ads
އިދިކޮޅު ފަރާތްތަކުން ބޭއްވި ސައިކަލް ބުރު--
"އެންމެ ފުރަތަމަ ގައުމު" ނަމަ މިއަދު މަގުތަކަށް އެއްވާނެތަ؟
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ފާޅުކުރެއްވި ހިޔާލެއް އިއްޔެ ސޯޝަލް މީޑިއާއިން ފެނުނެވެ. މިހާތަނަށް 27 ކޮމެންޓު ލިބިފައިވާ އެ ޓްވީޓުގައި ދުންޔާ ވަނީ "ފްރީޑަމް އޮފް އެސޯސިއޭޝަން" ނުވަތަ އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅުވައިގެން މިހާރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފާޑުވިދާޅުވެފަ އެވެ.
Advertisement

"އެއްވެ އުޅުމުގެ މިނިވަންކަން؟ އަޅުގަނޑު ހީކުރީ މި ސަރުކާރަކީ އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ނަމޫނާއެއް ކަމަށް،" އިދިކޮޅަށް ތާއީދު ކުރާ ހަބަރުތައް ގެނެސްދޭ "ދިޔަރެސް" ނޫހުގެ ހަބަރެއް ޝާއިއުކޮށް ދުންޔާ ކުރެއްވި ޓްވީޓުގައި ވެއެވެ. 

ދުންޔާ އިޝާރާތް ކުރެއްވީ ނޮވެމްބަރު 3 ނުވަތަ ނަސްރުގެ ދުވަހާ ގުޅިގެން އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން އުފައްދައިގެން އުޅޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މާދަމާ ބާއްވަން އުޅޭ ޖަލްސާއަކަށެވެ.

އެ ޖަލްސާއެއްގެ ވާހަކަ އެންމެ ފުރަތަމަ އަޑުއިވުނީ މިދިޔަ ހޮނިހިރު ދުވަހު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އިދިކޮޅުގެ އިސް ބައެއް މީހުން، ފިޔާތޮށި މާސްކު އަޅައިގެން، ކުޑަ ތަންކޮޅެއްގައި ތިބެ، އާދައިގެ މަތިން ހަފްތާގެ ގިނަ ދުވަސްތަކެއްގައި މި ބައްދަލުވުން ބާއްވަ އެވެ. 

ހޮނިހިރު ދުވަހުގެ ބައްދަލުވުމުގައި އިއުލާން ކުރީ ނޮވެމްބަރު 3 ވާ އަންގާރަ ދުވަހުގެ ރޭ 08:00 ގައި ކާނިވާ ސަރަހައްދުގައި "ބަޑި ބުރާސްފަތި" ޖަލްސާ ބާއްވާނެ ވާހަކަ އެވެ. އެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ، އިދިކޮޅުން ކޯލިޝަންގެ ފިކުރު ބިނާވެފައި އޮންނަނީ "އެންމެ ފުރަތަމަ ގައުމު" ގެ މައްޗަށް ކަމަށާއި ނަސްރުގެ ދުވަހުގެ ޒިކުރާ އާ ކުރަނީ އެހެންވެ ކަމަށެވެ. 

ޖަލްސާ ބާއްވަން ސަރުކާރުން ހުއްދަ ނުދޭނެ ކަމަށް ވިދާޅުވެ ސުޖާއުގެ ވާހަކަތައް ކުރިއަށް ގެންދެވިއިރު، ރާއްޖެ ހިމެނޭ ގޮތަށް މުޅި ދުނިޔެއަށް ބޮޑު ބަލިމަޑުކަމެއްގެ ވަބާ ކުރިމަތިވެގެން އުޅޭ ކަން ހަނދާނުގައި ނެތް ކަހަލަ އެވެ. "އެންމެ ފުރަތަމަ ގައުމު" ކަމަށް ވިދާޅުވިއިރު، ގައުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ތަހައްމަލު ކުރަމުންދާ ކަން ހަނދާނުގައި ނެތް ކަހަލަ އެވެ. ނޫނީ ހަނދާނަށް ގެންނަން ބޭނުން ނުވަނީ އެވެ. 

ސުޖާއު ވިދާޅުވި ގޮތަށް އެ ޖަލްސާ ބާއްވަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާދި މާލެ ސިޓީ ކައުންސިލުން ހުއްދައެއް ނުދިނެވެ. އެޗްޕީއޭއިން ކުރިން ވެސް އަންގާފައި ވަނީ ފަސް މީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅުމަށެވެ. ކޮވިޑުގެ ލޮކްޑައުނަށް ފަހު ރާއްޖެ ހުޅުވާލުމާއެކު ނުރައްކާ ދަރަޖައަކަށް މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވެ، ފިޔަވަޅުތައް ހަރުކަށިކޮށްގެން ކުރި މަސައްކަތުން މިހާރު މި ވަނީ އަލުން ކޮންޓްރޯލް ކުރެވިފަ އެވެ. އެހެންކަމުން ވާޗުއަލްކޮށް އެ ޖަލްސާ ބާއްވަން އެޗްޕީއޭއިން އިރުޝާދު ދެއްވި ސަބަބު ވަރަށް ރަނގަޅަށް ފަހުމް ކުރެވެ އެވެ. 

އެކަމަކު "އެންމެ ފުރަތަމަ ގައުމު" ކުރިއަށް ނެރުއްވައިގެން ތިއްބެވި ފަރާތްތަކަށް އެކަމެއް ފަހުމެއް ނުވި އެވެ. އެމީހުންނަށް ވިސްނޭ ގޮތުން އެ އުޅެނީ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އަޅާށެވެ. އަދި ގައުމީ އަބްތޯލުންގެ ހަނދާން އާ ކުރުން ހުއްޓާލާށެވެ. އެއްވެސް އޮއްޓަރެއް ނެތް އެ ވިސްނުމުގައި އެމީހުން ނިންމާފައި މިވަނީ އެޗްޕީއޭގެ އެންގުމާ ހިލާފަށް ޕީޕީއެމް އޮފީސް ދޮރުމަތީގައި އެއްވުން ބޭއްވުމަށެވެ.

މި މައްސަލާގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަަދި އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދް ތައުފީގް ރޭ ވިދާޅުވީ ކޮވިޑް-19 ގެ ހާލަތުގައި އެޗްޕީއޭ އާ އެ ނޫން ވެސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ނުހޯދައި ސިޔާސީ ޕާޓީތަކުން އެއްވުންތައް ބާއްވާނަމަ، އެ ޕާޓީއަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެންގުންތަކާ ހިލާފުވާ ނަމަ ފިޔަވަޅު އެޅުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ގަވާއިދުގެ ދަށުން ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ. 

ދެން އަނެއްކާވެސް ދުންޔާގެ ޓްވީޓުގެ ވާހަކަ ހަނދާންކޮށްލާނަމެވެ. އެއްވެ އުޅުމުގެ މިނިވަންކަމާ ގުޅުވާ ސަރުކާރަށް ފާޑުވިދާޅުވިއިރު، އެ ހައްގާ ގުޅިފައިވާ އެހެން ހައްގުތަކުގެ ވާހަކަ އެކަމަނާ ފާހަގައެއް ނުކުރެއްވި އެވެ. ހެޔޮ ސިއްހަތެއްގައި ތިބުމުގެ ހައްގު ކޮބާ ހެއްޔެވެ؟ ކޮވިޑުގެ ފްރަންޓްލައިނުގައި މަސައްކަތް ކުރާ ހީވާގީ ސިއްހީ މަސައްކަތްތެރިންނާއި އެހެން ވޮލަންޓިއަރުންގެ ހައްގު ކޮބާ ހެއްޔެވެ؟

ދުންޔާގެ އެ ހިޔާލާ ގުޅިގެން އެތައް ބަޔަކު ވަނީ ފާޑުކިޔާ ކޮމެންޓުކޮށްފަ އެވެ. އެގޮތުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު، މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭނެ ކަމާ މެދު ނުވިސްނާތޯ އެތައް ބަޔަކު ވަނީ ސުވާލު އުފައްދާފަ އެވެ.

ކޮންމެއަކަސް ދުންޔާ އެ ވިދާޅުވި ގޮތަށް އެއްވެ އުޅުމުގެ މިނިވަންކަން ހިފަހައްޓަން ސަރުކާރުން މަސައްކަތް ކުރާ މަންޒަރެއް މިހާރަކު ނުފެނެ އެވެ. އެކަމަކު އެކަމަނާ ތަމްސީލް ކުރެއްވި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުގައި އެކަން އިންތިހާއަށް އޮތެވެ. އޭރު މާލޭގައި އެއްވުމަށް އެޅި ގާނޫނީ ހުރަސްތައް އުވާލީ އެހަކަށް ދުވަހު މިހާރުގެ ރައްޔިތުންގެ މަޖިލީހުންނެވެ. ބަލިމަޑުކަމެއްގެ ތެރޭގައި އުޅެމުންދާ މި ދަނޑިވަޅުގައި ހަގީގަތް އޮޅޭ ފަދަ ގޮތަށް ދައްކާ މިފަދަ ވާހަކަތައް ހުއްޓާލަން ޖެހެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް