ads
ރޭޕްއާއި ދެކޮޅަށް ކުރިން ބޭއްވުނު މުޒާހަރާގެ ތެރެއިން - ފޮޓޯ: ސީއެންއެމް
ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ ދޮންބައްޕަ ހައްޔަރުކޮށްފި
މެދު ރާއްޖެ ތެރޭގެ ރަށެއްގައި ފެންމަތިވި ދޮންބައްޕަ ދަރިފުޅަށް ޖިންސީ ގޯނާކުރާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެގެން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. 

އޮކްޓޫބަރު 23 ވަނަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ހެނދުނު ސީއެންއެމަށް ބުނީ އެ މައްސަލައާ ގުޅިގެން ފުލުހުންނާއެކު މަސައްކަތްކޮށް، އަންހެން ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދީފައި ވާނެ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓު ކުރާ މިންވަރު ރާއްޖޭގައި ވަނީ އިތުރުވެފަ އެވެ. 

އެގޮތުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް އަނިޔާގެ 242 މައްސަލައެއް ރިޕޯޓު ކުރި އެވެ. އޭގެ ތެރޭގައި ޖިންސީ ގޮތުން ކުރެވޭ އަނިޔާ ވެސް ހިމެނެ އެވެ.

އަނިޔާ ލިބުނު މީހުންގެ ތެރެއިން 18 އަހަރުން މަތީގެ މީހުންގެ އަދަދު 150 އަށް އަރާއިރު 18 އަހަރުން ދަށުގެ ކުދިންގެ އަދަދު އުޅެނީ 92 ގަ އެވެ. 

އެ ތަފާސްހިސާބުތަކަށް ބަލާއިރު 18 އަހަރުން ދަށުގެ ކުދިންނަށް އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާ ކުރުމާއި ޖިންސީ އަނިޔާކުރުމުގެ މައްސަލަތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް