
އިންޑިއާ އާއި ރާއްޖޭން އެކުގައި މަސައްކަތް ކުރާތާ 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކުރެއްވި ޓްވީޓެއްގައި ޝާހިދު ވިދާޅުވީ "މިނިވަން ރާއްޖެ" އެންމެ ފުރަތަމަ ބަލައިގަތް ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނޭ ކަމަށެވެ.
ރާއްޖެއަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އިންޑިއާއިން ބަލައިގަތީ 1 ނޮވެމްބަރު 1965 ގައި ކަމަށާއި އޭރުން ފެށިގެން ދެ ގައުމުގެ ގުޅުން ދަނީ އަހަރަކަށް ވުރެ އަހަރެއް ވަރުގަދަ ވަމުން ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އެ ވަރުގަދަ ގުޅުމުގެ ސަބަބުން އިންޑިއާގެ އެހީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ މަޝްރޫއުތައް ހިންގިފައިވާ ކަމަށާއި މިހާރު ވެސް ހިންގަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އިންޑިއާގެ ހިލޭ އެހީގެ ދަށުން މިހާރު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި 29 އަށް ވުރެ ގިނަ މަޝްރޫއު ދަނީ ހިންގަމުންނެވެ. އިތުރު މަޝްރޫއުތައް ފެށުމާ ގުޅޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން މިދިޔަ މަހު ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އެގޮތުން ދެގައުމުގެ މެދުގައި ގާއިމްކުރެވިފައިވާ އެއާ ޓްރެވެލް ބަބަލްގެ އިތުރުން ދެގައުމުގެ މެދުގައި ޑައިރެކްޓް ކާގޯ ފެރީ ސާވިސް ވަނީ ފަށާފަ އެވެ.
ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ގްރޭޓާ މާލޭ ކަނެކްޓިވިޓިޓީ ޕްރޮޖެކްޓަށް ފޯރުކޮށްދީފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އަދި 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ވެސް ފާހަގަކުރެވެ އެވެ.