ads
ޖޯ ބައިޑެން--
އެމެރިކާގެ 46 ވަނަ އިންތިހާބީ ރައީސް ޖޯ ބައިޑެން އަކީ ކޮން ބޭފުޅެއް؟
ނިމިގެން މިދިޔަ އެމެރިކާގެ ރިޔާސީ އިންތިހާބަކީ އެގައުމުގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވައިޓް ހައުސްއަށް ވަނުމަށް ތިންވަނަ ފަހަރަށް ކުރެއްވި މަސައްކަތެވެ. އެކަމަކު 1987 އާއި 2008 ގައި ކުރެއްވި މަސައްކަތާ ހިލާފަށް މިފަހަރުގެ ރޭހަށް ނިކުމެވަޑައިގެންނެވީ ޑިމޮކްރެޓިކް ޕާޓީގައި ހުންނެވި އެންމެ ވަރުގަދަ އެއް ލީޑަރުގެ ގޮތުގަ އެވެ.
Advertisement

އުމުރުން 77 އަހަރުގެ ބައިޑެންއަށް ކެމްޕޭނުގެ ކުރީކޮޅު ގިނަ ނާކާމިޔާބީއާ ކުރިމަލާން ޖެހިވަޑައިގެންނެވި އެވެ. އެކަމަކު މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "އަޑުގަދަ" ކެމްޕޭނާ ހިލާފަށް ބައިޑެން ކުރެއްވި "މަޑުމައިތިރި" ކެމްޕޭނުގެ ނަތީޖާއެއްގެ ގޮތުން ވަނީ އެތައް ބައެއްގެ ލޯބި ލިބިވަޑައިގެންފަ އެވެ. 

ކުރީގެ ރައީސް ބަރަކް އޮބާމާ ސިފަކުރައްވާފައިވާ ގޮތުގައި ބައިޑެންއަކީ އެމެރިކާގައި މިހާތަނަށް ހުންނެވި "އެންމެ ރަނގަޅު" ނައިބު ރައީސެވެ. ނަމަވެސް 40 އަހަރު ވަންދެން ސިޔާސީ ދާއިރާގައި ކުރެއްވި މަސައްކަތުން އައިސްފައިވާ ނަތީޖާގެ ސަބަބުން ބައިޑެންއަށް ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.

ސިޔާސީ ހަޔާތް

2008 ވަނަ އަހަރު ބައިޑެން ވަނީ ރައީސްކަމަށް ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓް ހޯއްދެވުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ފަހުން އެކަން ހުއްޓާލެއްވުމަށް ފަހު ވަޑައިގެންނެވީ އޮބާމާގެ ޓީމަށެވެ. އޮބާމާގެ ނައިބު ރައީސްގެ ގޮތުގައި އަށް އަހަރު ހޭދަކުރެއްވުމުގެ ސަބަބުން އޭރުގެ ސިޔާސަތުތައް ދަމަހައްޓާނެ ކަމަށް ބައިޑެން ވިދާޅުވާ ވިދާޅުވުން ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

އެގޮތުން ސިއްހީ ދާއިރާއަށް "އެފޯޑަބަލް ކެއާ އެކްޓު" އަދި ވަޒީފާ ނެތް މީހުންނަށް ދޭ އެލަވަންސާއި މާލީ ކާރިސާތަކުން އަރައިގަންނަން ގެންގުޅުއްވާނީ އެއް ސިޔާސަތުތަކެއް ކަމަށް ބައިޑެން ވަނީ ވިދާޅުވެފަ އެވެ. އޭގެ އިތުރުން "ކޮއްކޮ" ގެ ނަމުން އޮބާމާއާ މުހާތަބު ކުރައްވާތީ ކަޅު ނަސްލުގެ ގިނަ ބައެއްގެ ވޯޓު ބައިޑެންއަށް ލިބިފައިވާ ކަން ކަށަވަރެވެ.

your imageބައިޑެން އަދި އޮބާމާ--

ވޮޝިންގްޓަންގައި އެތައް އަހަރެއް ހޭދަކުރައްވާފައި ވާތީ ފޮރިން އެފެއާޒްގެ ދާއިރާގައި ބައިޑެންގެ ތަޖުރިބާ ގިނަ އެވެ. އެހެންކަމުން އޭރުގެ ސަރުކާރުގައި އޮބާމާގެ އެގްޒެކްޓިވް ތަޖުރިބާ މަދު ކަން ބެލެންސް ކުރެވުނީ ބައިޑެންގެ އެހީގަ އެވެ. މިޑްލް ކްލާސް ނުވަތަ މެދު ފަންތިއަށް ނިސްބަތްވާ ބައިޑެންއަށް ނިސްބަތް ކޮށް "މިޑްލް ކްލާސް ޖޯ" ކިޔަ އެވެ. އޭގެ ސަބަބުން 2008 ގައި އޮބާމާއަށް އެ ދާއިރާގެ ވޯޓުތައް ލިބުމަށް ފަސޭހަވި އެވެ.

އެމެރިކާގެ ފުރަތަމަ ކަޅު ނަސްލުގެ ރައީސްގެ ނައިބު ރައީސްގެ މަގާމަށް ބައިޑެންއަށް ވަޑައިގެންނެވުނީ ދިގު ސިޔާސީ ކެރިއާއަކަށް ފަހު އެވެ. އެގޮތުން ޑެލަވެއާގެ ސެނެޓަރު ކަން ހަ ފަހަރު ކުރައްވާފައި ވެއެވެ. އެންމެ ފުރަތަމަ އެ ގޮނޑިއަށް އިންތިހާބުވެ ވަޑައިގެންނެވީ 1972 ގައެވެ.

your imageބައިޑެން 1972 ގައި--

އޭގެ ފަހުން 1988 ގައި ރައީސްކަމަށް ވާދަކުރެއްވި އެވެ. އެކަމަކު އޭރު އިނގިރޭސި ލޭބަ ޕާޓީގެ ލީޑަރު ނީލް ކިނޮކްގެ ސްޕީޗެއް ކޮޕީ ކުރެއްވި ކަން ފަޅާ އެރުމުން ބައިޑެން ވަނީ އެ ރޭހުން ދުރަށްޖެހިވަޑާއިގެންފަ އެވެ. ބައިޑެންގެ ސިޔާސީ ކެރިއާގައި ކުރީކޮޅު ގެންގުޅުއްވި ބައެއް ހަރުކަށި ވިސްނުންތަކުގެ ސަބަބުން ޑިމޮކްރެޓިކް ޕާޓީގެ ވިސްނުމުގެ ތެރެއަށް ފިޓުވާ ގޮތަކާ މެދު ވެސް ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައި ވެއެވެ.

އަމިއްލަ ދިރިއުޅުން

ބައިޑެންގެ މުޅި ހަޔާތުގައި ވެސް ލޯބިވާ މީހުން ވަކިވެ ދިޔުމުގެ ހިތާމައާ ވަރަށް ގިނައިން ކުރިމަތިލައްވާފައި ވެއެވެ. އެގޮތުން 1972 ގައި ސެނެޓަށް އިންތިހާބުވެ ވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ފުރަތަމަ އަނބިކަނބަލުން ނީލިއާ އަދި ތުއްތު ދަރިފުޅު ނައޯމީ ވަނީ ކާރު އެކްސިޑެންޓެއްގައި މަރުވެފަ އެވެ.

އެއާއެކު އޭނާ ސެނެޓުގެ މަގާމުގެ ހުވާ ކުރެއްވީ ހޮސްޕިޓަލް ކޮޓަރިއެއްގައި ހުންނަވަ އެވެ. އޭރު ކުޑަ ދެ ފިރިހެން ދަރިން ކަމަށްވާ ބިއު އަދި ހަންޓާ އެ ކޮޓަރީގައި އުޅެ އެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ސިކުނޑީގެ ކެންސަރުގައި ބިއު ވަނީ މަރުވެފަ އެވެ. އޭރު އުމުރުން 46 އަހަރެވެ. 

your imageބިއު އަދި ބައިޑެން--

ސިޔާސީ ކެރިއަރުގެ ތެރޭގައި ވަގުތުތައް އުޅުއްވަމުން ވެސް ބައިޑެން އާއިލާއަށް ވަގުތު ދެއްވާތީ "ފެމިލީ މޭން" އެއްގެ ގޮތުގައި ވަނީ މަޝްހޫރުވެފަ އެވެ. ނަމަވެސް މި އަހަރުގެ ކެމްޕޭނުގެ ތެރޭގައި ބައިޑެންއާ ގުޅުވައިގެން ޖިންސީ ފުރައްސާރައިގެ ވާހަކަތަކެއް ފެންމަތިވި އެވެ. އެގޮތުން އަންހެން ސަޕޯޓަރުންނާ މާ ގައިގޯޅިކޮށް އުޅޭ ކަމަށް ތުހުމަތު ކުރެވުނެވެ. 

އެ ތުހުމަތުތަކަށް ބައިޑެން ރައްދު ދެއްވަމުން ވިދާޅުވީ އޭނާއަކީ ހިތްހެޔޮ މިޒާޖެއްގެ މީހެއް ކަމަށާއި އެއީ މި ޒަމާނުގައި ބަލައިގަންނަން ދަތި ކަމަކަށް ވެފައިވާ ކަމަށެވެ. ބައިޑެންގެ ކެމްޕޭނުގައި މައިގަނޑު ޝިއާރެއްގެ ގޮތުގައި ވެސް ބޭނުންކުރެއްވި "ކައިންޑްނެސް" އެވެ.


60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް