ބުއްދިއެއް ނެތި ﷲ އުފައްދަވާފައިވާ ވާލުގެ ކުށަކަށްވީ ގޯތި ގަހުން ޖަނބުރޯލު ކެއުމެވެ. އެކަމުގެ ކުށެއްގެ އަދަބެއްގެ ގޮތުން ސޮލީބަށް އަރުވައި، އެއީ އޭނާ ވާލަށް އިއްވި ހުކުމް ކަމަށް ސޯޝަލް މީޑިއާގައި މި ފިރިހެން މީހާ ލާފައިވާ ޕޯސްޓެއްގައި ލިޔެފައިވެ އެވެ.
ވާލަށް އަނިޔާ ކުރިއިރު ޖަނަވާރުންނަށް ހެޔޮކޮށް ހިތުމަށް ﷲ ގެ ރަސޫލާ މުހައްމަދު ސ.އ.ވ އަންގަވާފައިވާކަން އޭނާއަށް ނޭންގޭ ކަހަލަ އެވެ. ވާލު ފަކީރު ސޮލީބަށް އަރުވައި، އެ މަންޒަރުގެ ފޮޓޯ ރަށަށް އާންމު ކުރިއިރު، އިންސާނުންނެކޭ އެއްފަދައިން ޖަނަވާރުން ވެސް ގިޔާމަތް ދުވަހު ﷲ ގެ ކުރިފުޅުމައްޗަށް ހާޒިރު ކުރެވޭނެކަން އަލް-އަންއާމް ސޫރަތުގެ 38 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވާކަން އޭނާ ނުދެނަހުރި ފަދަ އެވެ.
"ފުރާނައެއް ހުރެގެން ބިމުގައި އުޅޭ ކޮންމެ އެއްޗެއް ނަމަވެސް، އޭގެ ދެ ފިޔައިން އުދުހޭ ދޫންޏެއް ނަމަވެސް، ތިޔަބައިމީހުން ފަދަ އުއްމަތެއް ކަމުގައި މެނުވީ ނުވެ އެވެ،" އިންސާނުންނަށް މުހާތަބު ކުރައްވާ އެ އާޔަތުގައި ﷲ ވަހީ ކުރައްވާފައިވެ އެވެ.
ވާލު ސޮލީބަށް އެރުވި ވާހަކަ ވެސް ފޮތުގައި އޮންނާނެކަން އެއްވެސް ޝައްކެއް ނެތެވެ. އެ އަމަލުގެ ބޮޑުކަމާ އެވެ. ވާލު އެ ސޮރުގެ ކަލާންގެ ހަޒްރަތަށް ހާޒިރު ކުރެވޭ ދުވަހު އެ ސޮރުގެ ހައްގު ހޯދަން އުޅޭނެ ބާވަ އެވެ. ނޭންގެ އެވެ. އެނގޭ ކަމަކީ ﷲ އުފެއްދެވި ކޮންމެ ހަލްގަކަށް ވެސް ގިޔާމަތް ދުވަހު އިންސާފު ލިބޭނެ ކަމެވެ.
ވާލަށް އަނިޔާ ކުރި މައްސަލަ މިހާރު ވަނީ ފުލުހުންނަށް ވެސް ހުށަހަޅައިފަ އެވެ. މި ހާދިސާ ހިނގާފައި މި ވަނީ މީގެ ދުވަސްކޮޅެއް ކުރިން މާލޭ މަގުމަތީ ބުޅަލަށް އަނިޔާ ކުރުން ވެސް އާންމުވެފައި އޮއްވަ އެވެ. ވިސްނާލަން ޖެހޭ ކަމަކީ ޖަނަވާރުންނަކީ ވެސް ﷲ އުފެއްދެވި ތަކެތި ކަމެވެ. ޖަނަވާރާއި ސޫފާސޫފީގެ ނަމުން ކީރިތި ގުރްއާނުގައި ހަ ސޫރަތަކަށް ވަނީ ނަން ދެއްވައިފަ އެވެ. ގުރްއާނުގެ 200 އަށް ވުރެ ގިނަ އާޔަތުގައި ﷲ ވަނީ ޖަނަވާރުންނާއި ދޫނި ސޫފާސޫފީގެ ވާހަކަ ވަހީ ކުރައްވައިފަ އެވެ.
ޖަނަވާރަކަށް އަނިޔާ ކުރުމުގެ ކުރިން އިތުރަށް ވިސްނާލާށެވެ. ގިޔާމަތް ދުވަހު ތިބާއެކޭ އެ ޖަނަވާރެކޭ ވާނީ އެއްވަރެވެ. ތި ދެ މަހްލޫގުން ވެސް އުފެއްދެވީ ﷲ އެވެ. އެ ދުވަހު އެމީހުންނަށް އެމީހުންގެ ހައްގު ވެސް ލިބޭނެ އެވެ.