ads
މޯލްޑިވްސް މީޑިއާ ކައުންސިލް-- ފޮޓޯ: އެމްއެމްސީ
އަހްލާގީ މިންގަނޑަށް ނުފެތޭ މީޑިއާތަކަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
ބައެއް މީޑިއާތަކުން "ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑު" އަށް ނުފެތޭ ކޮންޓެންޓް ތައްޔާރުކޮށް، ޖިންސީ އަމަލުތަކަށް ހިތްވަރު ލިބޭފަދަ ގޮތަކަށް ޝާއިއު ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ އެފަދަ ކޮންޓެންޓް ގެނެސްދޭ މީޑިއާތަކާމެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއަޅާނެ ކަމަށް މީޑިއާ ކައުންސިލްއިން ބުނެފި އެވެ.

މީޑިއާ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ފަހަކަށް އައިސް ބައެއް މީޑިއާތަކުން ބަދުއަހްލާގީ އަމަލުތަކާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރު ލިބޭފަދަ މޭރުމުން މީޑިއާ ކޮންޓެންޓް ތައްޔާރުކޮށް ޝާއިއުކުރާކަން އެ ކައުންސިލަށް ފާހަގަކުރެވިފައިވާ ކަމަށާއި "ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑު" އާއި އެއްގޮތްވާގޮތުގެ މަތިން ހަބަރާއި މައުލޫމާތު ގެނެސްދިނުމަށް އިލްތިމާސްކުރާކަމަށެވެ. 

އިންޓަނެޓްގެ ޒަރިއްޔާއިން ވެބްސައިޓާއި، މީސްމީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ހަބަރާއި މައުލޫމާތު ފެތުރުން ފުޅާވެފައިވާ ޒަމާނެއްގައި، ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އަހްލާގީގޮތުން ދަށްފެންވަރުގެ ލިޔުންތައް އާންމުވުމުގެ ސަބަބުން ސޯޝަލް މީޑިއާ އާއި އިންޓަނެޓްގެ ޒަރިއްޔާއިން ފުރާވަރުގެ ކުދިންނަށް ނޭދެވޭ އަސަރުކުރާކަމުގެ ކަންބޮޑުވުން ކަމާގުޅުންހުރި ފަރާތްތަކުން އެ ކައުންސިލާ ހިއްސާކުރަމުންދާކަމަށާއި ބައެއްފަހަރު އެފަދަ ކޮންޓެންޓްތައް އެ ކޮންޓެންޓެއް ތައްޔާރުކުރި މީޑިއާއަކުން ނެގި ނަމަވެސް އިންޓަނެޓްގެ ޒަރިއްޔާއިން ޝެއާކުރެވޭތީ ޒަމާންތަކެއްވަންދެން އެފަދަ ލިޔުންތައް އާންމުންނަށް ފެންނަން ހުންނަކަމަށް ބުނެފައިވެއެވެ. އަދި އެއީ އެކައުންސިލުން ކަންބޮޑުވާކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

ކައުންސިލުން ބުނީ ބައެއް މީޑިއާތަކުގައި ނޫސްވެރިކަމުގެ އަހްލާގީ މިންގަނޑާއި މުޖުތަމައުގެ ހަމަތަކާއި އަހްލާގީ މިންގަނޑާ ހިލާފު ލިޔުންތަކާއި އިންސާނީ ކަރާމާތަށް އުނިކަން ލިބޭފަދަ ލިޔުންތައް އަދި އެއްވެސް ހަގީގަތެއް ނެތް ތޯތޯ ވާހަކަތަކުގެ މައްޗަށް ބިނާކޮށްވެސް އެކި ބާވަތުގެ ލިޔުންތައް ޝާއިއުކުރާކަން ފާހަގަކުރެވިފައިވާކަމަށާއި އެފަދަ ކަންކަމުގެ ޝަކުވާ އާންމު ފަރާތްތަކުން އެކައުންސިލްގެ ސަމާލުކަމަށް ދަނީ ގެންނަމުންކަމަށެވެ.

"ދިވެހި މީޑިއާގައި މަސައްކަތްކުރާ އެންމެހައި ފަރާތްތަކުންވެސް އަބަދުވެސް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި، އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމާއެކު އިޖުތިމާއީ އަހްލާގް ދަމަހައްޓައި ޒިންމާދާރުކަމާއެކު ނޫސްވެރިކަމުގެ ޕްރޮފެޝަނަލިޒަމް ދަމަހައްޓަންޖެހެއެވެ. މުޖުތަމައުގެ އާންމު މަސްލަހަތު ހިމާޔަތްކުރަންޖެހެއެވެ. މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދަ އުފެއްދުމާއި އަހްލާގީގޮތުން ދަށުދަރަޖައިގެ ވާހަކަތަކާއި ލިޔުންތަކަކީ ނޫސްވެރިކަމުގެ އެތިކްސް ނުވަތަ އަހްލާގީ ހަމަތަކާ ކަނޑައެޅިގެން ހިލާފު ކަމެކެވެ. އެހެންކަމުން ނޫސްވެރިކަމުގެ ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްގެންވިޔަސް އަދި ނުކޮށްވިޔަސް މިދެންނެވި މަތިވެރި އުސޫލުން ބޭރުން މީޑިއާގެ އެކި ވަސީލަތްތައް ހިންގަމުން ދިއުމަކީ މިކައުންސިލަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ." މީޑިއާ ކައުންސިލުގެ ބަޔާނުގައިވެއެވެ.

އެ ކައުންސިލުން ބުނީ އޭގެ ސަބަބުން އިހްލާސްތެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތް ކުރާ އެތައް ބަޔަކަށް ބަދުނާމާއި ނުހަނު ގިނަގުނަ ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެހެންކަމުން ދިވެހި މީޑިއާގެ ހަމަތަކާއި އަހްލާގީ މިންގަނޑާއި މުޖުތަމައުގެ އާއްމު އަހްލަގީ މިންގަނޑުގެ ބޭރުން އަނިޔާވެރިކަމާއި ރުޅިވެރިކަމާއި ނަފުރަތު އުފެއްދުމަށް އަމަލުކުރާ މީޑިއާތަކާއި، ބަދުއަހްލާގީ އަމަލުތަކަށް ހިތްވަރުދީ އެފަދަ ކަންކަމަށް މަގުފަހިވާފަދަ ގޮތަކަށް އަމަލުކުރާ މީޑިއާތަކާމެދު އެކައުންސިލުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުއަޅާނެ ކަމަށް އެ ކައުންސިލްގެ ބަޔާނުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް