ. އެކުވެރި ދައުލަތްތަކުން ހިލޭއެހީގެ ގޮތުގައިވެސް ސަރުކާރަށް ޑޮލަރު ލިބެއެވެ.

ކޮވިޑްގެ ސަބަބުން މިހާރު ގައުމުގެ އިގްތިސާދަށް ދިމާވެފައިވާ ހާލަތަށް ބަލާއިރު، އޭޕްރީލް، މެއި، ޖޫން، އަދި ޖުލައި މަހުގެ އެއްބައި ހޭދަވެގެން ގޮސްފައިމިވަނީ ހުރިހާ ރިސޯޓަކާއި، ފަތުރުވެރިކަމުގެ މުޅި ސިނާއަތް ހުއްޓިފައި އޮވެގެންނެވެ. ފަތުރުވެރިކަމުން އެއްވެސް އާމްދަނީއެއް ޑޮލަރެއް ގައުމަށް ނުވަދެއެވެ. އެހެން ނަމަވެސް، ހަމައެއާ އެކު، ރިސޯޓުތަކަށް ކުރިން ކުރަމުން އައި އިމްޕޯޓްތައްވެސް ހުއްޓުނެވެ. އަދި ވަރަށް ގިނަ ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތައް މަޑުޖެހުމުގެ ސަބަބުންވެސް އިމްޕޯޓް ދަށްވެގެން ދިޔައެވެ. ކަސްޓަމްސްގެ ހިސާބުތަކަށް ބަލާއިރު ގާތްގަޑަކަށް މަހެއްގެ މައްޗަށް 100 މިލިއަން ޑޮލަރު މަދުވެގެން ދިޔައެވެ.

މީގެ އިތުރުން، ދިވެހިން ބޭރުގައުމުތަކަށް ދަތުރުކުރުންވެސް މިއޮތީ މަޑުޖެހިފައެވެ. އެހެނިހެން ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބަނުންނާއި، އެއާލައިންތައް އޮޕަރޭޓް ނުކުރުމުގެ ސަބަބުން ކުރިން ދަތުރުކުރި މިންވަރާ ގާތަށްވެސް ދިވެހިންނަށް ދަތުރެއް ނުކުރެވެއެވެ. އަދި އުމްރާ ދަތުރުތައްވެސް މިވަނީ ހުއްޓިފައެވެ. ކޮވިޑާއިއެކު ރިސޯޓުތަކާއި ވިޔަފާރިތައް މަޑުޖެހުމާއިއެކު، ބިދޭސީ މަސައްކަތްތެރިން ބޭރުކުރާ ޑޮލަރުގެ އަދަދުވެސް މިވަނީ ދަށްވެފައެވެ.

ކޮންމެއަކަސް ދަންނަވަން މިއުޅޭ ވާހަކައަކީ، ލިބޭ މަދުވެ މަޑުޖެހިފައި އޮތް ކަމުގައި ވިޔަސް، ކުރަންޖެހޭ ހަރަދުތައް ވެސް މިވަނީ މަޑުޖެހިފައެވެ. ޑޮލަރު ބޭރުވާ މިންވަރު މިވަނީ މަދުވެފައެވެ. ރިސޯޓުތައް ޖުލައި 15 ގައި ހުޅުވާލެވި، ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރުވެސް މިހާރުމިވަނީ އިތުރުވާންފަށާ ފައެވެ. އެހެން ނަމަވެސް ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އިތުރުވެގެން، އަދި ދަށަށް ނުދަނީ ކީއްވެގެންތޯއެވެ؟

އެންމެ މައިގަޑު އެއް ސަބަބަކީ ސަރުކާރުގެ އެދުމަށް، މަޖިލީހުން ރުހުން ލިބިގެން އެމްއެމްއޭ އިން އަލަށް ޗާޕްކޮށްގެން މިއަހަރުގެ ތެރޭގައި ނެރެފައިވާ ހަތަރު ބިލިއަން ރުފިޔާއެވެ. އިގްތިސާދުގައި ދައުރުވަމުންދާ ރުފިޔާގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑު މިންވަރަކުން މިވަނީ އިތުރުވެފައެވެ. މިހުރިހާ ރުފިޔާއެއް އާހިރުގައި ފަހާ ދުވާނީ ޑޮލަރު ހޯދާށެވެ. އިމްޕޯޓްކުރާ މުދަލަށާއި، އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ޑޮލަރު ހޯދުމަށެވެ. ޑޮލަރުގެ ޑިމާންޑް އިތުރުވެގެން ގޮސްފައިމިވަނީ ރުފިޔާގެ މިންވަރު އިތުރުވުމުގެ ސަބަބުންނެވެ. 

އިގްތިސާދުގައި ރުފިޔާގެ މިންވަރު އިތުރު ކުރަންޖެހޭނީ އިގްތިސާދީ ހަރަކާތްތައް އިތުރުވާ މިންވަރަކުންނެވެ. އޭގެން ބޭރުން ރުފިޔާ ޗާޕްކޮށްގެން ނެރޭ ކޮންމެ ފަހަރަކު މި މައްސަލަ ކުރިމަތިވާނެއެވެ. މިކަމުގެ ހައްލަކީ ޑޮލަރުގެ ބަދަލުގައި އެހެން ފައިސާއެއް ބޭނުންކުރުމެއް ނޫނެވެ. ރުޕީސް އަކަސް ޔުއާންއަކަސް، އާހިރުގައި ގައުމުން ބޭރުވަނީ ފައިސާއެވެ. ކޮންމެ ފައިސާއެއް ގަތުމަށްވެސް އާހިރުގައި ބޭނުންކުރަނީ ދިވެހި ރުފިޔާއެވެ. މިހެންކަމުން ހައްލު އޮތީ ރުފިޔާގެ މިންވަރު މަދުކުރުމާއިއެކު، ގައުމަށް ލިބޭ ބޭރުފައިސާގެ އާމްދަނީ އިތުރުކުރުމެވެ. ގައުމުން ފައިސާ ބޭރުވާ މިންވަރު ދަށްކުރުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް