
އެގޮތުން ސެޕްޓެމްބަރު މަހު 9،538 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާ އިރު، މިދިޔަ އޮކްޓޯބަރު މަހު 21،515 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ. މިއީ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު 126 އިންސައްތަ އިތުރު އަދަދެކެވެ.
މިދިޔަ އޮކްޓޯބަރު މަހު ރާއްޖެ އަށް އައި ފަތުރުވެރިން އިތުރުވެފައިވާ އިރު، އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގައެވެ. އެއީ 1،475 މީހުންނެވެ. އެއީ ސެޕްޓެމްބަރު މަހާއި އޮގަސްޓް މަހާއި އަޅާ ބަލާއިރު ރެކޯޑް އަދަދެކެވެ.
އޮކްޓޯބަރު މަހުގެ 26 ގައި އެއް ދުވަހެއްގައި އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، އޮކްޓޯބަރު މަހުގައި އެންމެ މަދުން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވަނީ އެ މަހުގެ ހަތްވަނަ ދުވަހުގައެވެ. އެއީ 114 ފަތުރުވެރިންނެވެ.
އޮކްޓޯބަރު މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިޔާއިންނެވެ. އެގޮތުން ރަޝިޔާއިން 5،995 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާ އިރު، އެއީ ސެޕްޓެމްބަރު މަހާއި އަޅާ ބަލާއިރު 190 އިންސައްތަ އިތުރު އަދަދެކެވެ.
އޮކްޓޯބަރު މަހު އިނގިރޭސިވިލާތުން 1،780 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ އިރު، އެމެރިކާ އިން 1،449 އަވަށްޓެރި އިންޑިއާ އިން 1،396 އަދި ފްރާންސް އިން 1،093 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައި ވެއެވެ.
ޖުލައި 15 ގައި ބޯޑަރު ހުޅުވާލި ފަހުން މިހާތަނަށް ރާއްޖެއަށް 40،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ އިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން 500،000 ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓްރީ އިން ވަނީ ވިދާޅުވެފައެވެ.