
ޕީޖީ އޮފީހުން މިއަދު ބުނީ ގދ. ހޯނޑެއްދޫ، އަލަމާގެ، މުހައްމަދު ޔުނާން އާއި، ކ. މާލެ، މ. ނަރުގިސްމާގެއާގެ، ފާތިމަތު ރިހުލާ، މިދިޔަ އަހަރާއި މިއަހަރުގެ ތެރޭގައި އެކި ދުވަސްމަތިން އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލާގައި، ޔުނާންގެ މައްޗަށް ނުވަ ދައުވާ، ރިހްލާގެ މައްޗަށް ފަސް ދައުވާ ކުރުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
ޔުނާންގެ މައްޗަށް އުފުލި ނުވަ ދައުވާގެ ތެރޭގައި ހިމެނެނީ ކުޑަ ކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު ޖިންސީ އަމަލެއް ބަޔަކު ހިންގާ މަންޒަރު އެކުޑަކުދިންނަށް ދެއްކުމުގެ ދެ ދައުވާއާއި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، އެކުއްޖާ ލައްވާ ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާގެ އިތުރުން އާއިލާގެ މެމްބަރަކު އެ އާއިލާގެ ކުޑަ ކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާގެ އިތުރުން، ކުޑަކުއްޖަކުު އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، އެކުއްޖާގެ ހާޒިރުގައި އެކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާ އާއި އޮރިޔާންކާޑު ގެންގުޅުމާއި އޮރިޔާންކާޑު އުފެއްދުމުގެ ދައުވާ އެވެ.
ރިހުލާގެ މައްޗަށް ކުރާ ފަސް ދައުވާގެ ތެރޭގައި ހިމެނެނީ ކުޑަ ކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އާއި ކުޑަކުއްޖަކުު އިތުބާރުކުރެވޭ މަގާމެއްގައި ހުރި މީހަކު، އެކުއްޖާގެ ހާޒިރުގައި އެކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމާއި އޮރިޔާންކާޑު އުފެއްދުމުގެ ދައުވާ އެވެ.
ހުޅުމާލޭގައި އުމުުރުން 15 އަހަރުގެ ފިރިހެން ކުއްޖަކާއެކު އިތުރު ދެ މީހަކު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޔުނާންގެ ދެ މަފިރިން ހައްޔަރުކުރީ މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ މަހުގެ 14 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފަ އެވެ.
ޔުނާންގެ ދެމަފިރިން ހައްޔަރުކުރީ އެދެމީހުން ހައްޔަރުކުރަން ގޮވާލާއި ގިނަ ބަޔަކު އެމީހުން ހުޅުމާލޭގައި ދިރިއުޅޭ އެޕާޓްމަންޓް ދޮށުގައި އަޑުއުފުލަމުން ދަނިކޮށެވެ.